ކޮވިޑް 19 އިގެ ސަބަބުން އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ނިއު ނޯމަލްގެ ތެރެއިން ކޮވިޑް ފްރީ ޒޯނެއް ކަނޑައަޅައި އިގްތިސާދީ ހަރަކާތްތައް ހިންގޭނޭ ގޮތަށް ގައުމު ހުޅުވާލުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގެންފި އެވެ.
ގަރާރު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ގަރާރު ބަލައިގެންފައި ވަނީ 62 މެމްބަރުންގެ ވޯޓުންނެވެ. އެއާއެކު، ގަރާރު ދިރާސާކުރުމަށް މަޖިލީހުގެ އިގްތިސާދީ ކޮމެޓީ އަށް ވަނީ ފޮނުވައިފަ އެވެ.
އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ކޮވިޑްގެ ބިރުވެރިކަމާއެކު ރާއްޖޭގެ އިގްތިސާދު ވަނީ މުޅިން ހުއްޓިފައި ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދުގެ 85 ޕަސެންޓް ބިނާވެފައި އޮތް ޓުއަރިޒަމްގެ ވެސް މުޅިން ހުއްޓިފައިވާކަން ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓު ހުރި އެހެން ސަރަހައްދުތަކަށް ޕްރައިވެޓް ޖެއްސޭގޮތަށް ޓުއަރިޒަމަށް ސޭފް ޒޯންތަކެއްގެ ގޮތުގައި ކަނޑައަޅައި ހުޅުވާލަން ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
އެގޮތުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުޥާލައި އައްޑޫ އަދި ހުވަދޫ ސޭފް ޓުއަރިޒަމްގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ވަނީ ގޮވާލާފަ އެވެ. އަދި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުވެސް އެގޮތަށް ހުޅުވާލުމަށް ވަނީ ގޮވާލާފަ އެވެ.
އަދި ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރާ އުޅަނދުތައް މާލޭ ބަނދަރުގެ އިތުރުން އައްޑޫ އަދި ކުޅުދުއްފުށީގައި ބަނދަރުކުރެވޭ ގޮތަށް ހަދަން ޖެހޭ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ. އޭގެ ސަބަބުން އެސަރަހައްދުތަކުގައި ސަރުކާރުގެ ކުންފުނިތަކުގެ ގުދަން ތަކާއި އަމިއްލަ ވިޔަފާރިވެރިންގެ ގުދަންތައް އިތުރުވެގެން ދާނެ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.
"ހަމައެއާއެކު ރާއްޖޭގައި މިވަގުތު ހުރި މަސް ކާރުހާނާތަކުގައި މަސް ރައްކާ ކުރުމާއި މަސްދަޅު ބަންދުކުރުމުގެ ގާބިލްކަން އިތުރުކުރުމާއި އެ މަސައްކަތް ކުރިއަރުވަން ޖެހެ އެވެ. އަދި ވޭތުވެ ދިޔަ ދުވަސްތަކުގައި އިހުމާލުކުރެވިފައިވާ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ޖެހެ އެވެ." އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރުގައި ބުނެފައިވެ އެވެ.
ހުރިހާ ކަމަކަށް ބިނާކޮށް ރާއްޖޭގެ ތިން ސަރަހައްދެއް އިގްތިސާދަށް ހުޅުވާލަން ގަރާރުގައި ވަނީ ގޮވާލާފަ އެވެ. ގަރާރަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ ގަރާރުގައި ބުނެފައިިވާ ކަންކަމަށް ތާއީދުކުރައްވައިފައެވެ.
އެގޮތުން ރާއްޖޭގެ އިގްތިސޯދު ހުޅުވާލުންް މުހިންމުކަމާއި، ވަކި ސަރަހައްދުތަކެއް ކަނޑައެޅުމުގެ މުހިންމުކަން މެމްބަރުން ފާހަގަކުރެއްވިއެވެ.
ގިނަ މެމްބަރުން ވިދާޅުވީ ކޮވިޑް19 އާގުޅިގެން ރާއްޖޭގެ އިގްތިސޯދަށް މިހާބޮޑަށް އަސަރުކޮށްފައި ވަނީ، ހުރިހާ ކަމެއް މާލެއަށް އަމާޒުކޮށްފައި އޮތުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހިންގުން ލާމަރުކަޒުކުރުމުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގިގެން ގޮސްފައިވާކަމަށް މެމްބަރުން ވިދާޅުވިއެވެ.