ފަތުރުވެރިކަން ހުޅުވާލުމާ ބެހޭ ގައިޑްލައިނަށް ގޮތެއް ނިންމުން ލަސްވެއްޖެ

ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވަނީ ---- ފޮޓޯ : ރައީސް އޮފީސް

ރާއްޖޭގައި ކޮވިޑް-19ގެ ހާލަތަށް ފަހު ފަތުރުވެރިކަން އަލުން ހުޅުވާލަން ތައްޔާރުވާއިރު އެކަމާ ގުޅޭ ގައިޑްލަނާ މެދު ގޮތެއް ނުނިންމާ "ނެޝަނަލް ޓާސްކްފޯސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ބައްދަލުވުން ނިންމާލައިފި އެވެ.

ކޮވިޑް -19 އަށް ފަހު ރާއްޖެ އަލުން ހުޅުވާލުމާ ގުޅޭގޮތުން އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ޓޫރިޒަމް މިނިސްޓްރީ އިން ވަނީ "ސޭފް ޓޫރިޒަމް ގައިޑްލައިން"އެއްގެ ޑްރާފްޓެއް އެކުލަވާލާފައެވެ.

އިކޮނޮމިކް ރިކަވަރީ ޓާސްކްފޯސްގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވައި އެ ޓާސްކްފޯސް އާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ޓުއަރިޒަމް ހުޅުވާލުމާ ބެހޭ ގައިޑްލައިންގެ ކަރުދާސް ހުށަހަޅުއްވާފައެވެ.

އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނެފައިވަނީ މިއަދު ހުށަހެޅި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާ ބެހޭ ގައިޑްލައިންއާ މެދު ގޮތެއް ނިންމާނީ ދެން ބާއްވާ ބައްދަލުވުމެއްގައި ކަމަށެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމުގައި އިކޮނޮމިކް ރިކަވަރީ ޓާސްކްފޯސްގައި ހިމެނޭ ތިން ވޯކިން ގްރޫޕާ ހަވާލުވެފައިވާ ދާއިރާގެ ކަންތައް ކުރިއަށްދާގޮތުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އެ ޓާސްކްފޯސްގައި ހިމެނޭ ތިން ވޯކިން ގްރޫޕް އަކީ އިކޮނޮމިކް ރިކަވަރީ އާއި ފައިނޭންސް ގްރޫޕް އަދި ސޯޝަލް ސެކްޓާގެ ވޯކިން ގްރޫޕެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މިއަދު ވޯކިން ގްރޫޕުން ހުށަހަޅާފައިވާ ޕްރެޒެންޓޭޝަންތަކުގެ ތެރޭގައި ކޮވިޑް-19 އާ ގުޅިގެން ދިމާވި ދަތިތަކާއެކު ބަޖެޓު ރިވައިސްކޮށް މާލީކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާއި އިގްތިސޯދީ ނެގެހެއްޓުމާއި އިގްތިސޯދީ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެ މުހިންމުކަންދޭނެ ދާއިރާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

މިއަދުގެ ބައްދަލުވުން ފައްޓަވަމުން ރައީސް ސޯލިހު ވަނީ ޓާސްކުފޯސް އުފެއްދުމުގެ މަގުސަދުގެ މައްޗަށް އަލިއަޅުއްވާލައި ވާހަކަފުޅު ދައްކަވާފައެވެ. އަދި ރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތަކާއި އެހެނިހެންވެސް ގޮތްގޮތުން ސިއްހީ ދާއިރާގެ ގާބިލުކަން އިތުރުކުރެވިފައިވާ ކަންކަން ފާހަގަކުރައްވައި އެކަންކަމުން އަރައިގަތުމަށް ފުރުސަތު ލިބިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

comment ކޮމެންޓް