އޯލެވެލް ސެޓްފިކެޓްތައް ސްކޫލުތަކަށް ފޮނުވަން ފަށައިފި

އަމީނިއްޔާ ސްކޫލުގެ ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެންބަރުގައި އޯލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް ސްކޫލުތަކަށް ފޮނުވަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ އޯލެވެލް އިމްތިހާން ހެދި ދަރިވަރުންގެ ސެޓްފިކެޓްތައް މިހާރު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސްއަށް ލިބިފައިވާ ކަމަށެވެ.

"އެހެންކަމުން އެ ސެޓްފިކެޓްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ވާހަކަ ދަންނަވާލަން،" މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިނ ބުނީ އޯލެވެލް އަދި އޭލެވެލް އިމްތިހާންގެ ސެޓްފިކްޓްތަކަކީ ޔުނިވާސިޓީން ޕްރިންޓްކޮށް ސީލް ޖަހައިގެން ފޮނުވާ ލިޔުންތަކެއް ކަމަށާއި އަދި އެ ސެޓްފިކެޓްތައް ޕްރިންޓްކުރަނީ ރީޗެކް މަރުހަލާތައް ނިމި ނަތީޖާ ކަށަވަރުކުރުވުމުން ކަމަށެވެ.

ނަމަވެސް އެ މަރުހަލާ ނިމުނުއިރު ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތާއި އެހެނިހެން ގައުމުތަކުގެ އެއާޕޯޓްތައް ބަންދުކޮށްފައިވާތީ ސެޓްފިކެޓްތައް ލިބުން ވަނީ ލަސްވެފަ އެވެ.

އަދި އިމްތިހާންގެ ނަތީޖާގެ ސެޓްފިކެޓް ނުލިބޭތީއާއެކު، ކުރިން ދޫކޮށްފައިވާ ނަތީޖާ ހިމެނޭ ޓްރާންސްކްރިޕްޓް، މަތީ ތައުލީމުގެ ފުރުސަތުތަކަށް ބޭނުންކުރަން އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކުރި އެވެ.

comment ކޮމެންޓް