އެމްއެމްޕީއާރުސީ މައްސަލައިގައި ޕީޖީ ތެރޭގައި ނުފޫޒު އޮތްތޯ ބަލަނީ

ޕީޖީ ޝަމީމް: އެމްއެމްޕީއާރުސީގެ މައްސަލައިގައި ޕީޖީ ތެރޭގައި ނުފޫޒް އޮތްތޯ ބެލުމަށް ތިން މެންބަރުންގެ ކޮމެޓީއެއް ވަނީ އެކުލަވާލާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ބޮޑު އެއް ކޮރަޕްޝަން ކަމުގައިވާ އެމްއެމްޕީއާރުސީގެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ތެރޭގައި އެކަމުގެ ނުފޫޒު އޮތްތޯ ބެލުމަށް ތިން މެންބަރުންގެ ކޮމެޓީއަކާ ހަވާލުކޮށްގެން އިންކުއަރީއެއް ފަށައިފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލަމުން އަންނަނީ އެކަމަށް ހާއްސަކޮށްގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ރިޔާސީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޕީޖީއާ ގުޅިގެންނެވެ.

ރާއްޖޭ ޓީވީގައި ރޭ ވާހަކަ ދައްކަވަމުން ޕީޖީ ހުސެން ޝަމީމް ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައިގައި މުއައްސަސާތަކަށް ނުފޫޒު ވަދެފައިހުރި ކަމަށް ބުނާ ކަމަށާއި ހާއްސަކޮށް ޕީޖީ އޮފީހަށް ވެސް އެ ނުފޫޒް އޮތް ކަމަށް މީހުން ތުހުމަތުކުރާ ކަމަށެވެ.

"އަޅުގަނޑު މިހާރު ވާނެ އިންޓާނަލް އިންކުއަރީއެއް ފަށާފައި. އަޅުގަނޑު ބަލަން ބޭނުން ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ކުރީގައި މަސައްކަތްކުރެއްވި ބޭފުޅުންނާއި މިހާރު އެކަމާއި އުޅުއްވާ ބޭފުޅުންނާއި އެއްވެސް ކަހަލަ ތުހުމަތެއް އެއްވެސް ކަހަލަ ސުވާލު އުފެދޭ ކަމެއް އޮތްތޯ. އެއީ އިންޓާނަލީ. ސިސްޓަމްތައް ހުރި ގޮތުންނާއި މަސައްކަތް ގެނެވިފައި ހުރި ގޮތުންނާއި މަސައްކަތް ކުރަމުންދާ ގޮތުގެ އެއްވެސް ކަހަލަ ކަމެއް އުޅޭތޯ ބަަލަން ތިން ބޭފުޅުންގެ ކޮމެޓީއަކާއި ހަވާލުކޮށްފައި އޮންނާނީ،" ޝަމީމް ވިދާޅުވި އެވެ.

ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެކަމާއި ގުޅޭ ރިޕޯޓް އޭނާއަށް ލިބޭނެ ކަން ޝަމީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ޕީޖީ އޮފީސް ތެރޭގައި ނުފޫޒް ހުރި ދިމާތައް އެ ރިޕޯޓުން އެނގޭނެ ކަމަށާއި އެކަންތައް އިސްލާހު ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު މި ބަލަނީ ސިސްޓަމެޓިކް ކަންތައްތަކެއް ރަނގަޅު ކުރަން ހުރީ ވިއްޔާ ހަމަ ވަގުތުން އެކަމަށް ރަނގަޅު ކުރަން. ދެން މުވައްޒަފަކު ގޯހެއް ހަދާފައި އޮތްކަމަށް ގަބޫލުކުރެވެންޔާ އެ އޮންނަ ޕްރޮސަސްތެރެއިން ފިޔަވަޅު އަޅާނެ،" ޝަމީމް ވިދާޅުވި އެވެ.

މިހާރު މަސައްކަތްދާ ގޮތުން އެއްވެސް ދިމާލަކުން ނުފޫޒެއް ނާންނަ ކަން ޝަމީމް ފާހަގަކުރެއްވި އެވެ. ނަމަވެސް އެކަހަލަ ކަމެއް ހުރެއްޖެ ނަމަ އެ މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަކީ ކުރެވޭނެ ކަމަށް ނޫން ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑު އެއް ތުހުމަތެއް ކުރެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޝަމީމް ހަރަކާތްތެރިވި އެވެ. ނަމަވެސް އެއީ އެމްއެމްޕީއާރުސީގެ މައްސަލަ ފެންމަތިވުމުގެ ކުރިންނެވެ.

އެއީ 2015 ވަނަ އަހަރު ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން އަދީބު، ހައްޔަރު ކުރުމާއި ގުޅިގެންނެވެ. ނަމަވެސް އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ޝަމީމް ސަސްޕެންޑް ކޮށް ކޯޓްތަކުގައި ވަކާލާތު ނުކުރެވޭ ގޮތައް ހުއްދަ ހިފަހައްޓާފަ އެވެ. އެ ސަސްޕެންޝަން ދެ އަހަރަށް ވުރެން ގިނަ ދުވަހަށް ދެމިގެން ދިޔަ އެވެ. އަދި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކޮށް އަދީބުގެ މައްޗަށް ދައުވާ ވެސް އުފުލާފައިވަނީ އެ މުއްދަތުގެ ތެރޭގަ އެވެ.

"އަޅުގަނޑެއް އަހްމަދު އަދީބުގެ މައްސަލައެއްގައި އަދި ހާއްސަކޮށް ކޮރަޕްޝަންގެ މައްސަލައެއްގައި މަސައްކަތްކޮށްފައެއް ނޯންނާނެ،" ޝަމީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި މައިގަނޑު ހައެއްކަ "ކްލަސްޓާ" އޮތްކަން ޝަމީމް ފާހަގަކުރެއްވި އެވެ. އޭގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ އަހްމަދު އަދީބްގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ އެމްއެމްޕީއާރުސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތު ކަމަށް ޝަމީމް ވިދާޅުވި އެވެ. އެއީ މުޅި ނިޒާމް ރާވައި ހިންގި ފަރާތްތައް ކަމަށް އަދީބު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ 1.2 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާގައި ޖެހުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވަނީ އެކުލަވާލާފަ އެވެ. މިހާތަނަށް އެ ލިސްޓު އާންމުކޮށްފައެއް ނުވެ އެވެ. އެކަމަކު އެ ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިހާރުގެ މަޖިލިސް މެމްބަރުންނާއި މިހާރުގެ ވަޒީރުން އަދި ކުރީގެ ވަޒީރުން ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް