ހަތް ފުލުހަކަށް އަނިޔާގެ ދައުވާ، އެކަކަށް މުދަލަށް ގެއްލުން ދިނުމުގެ ދައުވާ

ފުލުހުންތަކެއް މާލޭގައި ކުރިއަށް ދިޔަ އެއްވުމެއް ކޮންޓްރޯލު ކުރުމުގައި --

މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ފުލުހުންތަކެއް މ. އުޖާލާގޭ ތެރޭގައި ބިދޭސީއަކަށް އަނިޔާ ކުރި މައްސަލައިގައި ހަތް ފުލުހަކަށް އަނިޔާ ދިނުމުގެ ދައުވާ އަދި އެކަކަށް މުދަލަށް ގެއްލުން ދިނުމުގެ ދައުވާކޮށްފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ބިދޭސީއަކަށް އަނިޔާ ކުރި މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ އަހަރުގެ ޖުލައި މަހުގެ ހަ ވަނަ ދުވަހު ސޯޝަލް މީޑިއާގައި ދައުރުވެ، އެ މައްސަލަ ވަނީ ހޫނުވެފަ އެވެ.

އެ މައްސަލައިގައި 11 ފުލުހަކަށް ދައުވާ ކުރަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު ފޮނުވުމުން އަށް ފުލުހަކަށް ދައުވާ ކުރަން ޕީޖީ އޮފީހުން ބަލައިގެންފައިވާ ކަމަށް މިއަދު ފުލުހުން ބުނެފައިވެ އެވެ.

ޕީޖީ އޮފީހުން މިއަދު "ސަން"އަށް ބުނީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި 11 މީހުންގެ ތެރެއިން ތިން މީހަކަށް ދައުވާ ނުކުރަން ނިންނީ އެކަށީގެންވާ ވަރަށް ހެކި ނެތުމުން ކަމަށެވެ.

ނަމަވެސް، ފުލުހުން ދައުވާ ކުރަން އެދުނު އަށް ފުލުހަކަށް ދައުވާ ކުރަން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އަދި މި އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހު އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވި ކަމަށާއި އެ އަޑުއެހުމުގައި ދައުވާ ލިބޭ އެންމެންވެސް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތަކަށް އެދުނު ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެ ފަހުން މިހާތަނަށް އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ނުވެ އެވެެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، ދައުވާ ކުރި އަށް ފުލުހުންގެ ތެރެއިން ހަތް ފުލުހަކަށް ކުރީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ ދަށުން އަނިޔާ ކުރުމުގެ ދައުވާ އެވެ. އޭގެ ތެރެއިން އެކަކަށް އަނިޔާ ކުރުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.

ދައުވާ ކުރި އަށް މީހުންގެ ތެރެއިން އެކަކަށް ކުރީ ގާނޫނުލްއުގޫބާތުގެ 220 ވަނަ މާއްދާގެ ދަށުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާގެ ދައުވާ ކުރި ހަތް މީހުން:

  • އަފްޒަލް ޒާހިރު
  • އާދަމް އަހުމަދު
  • ހުސެއިން ފައިސަަލް
  • މުހައްމަދު އަލީ
  • އައްސަދު މޫސާ
  • އަހުމަދު ނައުޝާދު (ދެ ދައުވާއެއް)
  • ހުސެއިން ނާފިއު

މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ކުރި މީހާ:

  • އަބްދުލް މުހައިމިން

ފުލުހުުންތަކެއް ބިދޭސީއަަކށް އަނިޔާ ކުރި ހާދިސާގެ ވީޑިއޯ އާންމުވުން ގިނަ ބަޔަކު ކަންބޮޑުުވުން ފާޅު ކުރި އެވެ. އަދި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއިންވެސް އެ މައްސަލަ ބެލި އެވެ.

comment ކޮމެންޓް