މުއީދު މިފަހަރު ތައްޔާރުކުރީ އިލެކްޓްރިކް މާސްކެއް

އަހުމަދު މުއީދު ތައްޔާރުކޮށްފައިވާ އިލެކްޓްރިކް ފޭސް މާސްކް ---- ފޮޓޯ : އަހުމަދު މުއީދު

ގެއިން ލިބެން ހުރި ސާމާނު ބޭނުންކޮށްގެން ދިވެހި ޒުވާނަކު ވަނީ ދާދި ފަހުން ވެންޓިލޭޓަރެއް ތައްޔާރުކޮށްފަ އެވެ. މިފަހަރުވެސް އެ ޒުވާނާ އިތުރު އީޖާދެއް އާންމުކޮށްފި އެވެ. އައްޑޫ، މީދޫ އަށް ނިސްބަތްވާ އަހުމަދު މުއީދު މިފަހަރު ތައްޔާރުކޮށްފައިވަނީ އިލެކްޓްރިކް މާސްކެކެވެ.

ރާއްޖޭގެ މިސްރާބު މިހާރު ނިއު ނޯމަލް އަކަށް ހުރިއިރު، ދަތުރުކުރަން ފަށާފައިވާއިރު އެންމެ ޑިމާންޑު އޮތް އެއް އާލާތަކީ މިހާރު ފޭސް މާސްކެވެ. އެތައް ބަޔަކު ދަނީ ތަފާތު ގިނަ ޑިޒައިންތަކުގައި އެކި ކަހަލަ މާސްކުތައް ހަދަމުންނެވެ. ނަމަވެސް އުމުރުން 26 އަހަރުގެ މުއީދު ތައްޔާރުކޮށްފައިވާ މާސްކް އަކީ އެހެން މާސްކުތަކާ ބަލާއިރު ހާއްސަ ފީޗާތަކެއް ހިމެނޭ މާސްކެކެވެ.

އަހުމަދު މުއީދު ތައްޔާރުކޮށްފައިވާ އިލެކްޓްރިކް ފޭސް މާސްކް ---- ފޮޓޯ : އަހުމަދު މުއީދު

މުއީދު ބުނީ އަލަށް ތައްޔާރުކުރި އިލެކްޓްރީކް މާސްކުން ބޭރުން ވައި ދަމައި އެ ފިލްޓާ ކުރުމަށް ފަހު އެތެރެއަށް ފޮނުވާނެ ކަމަށެވެ. އަދި ވައި ފޮނުވާނީ ދެ ލޭޔަރު މައިކްރޯފައިބާގެ އެހީގައި ކަމަށާއި އެ ފިލްޓާ މެދުވެރިކޮށް 95 ޕަސެންޓް ވައި ސާފުކޮށްދޭނެ ކަމަށް އޭނާ ބުންޏެވެ.

"މި މާސްކް އަކީ ބޭނުންކުރުމަށްފަހު ދޮވެވޭނެ ވެސް މާސްކެއް،" އޭނާ ބުންޏެވެ.

މުއީދު ބުނީ އެ އިލެކްޓްރިކް މާސްކުގައި ބޭނުންކުރާ ބެޓެރިއަކީ 2،600 މިލިއެމްޕިއާގެ ލިތިއަމް އަޔޯން ބެޓެރިއެއް ކަމަށާއި އެއް ބުރުގެ ޗާޖުން ޖުމްލަ އަށް ގަޑިއިރު އެ ބޭނުން ކުރެވޭނެ ކަމަށެވެ.

"އެ ޑިވައިސް ޗާޖު ކުރުމަށް މައިކްރޮ ޔޫއެސްބީ ޕޯޓެއް އިންނާނެ. އަދި ބްރަޝްލެސް ޑީސީ ފަންކާއެެއް އެ ޑިވައިސްގައި ބޭނުންކޮށްފައިވާނެ،" މުއީދު އިތުރަށް ބުނެދިނެވެ.

އަހުމަދު މުއީދު ތައްޔާރުކޮށްފައިވާ އިލެކްޓްރިކް ފޭސް މާސްކް ---- ފޮޓޯ : އަހުމަދު މުއީދު

މުއީދު އެ މާސްކް ތައްޔާރުކުރުމަށް ފަސް ދުވަސް ނެގި އެވެ. އަދި އެ މަސައްކަތުގައި ކޮންމެ ދުވަހަކު 16 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް މުއީދު ބުންޏެވެ.

މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ އެ މާސްކު އާންމުންނަށް ނެރުމުގެ މަސައްކަތެވެ. އެގޮތުން މާސް ޕްރޮޑަކްޝަންގެ މަސައްކަތް ކުރާ ކަމަށާއި މާސްކެއްގެ އަގު އުޅޭނީ 499 ރުފިޔާ އާއި 599 އާ ދެމެދުގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް