މާފަރު އެއާޕޯޓުގައި ކޮވިޑް-19އަށް ޓެސްޓުކުރާ ލެބެއް ގާއިމުކުރަނީ

މާފަރު އެއާޕޯޓު -- ސަން ފޮޓޯ: އާއިޝަތު ފަރީހާ އަބްދުﷲ

ކޮވިޑް19ގެ އާ އާންމު ހާލަތުގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑަށް ޓެސްޓު ކުރާ ލެބެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީގައި ވާހަކަ ދައްކަވަމުން މާފަރު އެއާޕޯޓުު ހިންގާ އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މާފަރު އެއާޕޯޓު އޮންނަ ލޮކޭޝަނަކީ ގިނަ އަދަދެއްގެ ހައި-އެންޓް ރިސޯޓުތަކެއް ހުރި ސަރަހައްދެއް ކަމަށެެވެ.

އެގޮތުން އެ ސަރަހައްދުގައި އޮންނަ ސޮނޭވާ ޖާނީ ހިންގާ ސޮނޭވާ ގްރޫޕުގެ ފަރާތުން މާފަރު އެއާޕޯޓުގައި ޕީސީއާރު ޓެސްޓު ހަދާ ލެބެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރިޒްވީ ވިދާޅުވިއެވެ.

މިއީ މާފަރު އެއާޕޯޓަށް ދަތުރުކުރާ ޓުއަރިސްޓުން ކޮވިޑް19 އަށް ޓެސްޓު ކުރަން ހަދާ ލެބެއް ކަމަށާއި ސޮނެވާގެ ހަރަދުގައި ހަދާ މި ލެބުގެ މަސައްކަތް މިމަހުގެ 25 އަށް ނިމޭނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

ލެބަށް ބޭނުންވާ މެޝިނަރީ ހޯދުމާއި، ބޭނުންވާ ހުއްދަތައް ސަރުކާރުގެ އިދާރާތަކުން ހޯދާނީވެސް އެ ކުންފުނިން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ މާފަރުގައި ގާއިމުކުރެވޭ ލެބަކީ ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ކުރަންވެސް ބޭނުން ކުރެވޭނެ ޓޫލް އަކަށް ވާނެ ކަމަށެވެ. އެގޮތުން މާފަރު އެއާޕޯޓަށް ދަތުރުކުރާ ހުރިހާ ޓޫރިސްޓުންވެސް އެތަނުން ނުކުންނާނީ ކޮވިޑަށް ޓެސްޓުކޮށްފައި ކަމުން، އެމީހުންނަށް އިތުބާރުވެސް ލިބޭނެކަމަށް ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ރިޒްވީ ވިދާޅުވިއެވެ.

ޖުލައި އެކަކުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލާއިރު އިންޓަނޭޝަނަލް ފްލައިޓުތަކަށް ކޭޓާ ކުރުމަށް މާފަރު އެއާޕޯޓު ތައްޔާރު ވާނެ ކަމަށާއި އެކަމަށްޓަކައި މިހާރުވެސް މަސައްކަތް ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެއާޕޯޓު ޓާމިނަލްގެ އިންޓީރިއާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ހޯމަ އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މާފަރު އެއާޕޯޓު އިންޓަނޭޝަނަލް ދަތުރުތަކަށް ތައްޔާރުވާއިރު އެ އެއާޕޯޓުގައި މިހާރު ވަނީ ތާމަލް ކެމެރާ ބަހައްޓައިފައެވެ. މިހާރު ކުރިއަށްދަނީ ކައުންޓަރުތަކުގައި ބިއްލޫރި ޕާޓިޝަންޖަހައި، ސޯޝަލް ޑިސްޓެންސިން މާކު ހަރުކުރުމުގެ މަސައްކަތްތައް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

comment ކޮމެންޓް