ގެސްޓްހައުސް ހުޅުވާ ތާރީހުން ފެށިގެން ހުއްދައަކާނުލާ ރިސޯޓުން ރަށްރަށަށް ދެވޭނެ

ޓޫރިސްޓުންތަކެއް ތޮއްޑޫ މަގެއްގެ މަތިން ހިނގާފައި ދަނީ: ގެސްޓް ހައުސް ވިޔަފާރީގައި ތޮއްޑޫއަކީ މަޝްހޫރު ރަށެއް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

ރާއްޖޭގައި ހިންގާ ގެސްޓްހައުސްތައް ހުޅުވާލާ ތާރީހުން ފެށިގެން ރިސޯޓުތަކާއި ރަށްރަށާ ދެމެދު ދަތުރުކުރުމުގެ ހުއްދަ ދެވޭނެ ކަމަށް ޓޫރިޒަމް ގައިޑްލައިންގައި ބުނެފިއެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި އަންނަ މަހުގެ 15 އިން ފެށިގެން ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމައިފައެވެ. އެކަން އިއުލާނު ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ އޮގަސްޓުމަހުގެ ތެރޭގައި ގެސްޓުހައުސްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ.

ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވެފައިވާއިރު ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނީ އޮގަސްޓް އެކެއްގައި ގެސްޓްހައުސްތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ތާރީހު ބަދަލުވެދާނެ ކަމަށާއި ގެސްޓްހައުސްތައް ހުޅުވާ ލުމުގެ ކުރިންވެސް ރާއްޖެ އަންނަ ފަތުރުވެރިއަކަށް، ޓޫރިސްޓް ރިސޯޓަށް ދިޔުމުގެ ކުރިން މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ގެސްޓްހައުސްއެއްގައި، ޓްރާންސިޓު ސްޓޭ އަކަށް ހާއްސަ ހުއްދައެއްގެ ދަށުން މަޑު ކުރެވިދާނެ ކަމަށެވެ.

އަދި މިގޮތަށް މަޑުކުރާއިރު ފަތުރުވެރިޔާ އަށް އޭނާ ހުންނަ ގެސްޓްހައުސް އިމާރާތުން ބޭރަށް ނުދެވޭނެ ކަމަށާއި އޭނާގެ ކެއިންބުއިމުގެ ކަންތައްވެސް ހަމަޖައްސަން ޖެހޭނީ ގެސްޓްހައުސް ގައި ކަމަށް ބުނެފައިވެއެވެ. މިގޮތަށް ގެސްޓުހައުސްތަކަށް ފަތުރުވެރިން ގެންދާ އުޅަނދުތަކަކީ އެޗްޕީއޭގެ ގައިޑްލައިންތައް ބުނާގޮތަށް އޮޕަރޭޓުކުރާ އުޅަނދުތަކަށް ވާންޖެހޭނެކަމަށް ގައިޑްލައިންގައި ބުނެފައިވެއެވެ.

ގައިޑްލައިން ބުނާގޮތުން ގެސްޓްހައުސްތަކަށް ހުއްދަ ދިންނަމަވެސް ގެސްޓްހައުސް އަދި ޓޫރިސްޓު ވެސެލް އަކަށް ކޮވިޑް19 އަށް ޕޮޒިޓިވް މީހަކަށް ނުދެވޭނެ އެވެ.

ގެސްޓްހައުސް ހިންގާ ރަށްތަކުގައި ހުންނަ ޑޮކްޓަރަކީ ކޮވިޑު19 އާއި ގުޅޭ ޓެސްޓު ހެދުމާއި އައިސޮލޭޝަން އާ ގުޅޭ ތަމްރީނު ލިބިފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާއި، މި ތަމްރީނުތައް ފުރިހަމަ ކުރާ ޑޮކްޓަރުން ތިބޭ ރަށްރަށުގެ ގެސްޓުހައުސްތައް ހުޅުވުމަށް ހުއްދަ ދޭނެ ކަމަށް ގައިޑްލައިންގައި ބުނެފައިވެއެވެ.

ފަތުރުވެރިއަކު އައިސޮލޭޓު ކުރަން ޖެހިއްޖެނަމަ އައިސޮލޭޝަން ފެސިލިޓީ ފޯރުކޮށްދޭންޖެހޭނީ ގެސްޓުހައުސްގެ ފަރާތުންނެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ގެސްޓުހައުސް އަދި ކެފޭ ރެސްޓޯރެންޓުން ބަލަހައްޓަންވާނެ ކަމަށް ގައިޑްލައިން ބުނެއެވެ.

ހުޅުވާލުމުގެ ކުރިން ކޮންމެ ގެސްޓްހައުސްއަކުންވެސް އެތަނަކުން އެކުލަވާލާފައިވާ ހެލްތު އެންޑް ސޭފްޓީ ގައިޑްލައިން އެއް ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެއެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 8،50،000 ފަތުރުވެރިން ގެނައުން ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވިއެވެ.

comment ކޮމެންޓް