ރޭޕްގެ ތުހުމަތުވާ އަނީސް، ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

އެގާރަ އަހަރުގެ ކުޑަކުއްޖަކު ގެސްޓްހައުސްއަކަށް ގެންގޮސް އެ ކުއްޖާ ރޭޕް ކުރި މައްސަލައިގެ ތުހުމަތު ކުރެވޭ ހއ. ބާރަށު، ސިލްސިލާގޭ، އަނީސް ހިލްމީ،38، ޝަރީއަތް ނިމެންދެން ބަންދުުކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

މި މަހުގެ 10 ވަނަ ދުވަހު ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި އޭނާ ހައްުޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ޖޫން 12 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ ގޭގައި ހުއްޓައެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމުގެ އަމުރަކަށް، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު، ވަނީ ޕްރޮސެކިއުޓާ ޖެރެނަލްގެ އޮފީހުގައި އެދިވަޑައިގެންފަ އެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ އޭނާގެ ބަންދުގެ މުއްދަތަކަށް ދިނީ ހަތް ދުވަހެވެ.

މީގެކުރިން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް "ސަން" އަށް ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދު ކުރަން ޕީޖީ އޮފީހުން އެދުނަސް ހަތް ދުވަހަށް ބަންދު ކުރަން އަމުރު ކުރީ ހުށަހަޅަން ޖެހޭ ބައެއް ލިޔުންތައް މަދުވުމުން ކަމަށެވެ.

ނަމަވެސް، ބަންދުގެ ހަތް ދުވަހުގެ ތެރޭގައި އެ ލިޔުންތައް ހަމަކޮށްގެން، ބަންދުގެ މުއްދަތު އިތުރު ކުރަން އެދޭ އިރު، ޝަރީއަތް ނިމެންދެން ބަންދު ކުުރުމުގެ އަމުރަކަށް އެދުމުން އެފަދަ އަމުރެއް ނެރުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި މަހުގެ 13 ވަނަ ދުވަހު އޭނާގެ ބަންދަށް ހަތް ދުވަސް ދީފައިވާއިރު، އަލުން އޭނާގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ޕޮލިހުން ވަނީ ބުނެފައެވެ.

ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންނެވެ. ފުލުހުން ބުނީ، އަނީސްއަށް ތުހުމަތުވާ މައްސަލަ ބަލަމުންދަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަމަލުކުރާ ފަރާތްތަކާމެދު ގާނޫނީގޮތުން އެޅެން އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އަމަލުކުރަން ފެށި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމަކީ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

މީގެ ތެރޭގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކު ގްރޫމްކުރުން ވެސް ހިމެނެ އެވެ.

ގްރޫމްކުރުން ކަމަށް ބުނެފައި ވަނީ، އެކުއްޖާއާމެދު ޖިންސީ ގޯނާގެ އަމަލެއް ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެކުއްޖާއާ ޖަޒުބާތީ ގުޅުމެއް ގާއިމުކޮށް، އެކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކުރުމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމް ކޮށްފި މީހާގެ އަދަބަކީ 10 އަހަރުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ކުއްޖާ ގްރޫމް ކުރުމުގެ ކުށް ކުރަނީ އެކުއްޖާ އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކުނަމަ، އެ ކުށުގެ އަދަބަކީ 15 އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ހަވާލުވެފައިވާ މީހަކު ގްރޫމްކުރާނަމަ، އެ ކުށުގެ އަދަބަކީ ފަސް އަހަރަށް ޖަލަށް ލުމެވެ.

comment ކޮމެންޓް