ކުންފުނިތަކުގެ އަހަރީ ފީ ޖޫރިމަނާއަކާ ނުލައި ޑިސެމްބަރު މަސް ނިމެންދެން

ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ އަހަރީ ފީ ޖޫރިމަނާއަކާ ނުލާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ބަލައިގަތުމުގެ އިންތިޒާމް މިއަހަރުގެ ޑިސެމްބަރު މަހުގެ 31ގެ ނިޔަލަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ބުނެފި އެވެ.

ކުންފުންޏާ ބެހޭ ގާނޫނުގައި ބުނެފައިވަނީ ޕްރައިވެޓް ކުންފުންޏެއްނަމަ އަހަރީ ފީގެ ގޮތުގައި 2000 ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. އަދި ޕަބްލިކް ކުންފުންޏެއްނަމަ އަހަރީ ފީގެ ގޮތުގައި ދައްކަން ޖެހެނީ 10،000 ރުފިޔާ އެވެ.

ކޮވިޑް-19ގެ ކުރީން ކުންފުނީގެ އަހަރީ ފީ، މާޗު މަހުގެ ކުރީން ދެއްކުމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ މީގެކުރީން ހާމަކޮށްފައެވެ.

މާޗު މަހުގެ ނިޔަލަށް އަހަރީ ފީ ނުދައްކައިފިނަމަ، އޭޕްރީލް މަހުގެ ތެރޭގައި ފީ ބަލައިގަންނާނީ 1000 ރުފިޔާގެ ޖޫރިމަނާ އާއެކުގައި ކަމަށާއި އޭޕްރިލް މަހުގެ ނިޔަލަށް ފީ ނުދައްކައިފިނަމަ، މެއި މަހުގެ ތެރޭގައި ފީ ބަލައިގަންނާނީ 2،500 ރުފިޔާގެ ޖޫރިމަނާއަކާ އެކުގައި ކަމަށް ގާނޫނުގައި ބުނެއެވެ.

ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ފީ ދެއްކުމަށް އިކޮނޮމިކް މިނިސްޓްރީ އިން ހަނދާން ކޮށްދީފައި ވާއިރު، ކުންފުނިތަކުގެ އަހަރީ ފީ ބަލައިގަންނާނީ މީރާ އިންނެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މޭ މަސް ނިމުމުގެ ކުރިން އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލުމުގެ މަސައްކަތް ކުންފުނި އުވައިލުމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު ގެ 2 ވަނަ މާއްދާގެ (1) ގެ ދަށުން އުވާލުމަށް ކަނޑައެޅޭނެ ކަމަށެވެ.

މީގެ ކުރިންވެސް އަހަރީ ފީ ނުދައްކާ ގިނަ ކުންފުނިތަކެއް މި ގަވައިދުގެ ދަށުން ވަނީ އުވާލައިފައެވެ.

comment ކޮމެންޓް