އޭޑީކޭއިން ދެއްކީ ނަމޫނާ: މުވައްޒަފުންގެ މުސާރަ އުނިނުކޮށް ޝުކުރު

އޭޑީކޭ ގްރޫޕުގެ ޗެއާމަން އަހުމަދު ނާޝިދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ހާލަތުގައި އޭޑީކޭއިން އިސްކުރީ މުވައްޒަފުންނަށް ދެރަ ގޮތެއް ނުހެދުމަށް ކަމަށާއި އަދި އުނދަގޫ ދަނޑިވަޅުގައި ވެސް މުވައްޒަފުން ދެއްކި ހިތްވަރަށް އެ ކުންފުނީގެ ޗެއާމަން އަދި ސީއީއޯ އަހުމަދު ނާޝިދު ޝުކުރު އަދާކުރައްވައިފި އެވެ.

ނާޝިދު ސޮއިކުރައްވާ އޭޑީކޭ ގްރޫޕުގެ ހުރިހާ މުވައްޒަފުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފާއިތުވި ދެތިންމަހަކީ އޭޑީކޭގެ 33 އަހަރުވީ ހަޔާތުގައި ދިމާނުވާފަދަ ދަތިތަކާ ކުރިމަތިލާންޖެހުނު ދުވަސްތަކެއް ކަމަށެވެ. ކުންފުނީގެ ވިޔަފާރީގެ 75 ޕަސެންޓް އޮތީ ހުއްޓިފައި ކަމަށާއި ނަމަވެސް ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދިނީ މުވައްޒަފުންނަށް ކަމަށް އެ މެސެޖުގައިވެ އެވެ.

"މަދު ހިދުމަތްތަކަކާއެކު، އެއްވެސް މުވައްޒަފެއްގެ މުސާރައަށް އުނިކަމެއް ނުގެނެސް 1200 އެއްހައި މުވައްޒަފުންނަށް މުސާރަ ދިނުމަށް ބޮޑެތި ގުރުބާނީތަކެއް ކުންފުނިން ވާން ޖެހުނު. އަބަދުވެސް ކުންފުނިން އެންމެ ފުރަތަމަ އިސްކަމެއް ދޭނެ ބަޔަކީ ކުންފުނީގެ މުވައްޒަފުން،" އޭޑީކޭގެ މުވައްޒަފުންނަށް ޗެއާމަން ނާޝިދު ފޮނުއްވި މެސެޖުގައިވެ އެވެ.

އެ މެސެޖުގައި ވަނީ ބަނަ ދުވަސްތަކަކަށް ފަހު މާތްﷲގެ ރަހުމަތްފުޅުން އުއްމީދުގެ އަލިކަން މިހާރު ފެންނަން ފަށައިފި ކަމަށެވެ. ކުރިއެކޭ ވެސް އެއްގޮތަށް ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް މިހާރު މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ އެ މެސެޖުގައި ވިދާޅުވެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް މުވައްޒަފުން މަސައްކަތަށް ބެހެއްޓި ފަރުވާތެރިކަން ބަލައިގަންނަ ކަމަށާއި އެކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

އެގޮތުން މުވައްޒަފުންގެ އަމިއްލަ ދިރިއުޅުމަށްވެސް ބަދަލުތައް ގެެނެސް އޮންލައިން ކޮށް ހިދުމަތް ދިނުމަށް ކުރި މަސައްކަތްތަކާއި ފްރޮންޓުލައިންގައި މުވައްޒަފުން ކުރި މަސައްކަތް ބަލައިގަންނަ ކަމަށް މެސެޖުގައި ވިދާޅުވެފައިވެ އެވެ.

އަދިވެސް މި ބަލިމަޑުކަމުގެ ކޮޅިގަނޑު މުޅިން ފިލައިގެން ގޮސް، އަލިކަން ފެންނަން ދުވަސް ނަގާނެ ކަމަށާއި މި ހާލަތަކީ ކުރިއަށްވުރެވެސް ބޮޑަށް މުވައްޒަފުންގެ އެހީތެރިކަން ކުންފުންޏަށް ބޭނުންވާނެ ވަގުތު ކަމަށް އޭޑީކޭގެ ޗެއާމަންގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ލޮކްޑައުން އަށް ދީފައިވާ ލުޔާއެކު ސަލާމަތާއި ރައްކާތެރިކަން އިސްކޮށް، ކުންފުނީގެ ހަރަދުތައް ކުޑަކުރަން މަސައްކަތް ކުރަންޖެހޭ ކަމަށް އެ މެސެޖުގައި ވިދާޅުުވެފައިވެ އެވެ. އަދި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތްތެރިކަން އިސްކޮށް، ކަނޑައެޅިފައިވާ އެސްއޯޕީތަކާއި ގައިޑްލައިންތަކަށް އިހުތިރާމުކޮށް އެގޮތަށް އަމަލު ކުރުމަށް ޗެއާމަން ވަނީ މުވައްޒަފުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

އޭޑީކޭ ކުންފުނީގެ ކުޑައިގެ ދަށުން އޭޑީކޭ ފާމަސޫޓިކަލް ކޮމްޕެނީ، އޭޑީކޭ ހޮސްޕިޓަލްސް، އޭޑީކޭ އެންޓަޕްރައިޒަސް، އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން، މި ރާއްޖެ އިންވެސްޓްމެންޓްސް، ރަދުން ރިސޯޓްސް އިންވެސްޓްމެންޓްސް އަދި ގްރޭޓާ ގްރީން ޕްރައިވެޓް ލިމިޓެޑާއި ނަވައިމާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް ހިމެނެ އެވެ.

comment ކޮމެންޓް