ލާދީނީ ލޭބަލްކޮށް ބަދުނާމުކުރާތީ އުތެމަ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި

އުތެމަ ޖަމިއްޔާގެ ލޯގޯ --

އަންހެނުންނާ ދެކޮޅަށް ކުރެވޭ އެކި ކަހަލަ ތަފާތުކުރުންތައް ނައްތާލުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާއާ ގުޅޭ އދގެ ކޮމިޓީއަށް ދައުލަތުން ހުށަހަޅާފައިވާ ޕީރިއޮޑިކް ރިޕޯޓަށް ރާއްޖޭގެ މަދަނީ ޖަމިއްޔާ "އުތެމަ"އިން އެކުލަވާލި ޝެޑޯ ރިޕޯޓާ ގުޅިގެން ބަދުނާމުކުރުމުގެ މަސައްކަތް ބަޔަކު ކުރަމުން އަންނާތީ އެޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަންހެނުން ބާރުވެރިކުރުވުމާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާ "އުތެމަ" އުފެއްދީ 2016 ވަނަ އަހަރު އެވެ.

ދިވެހިރާއްޖެއިން ސީޑޯއަށް ހުށަހެޅި ހަވަނަ ޕީރިއޮޑިކް ރިޕޯޓަށް އުތެމައިން ހުށަހެޅި ޝެޑޯ ރިޕޯޓުގައި، ދީނީގޮތުން ހައްދުފަހަނަ އެޅި ފިކުރުގެ ތެރެއިން އަންހެނުންނާ މެދު ތަފާތުކުރުންތައް ކުރިއެރުވުމާއި އަންހެނުންނަށް އަނިޔާކުރުން ފަދަ ކަންކަން، ޝަރީއާގެ އެކި ތަރުޖަމާ ބޭނުންކޮށްގެން ދުނިޔޭގައި ދެކެވެމުން އަންނަ ވާހަކަތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރާ ކަމަށް ބުނެފައިވެ އެވެ.

މިކަމާ ގުޅޭ މައުލޫމާތު، މިހާރު އުވާލާފައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)ގެ ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް ރިޕޯޓުގައި ހިމަނާފައިވާ ކަމަށާއި، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ދީނީ ހައްދުފަހަނަ އެޅުމުގެ މައްސަލައިގެ މުހިންމުކަން ބަލައިގަނެ، އެކަންކަމަށް ފިޔަވަޅު އެޅުމަށް އުތެމަ ޖަމިއްޔާއިން ގޮވަލާފައިވެ އެވެ.

ސީޑޯގެ ހަވަނަ ޕީރިއޮޑިކް ރިވިއު ޕްރޮސެސް އަންނަ ހަފްތާގައި ފަށާ އިރު، އުތެމަ ޖަމިއްޔާގެ ޝެޑޯ ރިޕޯޓުގައި އެމްޑީއެންގެ ރިޕޯޓަށް ހަވާލައިދީ ލިޔެފައިވާތީ ސޯޝަލް މީޑިއާ އަދި ބައެއް ނޫސްތަކުގައިވެސް އެ ޖަމިއްޔާއަށް ނިސްބަތްކޮށް ވަނީ އެއީ ލާދީދީ ޖަމްއިއްޔާއެއް ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. އަދި އެ ޖަމިއްޔާގެ ބައެއް މެމްބަރުންގެ ފޮޓޯ އާންމުކޮށް، އުތެމަ އުވާލުމަށްވެސް ދިޔައީ ގޮވާލަމުންނެވެ.

މިކަމަށް ރައްދު ދެމުން އުތެމަ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މިއީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ކުރާ ކަމެއް ކަމަށާއި، ސިޔާސީ މަންފާ ހޯދުމަށް އެއްބައެއް އަނެއް ބަޔަކާ ފޮށި، ފުރައްސާރަކޮށް ބޭ އިހުތިރާމުކުރުމަކީ އާންމު އުސޫލަކަށް ނުހެދުމަށް އެދޭ ކަމަށެވެ.

