އޭއެފްސީ އިން މިފަހުން އެކުލަވާލި އެންމެ މޮޅު ސޯލޯ ގޯލްގެ ލިސްޓުގެ އެއްވަނައަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ޖަހާފައިވާ ގޯލު ބޮޑު ތާއީދަކާ އެކު ހޮވިއްޖެ އެވެ.
އޭޝިޔާގެ މައި ފުޓްބޯޅަ އިދާރާ އޭއެފްސީން ފަހަކަށް އައިސް އަންނަނީ އެ އިދާރާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، އޭއެފްސީ ކަޕްގައި ޖަހާފައިވާ މޮޅެތި ގޯލްތައް ކެޓަގަރީކޮށް ތަފާތު ގޮތްގޮތަށް ޖަހާފައިވާ ގޯލުތައް ސަޕޯޓަރުންގެ ވޯޓާ އެކު ގިންތި ކުރަމުންނެވެ.
އެގޮތުން އެންމެ ހިތްގައިމު ހިލޭ ޖެހުމާއި ދުރުން ޖަހާފައިވާ އެންމެ ރީތި ގޯލް ވެސް މީގެ ކުރިން ހޮވާފައިވާއިރު އެންމެ ފަހުން އެ އިދާރާއިން ނޮމިނޭޓް ކޮށްފައިވަނީ އޭއެފްސީ ކަޕްގައި ޖަހާފައިވާ އެންމެ ތަފާތު ސޯލޯ (އަމިއްލަ ހުނަރުން) ގޯލެވެ. އަދި އޭއެފްސީން ނޮމިނޭޓް ކުރި އެ ލިސްޓަށް ވޯޓުލުން މިއަދަށް ހަމަވި އިރު ބޮޑު ފަރަގަކާ އެކު އެއްވަނަ ހޯދާފައިވަނީ ރާއްޖޭގެ އަލީ އަޝްފާގް (ދަގަނޑޭ) ކާމިޔާބު ކުރި ގޯލެވެ.
ޖުމުލަ 14323 މީހުން އެ ލިސްޓް ގިންތި ކުރުމަށް ވޯޓު ލާފައިވާ އިރު ދަގަނޑޭގެ އެ ގޯލަކީ އޭއެފްސީ ކަޕްގައި 2013 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި އިންޑޮނޭޝިއާގައި އެ ގައުމުގެ ޕާސިބޯ ބޮޖެންނެގޮރޯ އާ ދެކޮޅަށް ނިއު ރޭޑިއަންޓް ކުޅުނު މެޗުގައި އޭނާ ޖެހި ހިތްގައިމު ގޯލެކެވެ.
މުހައްމަދު އުމޭރު ދިން ބޯޅަ ލިބިގަނެ ބާރު ސްޕީޑްގައި އިދިކޮޅު ޓީމުގެ އޭރިއާ ތެރެއަށް ވަންނަން ދިޔައިރު ފަހަތުން ޕާސިބޯގެ ތިން ޑިފެންޑަރަކާއި ޕާސިބޯގެ ގޯލްކީޕަރު ކައިރިން ބޭނުން އެއްޗެއް ހަދާފައި ދަގަނޑޭ ޖެހި އެ ގޯލަށް ލިސްޓުގެ އެއްވަނަ ލިބުނީ 54 އިންސައްތަ ވޯޓާ އެކު އެވެ.
އެ ލިސްޓްގައި ދެން ހިމެނޭ އިންޑިއާގެ ޗާޗިލް ބުރަދާސްގެ ފޯވަޑް ބަލްވަޓް ސިންހް ކާމިޔާބު ކުރި ގޯލަށް 22 % ލިބިފައވާ އިރު ލުބުނާންގެ ސޯފާ އެފްސީ ހައިދަރު އަލީ ކާމިޔާބު ކުރި ގޯލަށް ލިބުނީ 6 % އެވެ. އަދި އިންޑޮނޭޝިއާގެ ޕަސިޕޫރާގެ ފޯވަޑް ބޯޒް ސޮލޯސާ ޖެހި ގޯލަށް 17 % ލިބިފައިވާ އިރު މިޔަންމާގެ ޔޮންގޮސް ޔުނައިޓެޑްގެ ފޯވަޑް އިމޭނުއަލް އުޒޫޗޮކްވޫ ކާމިޔާބު ކުރި ގޯލަށް ލިބުނީ އެންމެ އިންސައްތަ އެކެވެ.
ދަގަނޑޭއަކީ މިހާތަނަށް އޭއެފްސީ ކަޕްގައި ތާރީހްގައި އެންމެ ގިނަ ގޯލްޖެހި ދިހަ ކުޅުންތެރިންގެ ތެރޭގައިވެސް ހިމެނޭ ކުޅުންތެރިއަކަށް ވާއިރު އޭނާ ވަނީ ކެރިއަރުގައި 400 އަށް ވުރެ ގިނަ ގޯލް ޖަހާފަ އެވެ.