ކަރަންޓީނުގެ ތިން މަހަށް ފަހު ވިލުރީފް ސާފުކުރަން ފަށައިފި

ވިލުރީފް ރިސޯޓް ސާފު ކުރުމުގައި މުވައްޒަފުން ފުލުހުން އަދި ސިފައިން --

ކޮވިޑް19އާ ގުޅިގެން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަން ފެށި ސަން ސިޔާމް ރިސޯޓްސްގެ ސަން އަކުއާ ވިލުރީފުން އެކަން ނިންމައި ތަން ސާފު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ރިސޯޓުގެ ރެޒިޑެންޓް މެނޭޖަރު އަހުމަދު ރިފާއު މިއަދު "ސަން" އަށް ވިދާޅުވީ އޭޕްރީލް 23 އިން ފެށިގެން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ވިލުރީފްގެ ކަރަންޓީނުގައި ތިބި، އެންމެ ފަހު މީހުން ރިސޯޓުން މިއަދު ފައިބާނެ ކަމަށެވެ.

"މިއީ ކޮވިޑް ފެސިލިޓީގެ ފަހު ދުވަސް، ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ހިންގަން ފެށީ އޭޕްރީލް 23 އިން ފެށިގެން،" ރިފާއު ވިދާޅުވި އެވެ.

ރިފާއު ވިދާޅުވީ "ރިސޯޓު ކްލީނިން ޑޭ" އެއް ފާހަގަ ކުރަނީ ކަރަންޓީނު ފެސިލިޓީ މެނޭޖުކުރުމުގައި ހަރަކާތްތެރިވި ސިފައިންނާއި ފުލުހުންގެ ވެސް ބައިވެރިވުމާއެކު ކަމަށެވެ. އެގޮތުން ރިސޯޓުތެރެ އާއި ބީޗު ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް އިއްޔެ އިން ފެށިގެން ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮވިޑް ފެސިލިޓީ އަކަށް ބަދަލުވުމާ ހިސާބުން ކުރިން ރަށުތެރެ ސާފުކުރާހެން ސާފު ކުރުން ކުރިއަކަށް ނުގެންދެވޭ. މިހާރު ގަސްތަކު ތެރެ އާއި ރަށުތެރެ އަދި ބީޗުވެސް ސާފުކުރަން ފަށައިފިން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް ފެސިލިޓީ ހިންގި ދުވަސްވަރު އެމްއެންޑީއެފްގެ ފަރާތުން އެކަން މެނޭޖު ކުރިގޮތް ފާހަގަ ކުރައްވާ ރިފާއު ވިދާޅުވީ 24/7 ސިޗުއޭޝަން ހޭންޑްލް ކުރުމުގައި އެމްއެންޑީއެފް އިން ހަރަކާތްތެރިވި ކަމަށެވެ.

"މި ދާއިރާގައި 26 އަހަރު ހޭދަކުރެވިއްޖެ. މިއީ މިހާ ދަތި އުނދަގުލުގައި ހިދުމަތް ދޭން ޖެހުނު ފަހަރު. ތަފާތު ތަޖުރިބާ އެއް މިއީ،" ކޮވިޑް ފެސިލިޓީ އެއްގެ ތޮތުގައި ރިސޯޓު ހިންގަން ޖެހުމާ ގުޅޭގޮތުން ރިފާއު ވިދާޅުވި އެވެ.

comment ކޮމެންޓް