ފުން އަސަރު ކުރުވައިފިއޭ... 3

ފުން އަސަރު ކުރުވައިފިއޭ ކަވަރު

"ތިހާ ހިތްވަރުގަދަ އަންހެން ކުއްޖެއް، އަހަރެންގެ މުޅި ޙަޔާތުގައި ވެސް ނުދެކެން؟..." އިވިގެން ދިޔައީ, ކުރީ ދުވަހު ވެސް އިވުނު ފިރެހެންވަންތަ އަޑެވެ.

********

އަހަރެން ބަލައިލިއިރު، ކައިރީގައި ހުރީ, ކުރީ ދުވަހު ވެސް ފެނުނު ޒުވާނާ އެވެ. އަޅިކުލައިގެ އަތްކުރު ޓީޝާޓަކާއި، ކަޅު ފަޓުލޫނެއްގައި ހުރިއިރު، އަވި އައިނު އޮތީ، ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުގައި އަޅުވާލާފަ އެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ، ހަމްދަރުދީ އެވެ. އަހަރެންގެ މޫނުން ކޮންމެ ގުނަވަނަކަށް އޭނާގެ ނަޒަރު ދަތުރުކޮށްލި ތަން ފެނުނެވެ.

"މްމްމްމް... އެއްޗެކޭ ނުބުނީމަ މި ބަލަނީ، އަހަރެން ވާހަކަ ދެއްކިޔަސް، އެންމެ ރަނގަޅު ކަމަށް..." ދެޖީބަށް އަތް ޖަހައިލަމުން އޭނާ ބުންޏެވެ.

ޒުވާނާ އޭނާގެ ޖުމްލަ ފުރިހަމަކޮށް ނިންމާލާފައި، އަހަރެންގެ ގާތުގައި އިށީނުމަށް ގުދުވެލި އެވެ. އަހަރެން ވަގުތުން ތެދުވީމެވެ. ހެދުމުގައިވާ ވެލިތައް ފޮޅަމުން ހަލުވި ފިޔަވަޅުތަކެއްގައި ކޮއްކޮ އާއި ދިމާއަށް ހިނގައިގަންނަން އުޅުނީމެވެ. އޭގެ ކުރިން، އޭނާ އަހަރެންގެ އަތުގައި ހިފާލައިފި އެވެ. ފިނި އަތެކެވެ. އެންމެ ބީހިލުމަކުން ވެސް ޖެހިލުންވާގޮތް ވެއްޖެ އެވެ. އޭނާގެ އަތުން ފެށިގެން މޫނަށް، އަހަރެންގެ ނަޒަރު ދަތުރުކޮށްލި އެވެ. އެ އަތުގެ ތެރެއިން މިންޖުވެވޭތޯ މަސައްކަތް ކުރަން ފެށީ، އޭގެ ފަހުގަ އެވެ.

"މީ ވަރަށް ރަނގަޅު ބޭހެއް... ހަލާކުވެފަ ހުރި ތަންތާ މި ހާކާލަބަލަ..." ޖީބުން ނެގި ކުޑަ ބޭސްފުޅިއެއް އަހަރެންގެ އަތަށް ލައިދެމުން އޭނާ ވާހަކަ ދެއްކީ ގާތް ގޮތަކަށެވެ. "ނުބައި މާނައެއް ނުނަގައްޗޭ!... ޒަޚަމުތައް ފެންނަން ހުރީމަ މާ ބޮޑަށް ހިތުގަ ޖެހުނީ... މީ ހަމަ ހެޔޮހިތުން ދިން އެއްޗެއް..." އަހަރެން ބަލައިލިގޮތުން ކަންނޭނގެ އެވެ. އޭނާ ކަންބޮޑުވެފައި ބުންޏެވެ. ވާހަކަ ދައްކަމުން ދިޔައިރު، ދޭތެރެއަކުން އަހަރެންގެ މޫނުމަތީގައިވާ ޒަޚަމުތަކަށް އެ ނަޒަރު ހުއްޓެމުން ދިޔަ އެވެ.

އޭނާ އަހަރެންގެ އަތުން ދޫކޮށްލުމުން ވެސް، ގަބުވެފައި އިރުކޮޅަކު ހުރެވުނެވެ. ކީއްވެ ކަމެއް ނޭނގުނެވެ. އޭނާގެ ހަމްދަރުދީގެ ފަހަތުގައި ފޮރުވިފައިވަނީ ކޮން ކަމެއް ބާއޭ ހިތަށް އެރި އެވެ. އެ އިހުސާންތެރިކަމުގެ ބަދަލުގައި އަހަރެންގެ ފަރާތުން އޭނާ ބޭނުން ވަނީ، ކޮން ކަމެއް ހެއްޔެވެ؟ އޭގެ ފަހަތުގައި ފޮރުވިފައިވާ މާނައެއް ވެދާނޭ ހެއްޔެވެ؟

އަތުގައި އޮތް ބޭސް ފުޅިއަށް ބަލަހައްޓައިގެން ހުރިއިރު، ހިތަށް ގޮތްތަކެއް ވަމުންދިޔަ ކަން އެނގުނެވެ. އެހެނަސް، އެ އަސަރުތަކަކީ، ކޮބައި ކަމެއް ނުވިސްނުނެވެ. ނޭނގި ހުއްޓައި ދެލޯ ފުރިގެން، ކަރުނަ ތިއްކެއް ކޯތާފަތުގައި ބީހިލައިފި އެވެ.

"ސޮރީ... ގޯސްކޮށް އެއްޗެއް ބުނެވުނީތަ؟..." ޒުވާނާ ހާސްވެފައި ބުނި އަޑު އިވުނެވެ.

އަހަންނަށް ހޭވެރިކަންވީ ދެނެވެ. އަވަސްއަވަހަށް ކަރުނަތައް ފޮހެލީމެވެ. މުޅި އުމުރުގައި ވެސް އަހަރެންގެ ކިބައިން މީހަކު މަޢާފަށް އެދުނު އެއީ ފުރަތަމަ ފަހަރެވެ. ހިތަށް ލިބުނު ކުޑަކުޑަ އުފާ ހިނދުކޮޅެއްގެ ތެރޭގައި ނެތިގެން ދިޔައީ، ދެވަނަ ސިކުންތުގައި މިއީ ކެހިވެރި ދުނިޔެއެއް ކަން ހަނދާން ވުމުންނެވެ.

ކައިރިއަށް އައިސް ހުއްޓުނު، ކޮއްކޮގެ އަތުގައި ހިފައިގެން ގެއާއި ދިމާއަށް ހިނގައިގަތީމެވެ. ކޮއްކޮ ފަސްއެނބުރިފައި، އޭނާއަށް ހިނިތުންވެލި ތަން ފެނުނެވެ. ކުރީ ދުވަހު ފަދައިން، މިއަދުވެސް އޭނާ ހުރީ، އަހަރެމެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

"ނުދަންނަ މީހުންނާ ދިމާއަށް ތިހެން ނުބަލައްޗޭ އިނގޭ... އުޅޭނެ ގޯސް މީހުން ވެސް..." ކޮއްކޮ އަނެއް ފަރާތަށް އަނބުރުވައިލަމުން ބުނީމެވެ.

"އެއީ ރަނގަޅު ބޭބެއެކޭ... އެ ބޭބެ ބުނީ، ދޮންތި އަކީ، މިޝީގެ މަންމި ހޯ..." މިޝްރާ ހީލާފައި ބުންޏެވެ.

އަހަންނަށް ފަސްއެނބުރި ބަލައިލެވުނީ، އިޚްތިޔާރުން ބޭރުގަ އެވެ. އޭނާ ފެންނާކަށް ނެތެވެ. ސުވާލުތަކުން ސިކުނޑި ސުމަކަށް ދިޔަ އެވެ. އޭނާ އެހެން އެހީ ކީއްވެ ބާއެވެ؟ އަހަންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިން އިންސާނަކީ، އެ ނުދަންނަ ޒުވާނާ ހެއްޔެވެ؟ ނުބައި ވަކިތަކެއްގެ ދަށުން މިންޖުވުމަށް މެދުވެރިއެއްގެ ރޯލު އަދާ ކުރީ، ހަމަ އޭނާ ހެއްޔެވެ؟ އެކަމަކު އޭނާ އެވަރުގެ ކަމެއް ކުރީ ކީއްވެ ހެއްޔެވެ؟

