މާފަރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓް ކުރާނެ މެޝިނެއް ގެނެސްފި

މާފަރު އެއާޕޯޓު -- ސަން ފޮޓޯ: އާއިޝަތު ފަރީހާ އަބްދުﷲ

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޕީސީއާރު މެޝިން ރާއްޖެ ގެނެސްފި އެވެ.

ކޮވިޑް19ގެ އާ އާންމު ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، މާފަރު އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރާ ލެބެއް ގާއިމް ކުރަނީ އެ ސަރަހައްދުގައި އޮންނަ ސޮނޭވާ ޖާނީ ރިސޯޓު ހިންގާ ސޮނޭވާ ގްރޫޕުގެ ފަރާތުންނެވެ. މިލެބަށް ބޭނުންވާ މެޝިން ގެނެސްފައިވަނީ ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެ ކުރާ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ކުންފުނި މެދުވެރިވެގެންނެވެ.

އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން ކުންފުނީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، މިއަދު ރާއްޖެ ގެނައި ޕީސީއާރު މެޝިނަކީ، ކޮވިޑަށް ޓެސްޓް ކުރުމަށް ބޭނުންވާ ލައިޓްސައިކްލާ96 މަރުކާގެ މެޝިނެއް ކަމަށެވެ. އަދި ލެބް ހެދުނުހާ އަވަހަކަށް އެ މެޝިން އިސްޓޯލް ކުރުމުގެ މަސައްތަކް ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސޮނެވާއިން އޯޑަރުކޮށްގެން ގެނައި މެޝިނެއް މިއީ. މާފަރު އެއާޕޯޓު ލެބް ނިމޭތާ ދެ ދުވަސް ތެރޭ އިންސްޓޯލް ކުރެވޭނެ. މެޝިނަށް ބޭނުންވާ އަލާތްތަކާއި ޓެސްޓްކިތްތައްވެސް އެބަހުރި ލިބިފައި" އޭޑީކޭ ކުންފުނީގެ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މެޝިނާއެކު މިހާރު 3،000 ޓެސްޓް ކިޓްވެސް ލިބިފައިވާ ކަމަށެވެ. އަދި އިތުރު ޓެސްޓް ކިޓްތައްވެސް ވަރަކަށް އަވަހަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އޮޓެމެޓިކް އެކްސްޓެރެކްޝަން މެޝިނަކާއެކު މި މެޝިނުން ހެދެނޭ ދުވާލެއްގެ މައްޗަށް 1،000 ޓެސްޓް. މެނުއަލީ ކުރާނަމަ، 500އާ ހަމަށް ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި ވާހަކަ ދައްކަވަމުން މާފަރު އެއާޕޯޓުު ހިންގާ އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މިދިޔަ ހަފްތާގައި ވިދާޅުވީ، މާފަރު އެއާޕޯޓަށް ދަތުރުކުރާ ޓުއަރިސްޓުން ކޮވިޑް19 އަށް ޓެސްޓު ކުރަން ލެބެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ސޮނެވާގެ ހަރަދުގައި ހަދާ މި ލެބުގެ މަސައްކަތް މިމަހުގެ 25 އަށް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލެބަށް ބޭނުންވާ މެޝިނަރީ ހޯދުމާއި، ބޭނުންވާ ހުއްދަތައް ސަރުކާރުގެ އިދާރާތަކުން ހޯދާނީވެސް އެ ސޮނެވާ ކުންފުނިން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވި ގޮތުގައި މި ލެބަކީ ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ކުރަންވެސް ބޭނުން ކުރެވޭނެ ޓޫލް އަކަށް ވާނެއެވެ. އެގޮތުން މާފަރު އެއާޕޯޓަށް ދަތުރުކުރާ ހުރިހާ ޓޫރިސްޓުންވެސް އެތަނުން ނުކުންނާނީ ކޮވިޑަށް ޓެސްޓުކޮށްފައި ކަމުން، ފަތުރުވެރިންގެ އިތުބާރު ލިބޭނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

މިހާރު ރާއްޖެއިން ކޮވިޑަށް ޓެސްޓް ކުރެވެނީ މާލެއިން އަދި އައްޑޫ ސިޓީ އިންނެވެ. މާލެއިން އައިޖީއެމްޗް ލެބް، ފުލުހުންގެ ލެބް އަދި އޭޑީކޭ ލެބުންވެސް ކޮވިޑަށް ޓެސްޓް ކުރެވެެއެވެ.

https://sun.mv/138616

comment ކޮމެންޓް