ސްކޫލްތައް އަލުން ހުޅުވަން ބޭނުންވާ ބަޖެޓު ހަމަޖެހި، ސްކޫލުތަކަށް ތަކެތި ފޮނުވަން ފަށައިފި

ޖެނުއަރީ 12، 2020: އިއްޒުއްދީން ސްކޫލް ހުޅުވުން: ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެ ސްކޫލް ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން ސްކޫލްތައް ހުޅުވަން ބޭނުންވާ ބަޖެޓު ހަމަޖެހި ކޮންމެހެން ފޮނުވަންޖެހޭ ތަކެތި ސްކޫލްތަކަށް ފޮނުވަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލްތައް ހުޅުވަން ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި ޔުނިސެފާއި ޑަބްލިއުއެޗްއޯގެ އެހީތެރިކަމާއެކުގައި ކަަމަށެވެ.

ސްކޫލްތަކަށް ފޮނުވަން ފެށި ތަކެތީގެ ތެރޭގައި ސެނިޓައިޒާ، ސައިބޯނި އަދި ޑިސްއިންފެކްޓެންޓް ފަދަ ތަކެތި ހިމެނެއެވެ. ޔުނިސެފްގެ އެހީގައި ސައިބޯނި ހޯދިއިރު ދެން ހުރި ތަކެތި ހޯދައިފައިވަނީ މިނިސްޓްރީގެ ބަޖެޓުންނެވެ.

"ސްކޫލްތަކުގައި ހަދަން ޖެހޭ ހޭންޑް ވޮޝިން ސްޓޭޝަންތައް މިހާރު ދަނީ ހަދަމުން. ސްކޫލް ހުޅުވޭއިރު ހުރިހާ ސްކޫލެއްގައި ގާއިމްކޮށް ނިމޭނެ. ދެން ސްކޫލްތަކުގެ ސަޕޯޓް ސްޓާފުންނަށް ސެނިޓައިޒާއާއި ޑިސްއިންފެކްޓެންޓް ކުރާނެ ގޮތުގެ ތަމްރީންތައް ދަނީ ދެމުން" އެޑިއުކޭޝަން މިނިސްޓްރީން ބުންޏެެވެ.

ކޮރޯނާއާ ގުޅިގެން ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗްމަހުއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައިވަނީ އަންނަ މަހު ކޮވިޑް ނެތް ރަށްތަކުގައި ހުރިހާ ގްރޭޑްތަކެއްގައި ކިޔަވައިދޭށެވެ. ނަމަވެސް މާލޭގައި ކިޔަވައިދޭން ނިންމާފައިވަނީ ގްރޭޑް ނުވަޔަކުން މައްޗަށެެވެ.

އަލުން ސްކޫލްތައް ފަށާއިރު ދަރިވަރުން ސްކޫލުތަކަށް ވަނުމުގެ ކުރިން އެ ކުދިންގެ ޓެމްޕަރޭޗާ ބަލަންވެސް މިނިސްޓްރީން ވަނި ނިންމައިފައެވެ. އެކަމަށް ބޭނުންވާ ތާމޯމީޓަރުތައްވެސް މިހާރު ވަނީ ސްކޫލްތަަކަށް ފޮނުވަން ފަށައިފައެވެ.

އަލުން ކިޔަވަން ފަށާއިރު ދަރިވަރުންނަށް ދިމާވެދާނެ ނަފްސާނީ ބަލިތަކަށް އެހީ ފޯރުކޮށްދޮނުމަށްޓަކައި ރާއްޖޭގެ 11،000 މުދައްރިސުންނަށް ބޭސިކް ސައިކޯ ސޯޝަލް ސަޕޯޓާއި ސައިކޮލޮޖިކަލް ފަސްޓް އެއިޑް ޓްރެއިނިންވެސް މިހާރު ވަނީ ދޭން ފަށައިފައެވެ.

ސްކޫލްތައް އަލުން ހުޅުވުމުގެ ގޮތުން ޔުނިސެފްގެ އެހީގައި މިހާރު ވަނީ "އެޑިއުކޭޝަން ރެސްޕޮންސް ޕްލޭނެއް" ވެސް އެކުލަވާލައިފައެވެ. ތިން މަރުހަލާއަކަށް ބަހާލައިގެން ތިން އަހަރުގެ ދުވަހުގެ މައްޗަށް ކުރިއަށް އެ ޕްލޭންގައި ސްކޫލްތައް ހުޅުވުމުގެ ކުރިން ވާންޖެހޭ ތައްޔާރީތަކާއި ސްކޫލްތައް ހުޅުވޭ މަރުހަލާގައި ކުރަން ޖެހޭ ކަންތައްތަކާއި ސްކޫލްތައް ހުޅުވުމަށް ފަހު ކުރަން ޖެހޭ ކަންތައްތަކެވެ.

ސްކޫލްތައް ހުޅުވުމުގެ ކުރިން ކޮންމެހެން ކުރަން ޖެހޭ މަރާމާތްތައް ނިމޭނެކަމަށް މިނިސްްޓްރީން މައުލޫމާތު ދެއެވެ.

comment ކޮމެންޓް