އެހެން ދުވަސްދުވަހާއި ޚިލާފަށް އަހަރެން ގެއަށް އަންނަން ހިނގަމުންދިޔައީ ރަށުގެ ފާލަމާއި ދިމާ އަތިރި މަތިންނެވެ. ފާލަންމަތީގައި، ނަނު އެއްލައިގެން ދެތިން ފިރެހެނަކު ތިއްބެވެ. ފަޅުތެރެއަށް އަރައިގެން އުޅޭ މުށިމަސްތައް ބޭނުމަށް، ޒުވާން ފުރައިގެ ދެތިން ކުއްޖަކު ވެސް އަތިރިމަތީގައި ހަރަކާތްތެރިވަމުން ދިޔަ އެވެ.

އެއްގަމަށް އަރައިގެން ހިނގައިގަތްތަނައި، ސިހުމެއް ލިބުނީ، ބޮޑު ކާނިގަސް ދަށުގައި، ބޮނބި ތަޅަން އިން މީހަކު ފެނިފަ އެވެ. އެއީ ބޮޑުދައިތަ ކަން އެނގުނީ، ދާދި ކައިރިއަށް ދިޔަ ފަހުންނެވެ. އަހަރެމެން ފެނުމުން، ބޮޑުދައިތަގެ މޫނުމަތިން ފެނުނީ، ނުރުހުމުގެ އަސަރެވެ. ކުރަން އިން ކަންތައް ހުއްޓާލާފައި، ތެދުވެގެން އައިސް އަތުގައި ހިފެހެއްޓީ، ބޮނބި ކުނޑިތަކާއި ވެސް އެކުގަ އެވެ. ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ހީވަނީ، އޭނާގެ އަތުގެ ނިޔަފަތިތައް ވެސް އަހަރެންގެ އަތުގެ ތެރެއަށް ވައްދާލަފާނޭ ހެންނެވެ.

"މީ އަޅެ ކީއްކުރަން އިންނަ އެއްޗެއްތަ؟..." އަހަރެންގެ ކަންފަތުގައި ހިފައި އަނބުރައިލަމުން ބޮޑުދައިތަ ހަޅޭއްލަވައިގަތެވެ. ވީ ތަދުން ދެލޮލުން ކަރުނަ ހިލުނެވެ. އެވަރުން ވެސް، އަނގައިން އަޑެއް ލައްވައި ނުލެވޭތޯ މަސައްކަތް ކުރީމެވެ.

އަތިރިމައްޗަށް ދިޔުމުން ބޮޑުދައިތަ އެހާ ރުޅި އަންނަންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. ވަށައިގެން ހޯދައިލެވުނީ، އެމަންޒަރު މީހަކަށް ފެނިދާނެތީ، ޖެހިލުންވެފައިވާ ހާލުގަ އެވެ. އެއްގަމަށް އަރައިގެން ރަށުތެރެއަށް ދެވެން އޮންނަ ހަނި މަގުގައި ހުރި ޒުވާނާ ފެނި، ލާން އުޅުނު ނޭވާގެ މަތީން ވެސް ހަނދާން ނެތުނެވެ. ވަމުންދިޔަ ތަދަށްވުރެ ބޮޑަށް، އޭނާއަށް އެމަންޒަރު ފެނުމުން، ހިތުގައި ޖެހުނުވަރު ބޮޑުވެއްޖެ އެވެ.

އޭނާގެ ދެބުމަ ގޮށްޖެހިފައިވާއިރު، ބޮޑުދައިތަ އާއި ދިމާއަށް ބަލަން ހުރީ، ނަފުރަތުގެ ބެލުމަކުންނެވެ. ހީވަނީ އެ މަންޒަރު ފެނި، އެ ހިތުގައި އަހަންނާއި މެދު ހަމްދަރުދީ އުފެދިފައިވާ ހެންނެވެ. އޭނާ އަހަރެމެންނާއި ދިމާއަށް ހިނގައިގަތް ތަން ފެނި، އަހަރެންގެ ހިތް ތެޅިގަތެވެ. އެއްވެސް މީހެއްގެ އެހީތެރިކަމެއް އަހަރެން ބޭނުމެއް ނޫނެވެ. މިފަދަ ކެހިވެރި ދުނިޔެއެއްގައި އެކަނި ހާލައިގެން އުޅުން ވެސް މާ ބުއްދިވެރި އެވެ.

