އީޕީއެލް: ބާންލީ އަތުން ސިޓީ މޮޅުވި އިރު އަގުއެރޯއަށް އަނިޔާވެއްޖެ

ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ --- ފޯޓޯ: ލައިވްސްކޯ

ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީން ރޭ ބާންލީ އަތުން ބޮޑު މޮޅެއް ހޯދި އިރު އެ ޓީމުގެ ފޯވާޑް ސާޖިއޯ އަގުއެރޯއަށް އަނިޔާވެއްޖެ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމު ކުރި ހޯދީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ސިޓީ ތާވަލުގެ ދެވަނައިގައި 63 ޕޮއިންޓް ހޯދައިގެން އޮތް އިރު އެއްވަނައިގައި ލިވަޕޫލް އޮތީ 83 ޕޮއިންޓާ އެކު އެވެ. ރޭގެ މެޗުން ބަލިވި ބާންލީ ތާވަލުގެ 11 ވަނައިގައި އޮތީ 39 ޕޮއިންޓާ އެކު އެވެ.

އިނގިރޭސި ލީގުގައި ބާކީ އަށް ވަރަކަށް މެޗު ކޮންމެ ޓީމަކަށް ވެސް އޮތް އިރު ލިވަޕޫލަށް ލީގު ކާމިޔާބު ކުރަން ބޭނުންވަނީ އިތުރު ފަސް ޕޮއިންޓެވެ. އެހެން ކަމުން ގިނަ ޓީމުތަކަކުން އެއްވަނައިގެ ބަދަލުގައި ގަދަ ހަތަރެއްގައި ހިމެނުމަށް މަސައްކަތް ކުރަމުން އަންނަ އިރު ސިޓީއިން ވެސް ރޭގެ މޮޅާ އެކު ވަނީ ދެވަނައިގައި ބޮޑު ލީޑެއް ނަގައިފަ އެވެ.

ސިޓީއަށް އެ މެޗުގެ 22 މިނަޓުގައި ލީޑު ނަގައިދިނީ 20 އަހަރުގެ ފޯވާޑް ފިލް ފޯޑެން އެވެ. އެއަށްފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ރިޔާދު މަހްރޭޒްގެ ދެ ގޯލުން އެ ޓީމުން ލީޑު ފުޅާ ކުރި އިރު، ދެ ވަނަ ހާފުގައި ސިޓީގެ އަނެއް ދެ ގޯލު ޖެހީ ފޯޑެން އާއި ޑޭވިޑް ސިލްވާ އެވެ.

ބޮޑު ތަފާތަކުން މެޗުން މޮޅުވި ނަމަވެސް ސިޓީއަށް ނުތަނަވަސްކަން ކުރިމަތިވީ އެ ޓީމުގެ ސްޓްރައިކަރު ސާޖިއޯ އަގުއޭރޯއަށް އަނިޔާވުމުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ބާންލީގެ އޭރިއާ ތެރެއިން އަގުއޭރޯއަށް ކުރި ފައުލަކާއި ގުޅިގެން އޭނާއަށް މެޗުގެ ބާކީބައި ގެއްލުނު އިރު އިންޖަރީގެ ދިގުމިން ދެމިގެންދާނެ އިރެއް އަދި ނޭންގޭ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

"އަގުއޭރޯގެ ކަކުލަށް މިދިޔަ މަހު ވެސް ކޮންމެސް ވަރެއްގެ އަނިޔާއެއް ލިބުނު. އެކަމުން ވަރަށް އުނދަގުލުން އޭނާއަށް އަރައިގަނެވުނީ. މި މެޗުގައި ވެސް ހަމަ އެ ކަކުލަށް އަނިޔާވީ. ސީރިއަސް އަނިޔާއަކަށް ވުން ގާތް." ގާޑިއޯލާ ބުންޏެވެ.

comment ކޮމެންޓް