އެނބުރި އައިސް ގާނޫނީ ބާރު ފުލުހުންނަށް ދޭނަން: ޝިޔާމް

ނައިފަރު ދާއިރާ މެމްބަރު ޝީޔާމް: އޭނާ ވިދާޅުވީ އިދިކޮޅަށް ބާރު ލިބުމުން ފުލުހުނަށް ގާނޫނީ ބާރުވެރިކަން ލިބޭނެ ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅަށް ބާރު ލިބުމުން ފުލުހުންނަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަށް ގާނޫނީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ފުލުހުންގެ ހިދުމަތުގެ ނަމުގައި ބިލެއް ހުށަހަޅާފަ އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފަ އެވެ.

އެ ފާޑު ކިޔުންތަކާ ގުޅުވަައި ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އަތުގައި ބާރު އޮތުމުން ފުލުހުންނަށް ހިތު ހުރި ގޮތެއް ހެދިދާނެ ކަމަށާއި ނަމަވެސް ފުލުހުން އެމީހުންގެ ގާނޫނީ ޒިންމާ އަދާ ކުރުމުގައި ފަހަތައް ނުޖެހޭނެކަން ގަބޫލުކުރާ ކަމަށެވެ.

"މިއަދު ފުލުހުން ވަކި ކުލައިގެ ސޯޓުބުރި ލައްވާ ރަނބަރުގަނޑަކަށް އަރުވާފައި މާލެ މަގުމައްޗަށްވެސް ނެރެވިދާނެ. މުއައްސަސާގެ ކުލަތައް ބަދަލުކޮށް ފުލުހުންގެ ބާރުތައް ހަނިކޮށް ބާރުތައް ހިތުހުރިތާކަށް ޖަމާކޮށް ފުލުހުންގެ މައި މަރުކަޒުގެ ނަންވެސް ބާޢީއެއްގެ ނަމަށް ބަދަލު ކުރެވިދާނެ،" އެމްޑީޕީއަށް ނިސްބަތްކޮށް ޝިޔާމް ވިދާޅުވިއެވެ.

ޝީޔާމް ވިދާޅުވީ، މިއަދު ފުލުހުނަށް އެގޮތަށް ހެދި ނަމަވެސް، އިދިކޮޅަށް ބާރު ލިބުމުން ފުލުހުންނަށް ހަގީގީ ބާރުވެރިކަން ލިބޭނެ ކަމަށެވެ.

"މާތްﷲގެ ހެޔޮ ރަހުމަތްފުޅުން މިނޫން ދުވަހަކާ ދިވެހިން އަދި ބައްދަލު ކުރާނެ. އެދުވަހަކުން ފުލުހުންގެ ހައްގު މަގާމު ލިބި، ގާނޫނީ ފުރިހަމަ ބާރުވެރިކަންވެސް ލިބޭނެ. މާޔޫސްނުވޭ. އަޅުގަނޑުމެން އެބަ އަންނަން،" ފުލުހުންނަށް ނިސްބަތްކޮށް ޝިޔާމް ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން މައްޗަންގޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ފުލުހުން ނެރެންވީ ކުޑަ ދަނޑިބުރިއެއް ދީފައި ސަރުދާރުންގެ ގޮތުގައި ކަމަށެވެ.

"ހުތުރު ސިފައެއްގެ ގޮތުގައި ޕޮލިހުން ބައިތިއްބަންވީ. މާ ސްމާޓް އެއްޗެހި ލައްވާފައި ބައިއްތިއްބާކަށް ނުޖެހޭ. ސަރުދާރުންގެ ގޮތުގައި ނެރެންވީ ކުޑަ ދަނޑިބުރިއެއް ދީފަ،" ބިލަށް ބަހުސްކުރައްވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވިއެވެ.

ބޯދިގު ވިދާޅުވީ ފުލުހުންނަކީ ސްމާޓްކޮށް ޔުނީފޯމު އަޅުވާފައި ބައިތިއްބަންޖެހޭ ވަރަށް ވުރެ އަހްލާގީ ފެންވަރު ދަށް ބައެއް ކަމަށެވެ. އަދި ހަރަދު ކުޑަކުރުމުގެ ގޮތުން ވެސް، ވީހާވެސް އަވަހަކަށް ފުލުހުންގެ ޔުނީފޯމު ބަދަލުކުރަން މެމްބަރު ގޮވާލެއްވި އެވެ.

"އަޅުގަނޑު ގޮވާލަން، ހަމަ މިހާރުން މިހާރަށް ވެސް ހަމަ މި ކޮމިޓީގައި އެ ބޭފުޅުންގެ ޔުނީފޯމަށް ވެސް ކުޑަކޮށް ބަދަލެއް ގެންނަން. ކާކީ ކުލައިގެ ސޯޓު ބުރިއެއް ލައްވާފައި، ތަންކޮޅެއް ދިގު ސްޓާކީނެއް ލައްވާފައި، ހަންގަނޑެއް ކަހަލަ ބޫޓު ގަނޑަކަށް އަރުވައިގެން މާލެތެރޭގައި ގެންގުޅެންވީ،" މެމްބަރު ވިދާޅުވި އެވެ.

މެމްބަރުގެ ވާހަކަތަކާ ގުޅިގެން، ބައެއް ފުލުހުންނާއި ފުލުހުންގެ އާއިލާ އަދި އިދކޮޅު މެމްބަރުންވެސް އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

comment ކޮމެންޓް