އަހަރެން ހުރީ، އޭނާ އައުމުގެ ކުރިން އެތަނުން ދާން ބޭނުން ވެފައެވެ. ނަސީބު އަހަރެންގެ އަތުގައި ހިފި ކަހަލަ އެވެ. އޭނާ އައުމުގެ ކުރީން، ބޮޑުދައިތަ އަހަރެންގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެއާއި ދިމާއަށް ދިޔުމަށް ހިނގައިގަނެފި އެވެ.

ގޭތެރެއަށް އައިސް ވަދެވުމާއިއެކު، ބޮޑުދައިތަ އަހަރެން ކޮއްޕާލައިފި އެވެ. ފަހަތަށް އެއްލިގެން ދިޔަ ނަމަވެސް، ނުވެއްޓި ސަލާމަތް ވިއެވެ. އެހެނަސް، ދެން ލިބުނީ، އެއަށްވުރެ ވޭނީ އަނިޔާ އެކެވެ. މޫނުމައްޗަށް އަރައިގެން ދިޔައީ، ވަރުގަދަ ހަމަލާ އެކެވެ. އެއް އަަނިޔާގެ މައްޗަށް ދެވަނަ އަދި ތިންވަނަ ހަމަލާ އެވެ.

މިޝްރާ ދުވެފައި އަހަންނާއި ދިމާއަށް އަންނަން އުޅުނެވެ. ބޮޑުދައިތަ އެކުއްޖާގެ ގައިގައި ހިފެހެއްޓި އެވެ. ރޮއެރޮއެ އޮއްވައި ގަދަކަމުން ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަށް ލައި ބަންދުކޮށްފި އެވެ. ދޮރުގައި ތަޅަތަޅާފައި އެ ކުޑަ ކުއްޖާ މަސައްކަތް ކުރަމުން ދިޔައީ، އަހަރެންގެ ކައިރިއަށް އައުމަށެވެ.

އަހަންނަށް ކުރެވެމުން ދިޔައީ، ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނު ކަމުގެ އިހުސާސެވެ. ރުޅި އައިސް ރަތްވެފައިވާ ބޮޑުދައިތަގެ މޫނުމަތިން ހީވަނީ، އަލިފާން ކަނި ބުރަމުންދާ ހެންނެވެ. މޫނުމަތިން ނަގައިގަތް ދިލަ އާއި އެއްވަރަށް، ހިތުގައި އެޅިގެން ދިޔަ ކޫރުމުގެ ތަދު ބޮޑު ވިއެވެ. ދެލޮލުން ކަރުނަ ހިލި، އެ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބަން ފެށި އެވެ. އަނގައިގައި ލޭރަހަ ލައްވައިލި ނަމަވެސް، ހިން ދިރުވައިލުން ފިޔަވައި އިތުރު ކަމެއް ނުކުރެވުނެވެ.

"ބުނީމަ ބުނާ އަޑު ނީވޭ ވަރުގެ ކުޑަކުއްޖެއް ނޫނޭ ތީކީ... މީގެ ފަހުން ތަނަކަށް ގޮއްސިއްޔާ ދެފައި ބިންދާލާނަން..." ބޮޑުދައިތަ އިންޒާރު ދިނެވެ.

އަހަންނަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. އެހުރިހާ ދުވަހު ނުކުރާ ވަރަށް، ބޮޑުދައިތަ މިއަދު އަހަންނަށް އަނިޔާ ކުރަންވީ ކީއްވެ ހެއްޔެވެ؟ ކުއްލިއަކަށް އެވަރުގެ ނަފުރަތުކަމެއް އުފެދުމުގެ ފަހަތުގައި ކޮންމެވެސް ކަންތައްގަނޑެއް ވާނޭ ކަމަށް ހިތް ބުންޏެވެ.

