އިހު ޒަމާނުގައި ބޭނުންކޮށް އުޅުނު ވައްތަރުގެ އަތުން ދަމާ ހަނެއް މޮޑިފައިކޮށްގެން ހެދި ގްރައިންޑަރެއް ބޭނުންކުރަނިކޮށް، އޭތި ފަޅައިގެން ގޮސް ގއ. މާމެންދޫގައި މީހަކަށް މިއަދު ވަރަށް ބޮޑަށް އަނިޔާ ވެއްޖެއެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން މާމެންދޫ ކައުންސިލްގެ ނައިބު ރައީސް މިސްބާހު މުޖުތަބާ "ސަން"އަށް ވިދާޅުވީ، މި ހާދިސާ ހިނގީ ވަޅި ފަދަ ތަކެތި ތޫނު ކުރުމަށް އިހުގައި ބޭނުންކޮށްއުޅުނު ވައްތަރުގެ ހަނެއް މޮޑިފައިކޮށް، މޯޓަރެއް އަޅުވައިގެން ހެދި ގްރައިޑަރެއް ބޭނުންކުރަނިކޮށް ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު ހިނގި އެ ހާދިސާގައި ހަނު ބޭނުންކުރަނިކޮށް އޭގެ ބައެއް ފަޅައިގެން ގޮސް ދިވެއްސެއްގެ ފަައިގެ ކަށިމަތިން ކައްޓާއި އެއްކޮށް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށް މިސްބާހު ވިދާޅުވިއެވެ.
"ކަށިމަތިން ހަމަ ކައްޓާ އެއްކޮށް އޮތީ ހަމަ ގޮސްފަ. ދެން ހަމަ ކުޑަ ތަންކޮޅެއް އިނީ އެޓޭޗްކޮށް," މިސްބާހް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ވިލިނގިލީ ހޮސްޕިޓަލްގެ މެނޭޖަރު އަލީ ޝަމީމް މިއަދު 'ސަން'އަށް ވިދާޅުވީ ފަޔަށް ލިބިފައި ހުރި ގެއްލުމުގެ ސަބަބުން އޯޕަން ސާޖަރީއަކަށް ދާން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ފައިގެ ކުޑަހުޅަށްވުރެ ތިން އިންޗި މަތިން އެއްކޮށް ކަށި ބުރިވެފައިވާ ކަމަށާއި މައި ކަށި ވެސް އެއްކޮށް ބުރިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ޝަމީމް ވިދާޅުވީ ޒަހަމްވި މީހާ ހަވީރު 4:30 ހާއިރު އެއާ އެންބިއުލާންސްގައި މާލެ ފޮނުވާލާފައިވާ ކަމަށެވެ.