ރައީސް ޔާމީން ޖަލަށް ލާން ނަޖީބު އަޅުގަނޑު ގާތު އެދުނު: ހައިލަމް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހްމަދު ހައިލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު އެދިވަޑައިގެން ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައިލަމް އާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާ ދެމެދު ދެކެވުނު ކަމަށް ބުނާ ވާހަކަތަކެއް ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޖީބު ވިދާޅުވީ ހައިލަމް އެ މައްސަލަ ބެއްލެވިއިރު އޭނާއާއި ހައިލަމްއާ ދެމެދު ދެކެވޭ ވާހަކަތައް ހަނދާން ނުނެތޭނެ ކަމަށެވެ. އެގޮތުން އެއް ދުވަހެއްގައި ނަޖީބު ކޮޓަރީގައި އިންނަވަނިކޮށް ހައިލަމް ކޮޓަރިއަށް ވެންނެވި ކަމަށާއި، އެދުވަހު ދެކެވުނު ވާހަކައިގައި ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ މަގާމަށް ހުސްނުއްސުއޫދު ހަމަޖެހޭ ހަބަރު އެބަ އިވެއޭ ވިދާޅުވި ކަމަށް ފަނޑިޔާރު ނަޖީބު ވިދާޅުވިއެވެ.

ހައިލަމް "ސަން"އަށް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ނަޖީބް އޭނާއާ ބެހޭގޮތުން ދެއްކެވި ޙަޤީޤަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރައްވާ ކަމަށެވެ.

"ނަޖީބު އެ ވިދާޅުވިގޮތަށް ނަޖީބު ހުއްޓައެއް އަލީ ޒާހިރު އަޅުގަނޑާ ގުޅައިގެންނެއް އެގޮތަށް އެކަން ހިނގާފައެއް ނުވާނެ. ނަޖީބު ހުއްޓައެއް އަލީ ޒާހިރު އަޅުގަނޑަށް ގުޅާފައެއް ނޯންނާނެ." ހައިލަމް ވިދާޅުވިއެވެ.

ހައިލަމް އިތުރަށް ވިދާޅުވީ މިހާރު އެ ބޭފުޅުން އެ ދައްކަވާ ވާހަކައެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އޭނާއަކީ ވަަޒީފާގެ ބިރަށްޓަކައި މީހަކު ބުނާ ގޮތަށް ކަންތައް ކުރަން ހުރި މީހެއް ނޫން ކަމަށާއި ވަޒީފާގެ ކަށަވަރުކަން ހޯދުމުގެ ގޮތުން އެއްވެސް މީހަކާ ވާހަކަ ދައްކައިގެން ބަޔަކު އެދޭ ގޮތަށް ހުކުމް ކުރަން ހުރި މީހެއް ވެސް ނޫން ކަމަށް ހައިލަމް ވިދާޅުވިއެވެ.

"އަޅުގަނޑު އެފަދަ އަންޑަސްޓޭންޑިންއެއް ބަޔަކާ އޮތްނަމަ އަޅުގަނޑު މަގާމު ގެއްލޭކަށް ނުޖެހޭނެތާ. ދެން ބައެއް ގާޒީންގެ ވިސްނުން ހުރީ އެ ބޭފުޅުންގެ މަގާމަށް ޓަކައި ރައީސް ޔާމީނަށް ބެލުމެއް ނެތް، ކޮންމެ މީހަކު ކޮމްޕްރޮމައިޒްވިޔަސް އެ ބޭފުޅުންނަށް ބޭނުންވީ މަގާމު. މަގާމު ގެއްލުނީމަ މިއަދު އެ ދައްކާ ވާހަކައެއް އެ ދައްކަވަނީ." ހައިލަމް ވިދާޅުވިއެވެ.

comment ކޮމެންޓް