ދިވެހިން ގެންނަ ފްލައިޓްތަކުން ޖާގަ ލިބުމުން ދޫކޮށްނުލާން އެދިއްޖެ

އިންޑިއާގައި ތިބި ދިވެހިން ގޮވައިގެން އައި މޯލްޑިވިއަންގެ އެއާބަސް -- ފޮޓޯ: މޯލްޑިވިއަން

ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ގެންނަން ބާއްވަމުންދާ ފްލައިޓްތަކުން ޖާގަ ލިބުނަސް ފުރުސަތުގެ ބޭނުން ނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑްއާ ގުޅިގެން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ތިބި ދިވެހިންގެ ތެރެއިން ކޮންމެހެން އަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު ހޯދައިދިނުމަށް ފޮރިން މިނިސްޓްރީއިން އަންނަނީ ގިނަ ގުނަ މަސައްކަތްކުރަމުން ނެވެ.

އެގޮތުން މިމަހުގެ 15 އިން ފެށިގެން މިއަދާ ހަމައަށް 446 ދިވެހިން ރާއްޖެ އައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރޭގައި މިދިޔަ ހޯމަ ދުވަހު މެލޭޝިއާއިން އައި މޯލްޑިވިއަންގެ ފްލައިޓްގައި އައި 198 ދިވެހިންނާއި މިދިޔަ އަންގާރަ ދުވަހު ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ބަލާ އައި ބެންގަލޫރުގެ ފްލައިޓްގައި ތިބި 54 ދިވެހިންނާއި އިއްޔެ މެލޭޝިއާއިން އައި މޯލްޑިވިއަންގެ ފްލައިޓްގައި ތިބި 175 ދިވެހިން ހިމެނެއެވެ.

އޭގެ އިތުުރުން މިއަދުވެސް ދިއްލީން އައި ފްލައިޓަކުން ދެ ދިވެހިން ވަނީ އައިސްފައެވެ.

ފްލައިޓްތަކުން ލިބޭ ފުރުސަތުތައް ބައެއް ފަރާތްތަކުން ނުހިފާތީ ފްލައިޓްތައް އޮންނަ ތާރީޚުތަކުގައި ރާއްޖެއަށް ވަޑައިގަންނަވަން ޖެހޭ ފަރާތްތަކުން ރާއްޖެއަށް އައުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

"މިފަދަ ފުރުސަތު ތަކަކީ ބޭނުން އިރަކު ލިބޭނެ ފުރުސަތެއް ނޫންކަމުން، އެންމެ ފަހުން ލަންކާއިން އައި ފްލައިޓްގައިވެސް ގިނަ އަދަދެއްގެ ހުސް ޖާގަ ހުރި. އެހެންނަމަވެސް އަނެއްކާވެސް އަނބުރާ އަންނަން ބޭނުންވެގެން ލަންކާގައި ތިބި ބައެއް ދިވެހިން އެބަ އެދޭ." ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

comment ކޮމެންޓް