ރާއްޖޭގައި އަންހެނުންނާއި ކުޑަކުދިންނަށްވެސް ދިރިއުޅުމުގައި ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން މުޖުތަމައު ދަންނަ ކަމަށާއި، އެތައް ބަޔަކަށް ކުރިމަތިވެފައިވާ ޖިސްމާނީ އަދި ނަފްސާނީ ގޮތުން ނުތަނަވަސްކަމާއި ބިރުވެރިކަމާއި ނުރައްކާތެރިކަން ތަފާސް ހިސާބުތަކާއި ދިރާސާތަކުން ދައްކާ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުންޏެވެ.

އުތެމައިން ބުނީ ސީޑޯއަށް ހުށަހަޅާ ޝެޑޯ ރިޕޯޓު އެކުލަވާލީ ދައުލަތުގެ އެކި މުއައްސަސާތަކުން މައުލޫމާތު ހޯދައި، އަދި ބައެއް ރަށްރަށަށް ދަތުރުކޮށް މީހުންނާ ބައްދަލުކޮށް ސީދާ މުއާމަލާތުކޮށް، އަދި އެމީހުންގެ ދިރިއުޅުމުގެ ތަޖުރިބާއާއި ގޮންޖެހުންތައް ގާތުން ބަލައި ދެނެގަތުމަށްފަހު ކަމަށެވެ.

"މި ޖަމިއްޔާއިން އޭޕްރިލް 2020 ގައި ތައްޔާރުކޮށް، ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓަކީ ސައްހަ މައުލޫމާތު ހިމެނޭ ރިޕޯޓަކަށް ވާ އިރު، އޭގައި ފާހަގަކޮށްފައިވާ މުހިންމު ނުގުތާތައް ސިޔާސީ މަގްސަދެއް ހާސިލުކުރުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލުމަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުމަކީ ރާއްޖޭގެ ހީނަރުވެފައިވާ އިޖްތިމާއީ ހާލަތުން އަރައިގަތުމަށް ހުރަސްއެޅުމަށް ކުރާ ކަމެއް ކަމުގައި ދެކެމެވެ. އަދި މިފަދަ އަމަލުތަކުން ރާއްޖެއަށް ލިބޭނީ ގެއްލުންކަންވެސް ހިތާމައާއެކު ފާހަގަކުރަމެވެ،" އެ ޖަމިއްޔާއިން ބުންޏެވެ.

އޭގެ ބަދަލުގައި އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމަށް އައިސްފައިވާ ހީނަރުކަމާއި ގޮންޖެހުންތަކުން އަރައިގަނެ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ދިރާސާތަކުގެ އަލީގައި އެންމެންވެސް ހެޔޮ ނިޔަތުގައ މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށް އުތެމައިން ބުންޏެވެ.

އުތެމަ ޖަމިއްޔާއިން ބުނީ ސީޑޯ ކޮމިޓީއަށް ހުށަހެޅި ޝެޑޯ ރިޕޯޓަށް އެއްވެސް ބެލުމެއް ނެތި ހަގީގަތާ ހިލާފު އެކި ބާވަތުގެ ވާހަކަތަކެއް ފަތުރާތީ، އޭގައިވާ ކަންކަން ސާފުކުރުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ އެ ރިޕޯޓު ފުރަތަމަ ކިޔާލުން ކަމަށެވެ. އަދި ރިޕޯޓުގައި ހުރި މައުލޫމާތު ސާފުނުވާ ފަރާތްތަކާ އުތެމައިން މަޝްވަރާކުރުމުގެ ފުރުސަތު ފަހިކޮށްދޭން، ޖަމިއްޔާތައް ބަލަހައްޓާ ޔޫތު މިނިސްޓްރީގެ ކިބައިން އެ ޖަމިއްޔާއިން އެދުނެވެ.

ނޫސްތަކާއި ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަ އުފައްދައި، ވަކި ބަޔަކަށް ފުރައްސާރަކޮށް ބިރުދައްކައި ގޯނާކުރުމަށް އޮތް ވަސީލަތަކަށް ހެދުމުގެ ފުރުސަތު ނުދިނުމަށްވެސް އުތެމައިން ގޮވާލި އެވެ.

comment ކޮމެންޓް