މާމެންދޫ ކޭސްއާ ގުޅިގެން 13 މީހަކު ކަރަންޓީނު ކޮށްފި

ގއ. މާމެންދޫ: އެރަށުން ކޮވިޑަށް މީހަކު ވަނީ ޕޮޒިޓިވްވެފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގއ. މާމެންދޫ އިން ފެނުނު ކޮވިޑް19 ފުރަތަމަ ކޭސް އާއި ގުޅިގެން 13 މީހަކު އެކަހެރިކޮށްފައިވާ ކަމަށް އެންއީއޯސީ އިން ބުނެފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މާމެންދޫ އިން ޕޮޒިޓިވްވި ފުރަތަމަ ކޭސް އާއި ގުޅިގެން 13 މީހަކު ކަރަންޓީނު ކޮށްފައިވާ ކަމަށެވެ.

މާމެންދޫ އަށް ހޯމް ކަރަންޓީނަށް ދިޔަ އުމުރުން 28 އަހަރުގެ މީހަކު ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާ އާއެކު ދެން ގޭގައި ތިބީ މިއަދު ޕޮޒިޓިވްވި ދެ މީހުން އެކަންޏެވެ.

އެމީހުން ރަށަށް ދިޔައީ ކޫއްޑޫ މަގުން މިމަހުގެ 13 ވަނަ ދުވަހު އެވެ. އެ ފްލައިޓުން 40 މީހުން ދަތުރުކުރި ކަމަށް އެންއީއޯސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.

އެ ފްލައިޓުން ދެން ދަތުރުކުރި މީހުންނަކީ އެއަތޮޅު ގެމަނަފުށީ މީހުން ނެވެ.

އެ ކޭސް އާއި ގުޅިގެން ކަރަންޓީނު ކުރި މީހުންގެތެރޭގައި ހިމެނެނީ މާލެއިން ފަސް މީހެއްގެ އިތުރުން ގއ. ގެމަނަފުށިން ފަސް މީހެއް އަދި މާމެންދޫ އިން ޕޮޒިޓިވްވި އަނެއް ދެމީހުންގެ އިތުރުން އެހެން އިތުރު މީހެކެވެ.

މާލެއިން ކަރަންޓީނު ކުރި މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ބައްދަލުވި ހަތަރު މީހަކާއި އެއާޕޯޓުން ބައްދަލުވި މީހެކެވެ.

ގެމަނަފުށިން އެކަހެރި ކުރި މީހުންނަކީ މާމެންދޫ އިން ޕޮޒިޓިވްވި ފުރަތަމަ މީހާ އާއި އެއް ފްލައިޓަކުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނޭ މީހުންނެވެ.

މާމެންދޫ އިން އެކަހެރި ކުރި މީހަކީ ޕޮޒިޓިވްވި ފުރަތަމަ ކޭސް އާއި ކޫއްޑޫ އެއާޕޯޓުން ދިމާވި މީހެެކެވެ. އެ މީހާ ދަތުރުކުރީ އެހެން ފްލައިޓަކުން ކަމަށާއި އޭނާ އަކީ ރިސޯޓު ކަރަންޓީނު ނިންމާފައި އެނބުރި ރަށަށް ދިޔަ މީހެއް ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުންޏެވެ.

އަދި އެމީހާ ވަނީ ރަށަށުގައި އޮތް ޖަނާޒާއެއްގެ ކަންތަކުގައިވެސް ބައިވެރިވެފައި ކަމަށް އެންއީއޯސީގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު މިރޭ ވިދާޅުވިއެވެ.

"މިވަގުތު ހުރީ ކަރަންޓީނު ކުރެވިފައި. ރަށަށް ދިޔަ އިރު އޭނާ ދަތރު ކުރީ 14 ދުވަސް ވަންދެން ރިސޯޓު ކަރަންތީނުގައި ހުރެފައި،" މަބްރޫކު ވިދާޅުވިއެވެ.

"މިހާރު ކަރަންޓީނު މިކުރެވުނު ކޮންޓެކްޓު މިއީ ކުރިން ކަރަންޓީނު ކުރަން ޖެހޭ މީހަކަށް ނުވެފައި، ރަށުގައި ބޭއްވި ޖަނާޒާއެއްގައި އުޅުނުއިރު ގިނަ ބަޔަކާ ބައްދަލުވެފައިވޭ،" މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ އޭނާ ގިނަ ބަޔަކާ ބައްދަލުވެފައިވާތީ އޭނާގެ ޓެސްޓެއް ހަދަން ނިންމާފައިވާ ކަމަށެވެ.

ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ޖެހުނު ނަމަވެސް، ދެވަނަ އަށް ބަލިޖެހޭ މީހާގެ ފަރާތުން އެހެން ބަޔަކަށް ބަލި ފެތުރުމަށް ދެ ދުވަހުގެ އިންކިޔުބޭޝަން މުއްދަތެއް ނަގާނެ ކަމަށެވެ.

https://sun.mv/138771

comment ކޮމެންޓް