ހެނދުނު އެރި އިރާއި އެކީ، އަހަރެން އޮތީ، މަގުމަތި ކުނި ކަހާށެވެ. ކުއްލިއަކަށް ނޭފަތުން ދިލަ ނަގައިގަތެވެ. ގުދުވެގެން އޮއްވާ، ބިންމައްޗަށް ލޭތިކި ޖަހަން ފަށައިފި އެވެ. ހޯސްލާފައި ނޭފަތުން ލޭ އަންނަނީ އެވެ. ދެ އިނގިލިން ނޭފަތުގައި ހިފަހައްޓާލަމުން މައްޗަށް މޫނު އުފުލާލީމެވެ.

"ލުނބޯ ފަތްކޮޅެއް ފިސްކޮށްލާފަ ވަސްބަލާލަބަ..." އަނެއްކާވެސް އެއްކަލަ ނުދަންނަ ޒުވާނާ އެވެ.

އަހަރެން ސިހިފައި ބަލައިލިއިރު، އޭނާ ފަސްދީފައި ދަނީ އެވެ. ވަކި ހިސާބަކަށް ގޮސްފައި، ފަސްއެނބުރި ބަލާލައިފި އެވެ. އެންމެ ނަޒަރަކުން އެތައް ވާހަކަތަކެއް ބުނެދިނެވެ. ތަރުޖަމާ ކުރުމަށް ހިތް އެދި ގޮވި ނަމަވެސް، ފަސްޖެހެވުނެވެ. ހިތަށް އެރި އެވެ. ބޭނުމެއްޖެހޭ ކޮންމެ ވަގުތަކު، އެ ޒުވާނާ އަހަރެން ފެންނަ ހިސާބުގައި ހުންނަނީ، ކީއްވެ ހެއްޔެވެ؟ އެއީ ހަމަ އިއްތިފާޤަކަށް ވެދާނޭ ހެއްޔެވެ؟

އެދުވަހުގެ ފަހުން އަހަރެން ކުނިކަހަން ނުކުންނަ ކޮންމެ ފަހަރަކު އެ ޒުވާނާ އެމަގުން ކުރިކަނޑަ އެވެ. އަނގައިން ނުބުންޏަސް، އޭނާ ދަނީ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލާފަ އެވެ.

ހިތަށް އެރި އެވެ. ރަށުގެ އެހެން މީހުން ފަދައިން އެ ޒުވާނާ ވެސް އަހަންނަށް މަލާމާތެއް ކުރަނީ ހެއްޔެވެ؟ ނިކަމެއްޗަކަށްވީތީ، މަސައްކަތް ކުރަމުން އެދަނީ އަހަރެންގެ އަގެއް ނެެތްކަން އަންގައިދޭން ހެއްޔެވެ؟ ނޫނެކެވެ. އަބަދު ފިނޑިއަކަށް ވެގެން، ދިރިއުޅުމެއް ކުރިއެއް ނޭރުވޭނެ އެވެ. އަހަރެން އެ ފުރުސަތެއް ނުދޭނަމެވެ. ކެރިގެން އެކަމާއި ކުރިމަތި ލާނީ އެވެ. އަހަރެންގެ ކުރިމައްޗަށް ނާންނަން އޭނާއަށް އަމުރު ކުރާނީ އެވެ. އެކަމަކު އަހަންނަށް އެ ހިއްވަރު ލިބިދާނެ ބާއެވެ؟

އާދައިގެ މަތީން، އިލޮށިފަތި ހިފައިގެން ނުކުތީމެވެ. ކުނިކެހުމަށްވުރެ ބޮޑަށް އަހަންނަށް ސަމާލުކަން ދެވެމުން ދިޔައީ، އެހެން ކަމަކަށެވެ. މިނެޓަކުން އެއްފަހަރު ކަަހަލަ ގޮތަކަށް މަގުގެ ދެކޮޅު ހޯދާ ބަލާލެވެ އެވެ.

"ތި ހޯދަނީ އަހަރެންތަ؟..." ފަހަތުން އިވުނު އަޑަކުން އަހަރެން ދިޔައީ، ސިއްސައިގެންނެވެ.

