ސީޕްލޭން ޓާމިނަލްގެ 95 ޕަސެންޓް މަސައްކަތް ނިމިއްޖެ

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ގޮސްފައިވާ ހިސާބު -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ އާ ސީޕްލޭބް ޓާމިނަލްގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓުގެ ދަށުން އާ ސީޕްލޭން ޓާމިނަލާއެކު ސީޕްލޭންތަކަށް ހާއްސަ ޑޮކެއްވެސް ގާއިމްކުރާނެއެވެ.

އެމްއޭސީއެލް އިން ބުނީ ފޭސް އެކެއްގެ ދަށުން ގާއިމް ކުރާ ޑޮކް ތަކުގެ 80 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. ޑޮކްތަކަށް ފިޔުލް ލައިން ގުޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އާ ސީޕްލޭން ޓާމިނަލްގެ އިންޓީރިއާގެ 90 ޕަސެންޓް މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ.

މީގެެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އާ ސީޕްލޭން ޓާމިނާއެކު އެންމެ ފަހުގެ ޓެކްނޮލަޖީ ބޭނުންކޮށްގެން ހަދާފައިވާ ސީޕްލޭން ޑޮކަކީ 50 އަހަރުގެ ގެރެންޓީ ލިބިފައިވާ ޑޮކެއް ކަމަށެވެ. އެތަނުންް އެއްފަހަރާ 55 ފްލައިޓަށް އެތަނުން ޖާގަ ލިބޭނެއެވެ. އާ ސީޕްލޭން ޓާމިނަލާ ގުޅިފައިވާ ޑޮކް އިތުރަށް ބޮޑުކުރުމަށް ބޭނުންވާ ޖާގަވެސް އޮތްއިތު އެސަރަހައްދު ބޮޑުކުރުމުން 100 ފްލައިޓަށް ހިދުމަތް ދެވޭނެއެވެ.

ސީޕްލޭން ޓާމިނަލް އާ ގުޅިގެން އުފެދުނު އެންމެ ބޮޑު ބަހުސަކީ އެތަން ހިންގަން ހަވާލު ކުރާނެ ބަޔަކާ މެދު ކުރެވުނު ބަހުސެވެ. ދުނިޔޭގެ އެންމެ ބޮޑު ސިޕްލޭން އޮޕަރޭޓަރު، ޓީއެމްއޭ އަށް އާ ސީޕްލޭން ޓާމިނަލް ހަވާލު ކުރަން އުޅޭކަމުގެ އަޑުތަކާއެކު ރައްޔިތުންގެ މަޖިލީހުންނާއި އޭސީސީ އިން އެ މައްސަލަ ބެލިއެވެ.

ޓާމިނަލް މައްސަލައިގައި ސަރުކާރުން ނިންމާފައި އޮތީ ޓީއެމްއޭއާ މަންޓާއިން މިހާރު ބޭނުން ކުރަމުންދާ ޓާމިނަލާ އެއްވަރުގެ ސަރަހައްދެއް، މިހާރު ވެސް ބިމު ކުލީގެ ގޮތުގައި ނަގަމުންދާ އަގުގައި (އަކަމީޓަރަކަށް 10.35 ޑޮލަރު) އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމަށެވެ.

އައިލެންޑް އޭވިއޭޝަން ސާވިސްއިން އާ ޓާމިނަލުން ޖާގައެއް ބޭނުންނުވާ ކަމަށް ބުނެފައިވާއިރު، ޓީއެމްއޭއާއި މަންޓާއަށް ދޭ ސަރަހައްދުތައް ކަނޑައެޅުމަށްފަހު ބާކީ އޮންނަ ބައި ބިޑު އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ނިންމާފަ އެވެ.

ސީޕްލޭން ޓާމިނަލްގެ ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާ އެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. އެ ޓާމިނަލް ނިންމާ މި އަހަރުގެ މެއި މަހު ބޭނުން ކުރަން ފެށޭނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ބުނި ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ވަނީ ނުނިމިއެވެ.

comment ކޮމެންޓް