ހިލޭ ޑިގްރީގެ ފުރުސަތު ދޭއިރު ވަކި ޝަރުތުތަކެއް ލާން ޖެހޭ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ -- ސަންފޮޓޯ/ ފަޔާޒު މޫސާ

ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔަވަން ފުރުސަތު ދޭއިރު، އެފުރުސަތު ދެނީ އެ ދާއިރާއަކުން ކުރިއަށް ދާން ޝައުގުވެރިކަން ހުންނަ ކުދިންތޯ ޔަގީންކޮށް، އެކަމަށް ޝަރުތުތަކެއް ލާން ޖެހޭ ކަަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމަކީ މިސަރުކާރުގެ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް މިހާރު ދަނީ ހިލޭ ޑިގްރީއަށް ކިޔަވައިދިނުމުގެ މަސައްކަތް ފަށައިފަ އެވެ.

ތައުލީމުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ ފަށާފަ އެވެ. މިއަދު ކޮމިޓީގައި އެޑިއުކޭޝަން މިނިސްޓަރާ ސުވާލު ކުރެއްވީ ހިލޭ ޑިގްރީއާ ހަމައަށް ކިޔަވައިދިނުން ތައުލީމުގެ ބިލުގެ ތެރެއިން ގާނޫނީ ބާރު ދީގެން ކުރިއަށް ގެންދިއުމާ ބެހޭގޮތުންނެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ ގާނޫނެއްގައި އެގޮތަށް ލިޔެފައި އޮތުމަކީ ރަނގަޅުކަމެއް ކަމަށެވެ. ނަމަވެސް ހިމަނާއިރު ޝަރުތުތަކެއް ހިމަނަން ޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއްވެސް އެއްޗެއް ހިލޭ ލިބޭ ކަމަށް ވާނަމަ އޭގެ އަގެއް ގިނަ ފަހަރު ނޯންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް މުސްތަގުބަލުގައި ފެންނަން ފަށާފާނެ ޑިގްރީއެއް އޮންނަ މީހަކަށް ހަމައެއްވެސް ކަމެއް ނުކުރެވެއޭ. މި ހަމަ ދައުލަތުން ހިލޭ ލާރި ލިބޭތީ ޑިގްރީއެއް ހަދާލައިގެން އެކަމަކު އޭގެ ޔޫސް [ބޭނުން] އޭނައަށް ނުކުރެވި. އެހެންވީމަ އެ ވެލިޔު ދަށްވެދާނެ. ކޮންމެސް ގޮތަކަށް ހެދޭނީ މިވެނި ޝަރުތުތަކެއް ހުންނަ ކުދިންނަށް ނުވަތަ ކިޔެވުމުގެ ޝައުގުވެރިކަން ހުންނަ ކުދިންނަށް އެ ހެދޭ ކަހަލަ ގޮތަކަށް އޮތުން ރަނގަޅުވާނެ ކަންނޭނެ،" މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގައ އެޑިއެކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ އަބްދުﷲ ރަޝީދު ވިދާޅުވީ ހިލޭ ފޮތް ފަންސޫރު އަދި ހިލޭ ނާސްތާ ދޭއިރުވެސް އެދޭންވީ ބޭނުން ޖެހިފައި ތިބި ކުދިންނަށް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ހުރިހާ ކުދިންނަށް ހިލޭ ފޮތް ފަންސޫރު ފޯރުކޮށްދޭކަށް ނުޖެހޭ. މިސާލަކަށް އިންކަމް ޓެކްސްވެސް ނަގަން ފެށީމަ މީހުންގެ އާމްދަނީއާ އެއްޗިހިވެސް އެނގެން އޮންނާނެ. އެހެންވެއްޖެއްޔާ ވަކިވަރެއްގެ އާމްދަނީ ލިބޭ މީހުންނަށޭ ފޮތް ފަންސޫރު ފޯރުކޮށްދޭން ޖެހޭނީ،" ޑރ އަބްދުﷲ ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ އެންމެންނަށް ފޮތް ފަންސޫރު ދިނުމާއި ހިލޭ ތައުލީމު ދިނުން ފަދަ ކަންކަން ކުރުމުން ދައުލަތް ދަރަނިވެރިވެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭ ކަމަށެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވީ ތައުލީމު ފޯރުކޮށްދިނުމަކީ ބައިނަލްއަގްވާމީ ގޮތުންވެސް މަޖުބޫރު ކަމެއް ކަމަށެވެ. އެހެން ނަމަވެސް ގައުމުގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ކުދިންނަށް ހިިލޭ ތައުލީމު ފޯރުކޮށްދޭން ނުޖެހޭނެ ކަމަށާއި އެއީ ދުނިޔޭގެ އެހެންތަންތާވެސް ކުރާ ކަމެއް ނޫން ކަމަށް އާތިޔާ ވިދާޅުވި އެވެ.

"އެހެންވީމަ ދިވެހި ކުދިންނާއި ދިވެހި ނޫން ކުދިންގެ އެ ތަފާތު ހަމަ ގެނެވިދާނެ. އެހެން އަޅުގަނޑު މިދަންނަވަނީ އަޅުގަނޑުމެންގެ ދައުލަތަށް ހަމަ ޓެކްސް ޕޭޔާސްގެ ފައިސާ އަޅުގަޑުމެން ހޭދަ ކުރާއިރު އެ އެންމެ ރަނގަޅު ގޮތުގައި ހޭދަކުރުމަށް އަޅުގަނޑުމެން އެންމެންގެވެސް ވިސްނުން އޮންނަން ވާނެ." އާތިޔާ ވިދާޅުވި އެވެ.

comment ކޮމެންޓް