ރައީސްގެ ޝުކުރު ރައްޔިތުންނަށް: ތިވީ ބޮޑު ގުރުބާނީއެއް

25 މާޗް 2020: ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ގުޅިގެން ރައީސް ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް، މާލެ ސަރަހައްދު ފުރަބަންދުކޮށް، ސަރުކާރުންް އެޅި ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބައި ކިޔަމަންވެފައިވާތީ އެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ދެންމެ ވިދާޅުވީ، މުޅި ރަމަޟާން މަސް ހިމެނޭގޮތުން، ރައްޔިތުން ގެއިން ނުުނުކުމެ 42 ދުވަސް ހޭދަކޮށްފައިވާ ކަމަށެވެ. އަދި ސިއްހީ މާހިރުންގެ ލަފަޔާ އެއްގޮތަށް ފުރަބަންދަށް ލުއިތައް ދެމުން އަންނަ އިރު، މިކަމުގައި އަލިމަގެއް ފެންނަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ 42 ދުވަސް ވަންދެން ގެއިން ބޭރަށް ނުގޮސް، ތުއްތުތުއްތު ދަރިންނާއި، ދުވަސްވީ މައިންބަފައިންނާއި، މުޅި އާއިލާ އެކުގައި ގޭ ބަންދުގައި ހޭދަކުރުމަކީ، ދަތި އުނދަގޫ ކަމެއް ކަމަށެވެ.

"މިއީ ތިޔަ ހުރިހާ ބޭފުޅުން، އާދެ! ވަކިވަކި ފަރުދުން މުޅި މުޖްތަމައުގެ ރައްކަލަށްޓަކައި ވެވަޑައިގެންނެވި ވަރަށް ބޮޑު ގުރުބާނީއެއް. އެކަމަށްޓަކައި ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް19 ދިން ހަމަލާއަކީ ދުނިޔޭގެ ކޮންމެ ގައުމެއްގެ ސިއްހީ ނިޒާމު ހުއްޓުމަކަށް ގެނުވި ހަމަލާއެއް ކަމަށާއި ހުރިހާ ގައުމަކަށްވެސް ބައްޔާ ދެކޮޅަށް ކުރަން ޖެހުނީ މުޅިން އާ ތަޖުރިބާތަކެއް ކަމަށެވެ.

ފަރުވާއެއް ހޯދިފައިނުވާ ބައްޔާ ކުރިމަތިލުމަށް، ދުނިޔޭގެ ކުރިއަރާފައިިވާ ގައުމުތައް ވެސް ހިމެނޭގޮތުން، ކޮންމެ ގައުމަކުންވެސް ހޯދަންޖެހުނީ އާ ގޮތްތަކެއް ކަމަށާއި ކޮންމެ އުމަކުންވެސް ދިޔައީ، އެކްސްޕެރިމެންޓްކޮށް، އާ ގޮތްތައް ހޯދައި ބަދަލުތައް ގެންނަމުން ކަމަށެވެ.

"ރާއްޖެވެސް މި ބައްޔާ ކުރިމަތިލީ ހަމަ މި ހާލަތުގައި. ރާއްޖޭގައިވެސް މި ބައްޔަށް ޝައްކުވެގެން ފުރަތަމަ ނެގި ހަތް މީހުންގެ ސާމްޕަލްވެސް ޓެސްޓުކުރަން ފޮނުވަން ޖެހުނީ ރާއްޖެއިން ބޭރަށް. މީގެ އިތުރުންވެސް ކިތަންމެ ގޮންޖެހުންތަކަކާ އަޅުގަނޑުމެންނާވެސް ކުރިމަތިލާންޖެހުނު،" ރައީސް ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު މާތް اللهُގެ ރަހްމަތްފުޅާއެކު، އެތައް ބައެއްގެ ބުރަ މަސައްކަތުން މިއަދު ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް އެކަށީގެންވާ ފަރުވާ ދެވޭވަރަށް ރާއްޖެ ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ކުރެވުނު ބުރަ މަސައްކަތާއެކު މިހާރު އާންމު ދިރިއުޅުމަކަށް އެނބުރި ދިޔުމަށްޓަކައި، ދެވަނަ މަރުހަލާއެއް ފަށަން ތައްޔާރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން އަންނަ ޖުލައި މަސް ފެށުމާއެކު، އިތުރު ލުއިތަކަކާއެކު، ސަރުކާރުގެ އޮފީސްތަކާއި، ސައިހޮޓާ، ކެފޭތަކާއި، ރެސްޓޯރަންޓްތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި، ސްކޫލްތަކުގައި ކިޔަވައިދިނުންވެސް، ކަނޑައެޅޭ ވަކި އުސޫލުތަކެއްގެ ދަށުން ހަމަޖެހިގެންދާނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 ކޭސްއެއް ފެނިފައިވަނީ އޭޕްރިލް 15 ވަނަ ދުވަހު އެވެ. އެ ކޭސްއާއެކު މާލެ ސިޓީ ގައި ފުރަބަންދުގެ ހާލަތު އިއުލާނުކުރިއެވެ.

ދޮޅު މަަހެއްހާ ދުވަސް ފުރަބަންދުގައި ވޭތުކުރުމަށްފަހު ސަރުކާރުން ވަނީ ފުރަބަންދަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދޭން ފަށައިފަ އެވެ.

އެގޮތުން މިހާރު ފުރަބަންދުގެ ލުއިތަކުގެ ދެވަނަ މަރުހަލާ ފެށިފައިވާއިރު މި މަރުހަލާގައި މާލޭގައި އާންމު ފަރާތްތަކަށް ވަކި ގަޑިތަކެއްގައި ހުއްދައާ ނުލައި ބޭރަށް ދިޔުމަށް ވަނީ ހުއްދަ ދެވިފަ އެވެ.

މިހާތަނަށް ރާއްޖެއިން 2،217 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު، 1،813 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސިންނެވެ.

comment ކޮމެންޓް