ދޮށީ އުމުރުގެ ތިން މީހުނަށް ޖިންސީ ގޯނާ ކޮށްގެން ހައްޔަރު ކުރި މީހާ ގޭ ބަންދަށް

ރޭޕް ކުރުމާއި ޖިންސީ އަނިޔާއާއި ދެކޮޅައް މާލޭގައި ކުރިއަށް ގެންދިޔަ ހިގާލުމުގެ ތެރެއިން: އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ ތިން މީހަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ވަނީ ގޭ ބަންދަށް ބަދަލު ކޮށްފައި -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

އައްޑޫ ސިޓީ މީދޫގައި އުމުރުން ދުވަސްވީ ތިން މީހަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޒުވާނާ ގޭބަންދަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ މައްސަލަތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް މިދިޔަ އަންގާރަ ދުވަހު ކޯޓަށް ގެންދިއުމުން ގޭބަންދަށް ބަދަލު ކުރުމަށް ހުކުމް ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ނިންމުން އިސްތިއުނާފް ކޮށްދިނުމަށް ފުލުހުން މިހާރު ވަނީ ސިޓީއަކުން ޕްރޮޮސިކިއުޓާރ ޖެނަރަލްގެ އަރިހުގައި ދަންނަވާފަ އެވެ.

އޭނާގެ މައްސަލަ އެނެމް ފުރަތަމަ ހުށަހެޅުނީ، އުމުރުން 64 އަހަރުގެ އަންހެނަކު ރޭޕް ކުރަން އުޅުމުގެ ތުހުމަތުގަ އެވެ. އެ މައްސަލަ ބަލަމުން ދިޔައިރު އުމުރުން ދުވަސްވީ އިތުރު ދެ މީހަކަށް ވެސް އޭނާ ޖިންސީ ގޯނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އޭނާ ދެން ޖިންސީގޯނާ ކުރީ 65 އަހަރު އަދި 66 އަހަރުގެ ދެ މީހުންނަށް ކަމަށެވެ.

ޖިންސީ ގޯނާގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު 18 އަހަރުން ދަށުގެ ދެ ކުއްޖަކު ރޭޕް ކުރަން އުޅުނު ދެ މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހްގީގް ކުރަމުންނެވެ.

comment ކޮމެންޓް