ފަސްއެނބުރި ބަލައިލިއިރު، އިލޮށިފަތި މޭގައި ހުރަސްކޮށްލެވިއްޖެ އެވެ. ކުރިމަތީގައި ހުރީ، އަހަރެންގެ ދެލޯ ހޯދަމުންދިޔަ ޒުވާނާ އެވެ. އަހަރެން ބަލައިލުމުން، ރީތި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިފި އެވެ.

"ތިބުނީ އާނއެކޭތަ؟..." އޭނާ ސުވާލުކުރީ، އެކުވެރި ރާގަކަށެވެ.

އަހަރެން ވަކި އެއްޗެއް ނުބުނެ އަނެއް ފަރާތަށް އެނބުރެން އުޅުނު ވަގުތު، އޭނާ ސަލާމަށް އަތް ދިއްކޮށްލި ތަން ފެނުނެވެ. އޭނާގެ އަތުން ފެށިގެން މޫނަށް އަހަރެންގެ ނަޒަރު ދަތުރުކޮށްލުމާއިއެކު، އޭނާ ވާހަކަ ދައްކަން ފަށައިފި އެވެ.

"އަހަރެންގެ ނަމަކީ، އަޒްމަން..." ސަލާމަށް އަތްދިއްކޮށްލައިގެން ހުރެ، އަޒްމަން އޭނާގެ ނަން ބުންޏެވެ.

އަޑު އިވޭ ކަމަށްވެސް ހަދާނުލައި، ކުނި ކަހަން ފެށީމެވެ. ކުނިކޮޅު އެއްކޮށްފައި، އެ ނަގައި، ގޯންޏަށް އަޅަމުން ދިޔައިރުވެސް، އޭނާ އަހަރެންގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. އެ ނަޒަރު އަހަންނަށް އަމާޒުވެފައިވާކަން އެނގި، އެއްކަމެއް ވެސް ރަނގަޅަކަށް ނުކުރެވުނެވެ. ދެތިން ހަތަރު ފަހަރު، ކުނިތައް ގޯނިން ބޭރަށް އެޅިގެން އެ ނަގަން ވެސް ޖެހުނެވެ. އެ ހުރިހާއިރު، ހީލަހީލާ އޭނާ ހުއްޓެވެ.

އަހަރެން ކުނިގޯނި ކިހިއްޔަށް ޖަހައިގެން ކުނިކޮއްޓާއި ދިމާއަށް ހިނގައިގަތުމުން ވެސް އޭނާ ހަމަ އެހުރިގޮތަށް އަހަންނަށް ބަލަން ހުއްޓެވެ. ދޭތެރެއަކުން ނޭނގޭ ކަމަށް ހަދާފައި އޭނާ އާއި ދިމާއަށް ބެލޭތީ، އަހަރެން ހުރީ، އަމިއްލަ ނަފުސު ހުއްޓުވަން ބޭނުން ވެފަ އެވެ.

"އަޒްމަން!..." ހިތާއިހިތުން އެ ނަން ކިޔާލެވުމާއިއެކު، ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވާން އުޅުނެވެ.

ރަށުގެ ތުނޑިއަށް ދެވެން އޮންނަ ހަނި މަގުން ހިނގަމުން ދިޔައިރު، އަހަންނަށް ވިސްނެމުން ދިޔައީ، އަޒްމަން އަހަރެންގެ ފަހަތުން އެގޮތަށް އުޅޭ ސަބަބަކާއި މެދުގަ އެވެ. ހިތުގައި އެތައް ސުވާލެއް އުފެދިފައި ވިޔަސް، އެ ސުވާލުތައް އޭނާ އާއި ކުރާނީ، ކިހިނަކުން ހެއްޔެވެ؟ އޭނާގެ މޫނުމަތިން ކެހިވެރިކަމުގެ އެއްވެސް އަސަރެއް އަހަރެން ނުދެކެމެވެ. އަބަދުވެސް ފެންނަމުން ދަނީ އޯގާތެރިކަމާއި އަޅާލުމެވެ. ތުންފަތް މަތީން ހިނިތުންވުމެވެ. މަކަރުވެރިއެއްގެ އެފަދަ ސިފަތަކެއް ހުރެދާނެ ބާއެވެ؟

އެ ހުރިހާއިރު، އަހަންނަށް ފާރަލަމުން، ފަހަތުން މީހަކު ހިނގަމުން އައިކަން އެނގުނީ، އެމީހަކު އަހަރެންގެެ ގައިގައި ޖެހިގަތުމުންނެވެ. އެއީ ގަސްދުގައި ކުރި ކަމެއް ކަން އެނގޭކަށް ގިނަ އިރެއް ނުނެގި އެވެ. އަހަރެން ހުރީ، އެފަދަ ކަމަކަށް ވިސްނައިގެނެއް ނޫނެވެ. އެމީހަކު ޖެހިގަންލެއް ބާރުކަމުން ދާދި ފަސޭހައިން ވެއްޓިއްޖެ އެވެ. ކުނިގޯނީގައިވާ ފަތްތައް އަހަރެންގެ މުޅި ގަޔަށް ބަންޑުން ވުމާއިއެކު، އަންހެނަކު ހީގަތް އަޑު އިވުނެވެ.

"ސާބަހޭ!... ސާބަހޭ!... އަޅެފަހެ، ދެފައިގެ ވަރުދޫވެފަތަ ހުންނަނީ؟... ތިވަރު މީހުން ދެން ބޭރުތެރެއަށް ނުކުމެ ނޫޅެންވީނު... ދެން ތިތަނަށް ކުނިތައް އަޅާލާފަ ދާނީކީ ނޫން... ތީ ރައްޔިތުން ކުނިކަހާ ސަރަހައްދެއް... އެންމެ އެތިކޮޅެއް އޮތްތަން ފެނުނަސް، ރަށު އޮފީހަށް ގެންދާނަން..." އިވުނީ އަންހެނެއްގެ އަޑެވެ.

މޫނުމައްޗަށް އެޅިފައިވާ ފަތްތައް ނަގައި، އަޑު އައި ދިމާއަށް ބަލައިލީމެވެ. ކައިރީގައި ހުރީ، ޒުވާން އަންހެނެކެވެ. އޭނާގެ މޫނުމަތީގައި ވަނީ ނުރުހުމުގެ އަސަރެވެ. އުނދަގޫގޮތަކަށް ތެދުވެ، ގޯންޏަށް ފަތްކޮޅު އަޅާފައި، އެނަގައި ކިހިއްޔަށް ޖަހައިލީމެވެ. އޭރުވެސް އޭނާ ދެލޯ ހަނިކޮށްލައިގެން އަހަންނަށް ބަލަން ހުއްޓެވެ.

"ބަލާބަލަ ހުރި ވައްތަރު... ރީތި ސިފައެއް ލިބިފަ ހުރި ނަމަވެސް ރަނގަޅޭ... ފިރެހެނުންނަށް ތުއި ދެއްކެމުން ތި ދުވަނީ، ކޯއްޗެއް ދައްކަންތަ؟... ލާހިކެއް ނޫން ކަލޭ އޭނަ އާ ރައްޓެހި ވާކަށް... ކަލޭ ހީކުރަނީ، އޭނަ ކަލޭދެކެ ލޯބިވާކަމަށް ދޯ.؟.. ހައް!... ތީ މުޅިން ކުށްހީއެއް... ސީދި ގޯތި މި ނައިޝާ ހުއްޓާ، ތިކަހަލަ ނަޖިސްގަނޑަކާ ދިމާއަށް އެއްވެސް ފިރެހެނަކު ނުބަލާނެ..." ހިތަށް އައިހާ އެއްޗެއް އޭނާ އަހަންނާއި ދިމާއަށް ގޮވަމުން ދިޔައިރު، މިހިތަށް ކުރާނެ އަސަރަކާއިމެދު ވިސްނާ ވެސް ނުލަ އެވެ.

އަހަރެންގެ ސިފަ އާއިމެދު ފާޑު ކިޔައިގެން އަހަރެން ދެރައެއް ނުވަމެވެ. އެއީ މާތްﷲ އަހަރެމެން އެންމެން ވެސް ހައްދަވާފައިވަނީ އެންމެ ފުރިހަމަ، ރީތި ސިފައިގައި ކަމަށް ވާތީ އެވެ.

(ނުނިމޭ)

comment ކޮމެންޓް