ފިނޭންސް މިނިސްޓަރު އެދިވަޑައިގަތީ މިވަގުތު މިނިމަމް ވޭޖް ކަނޑަނޭޅުމަށް

މިނިސްޓަރު އަމީން މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި: އޭނާ ވިދާޅުވީ މިއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް -- ފައިލް ފޮޓޯ/ މަޖިލިސް

މުޅި ދުނިޔޭގެ އިގްތިސާދު އަނދަވަޅަށް ވެއްޓިފައިވުމާއި ރާއްޖޭގެ އިގްތިސާދު ވެސް ދުވަހަކު ނުދާވަރަށް ދަށަށް ގޮސްފައި ވާތީ، މި ވަގުތު މިނިމަމް ވޭޖް ކަނޑައެޅުމަށް ނުފެންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ.

މިނިމަމް ވޭޖް ރިޕޯޓްއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމަށް އޭނާ ތާއިދު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަން ކުރެވެން އޮތީ މި އަހަރުގެ ޖެނުއަރީގައި ރާއްޖޭގެ އިގްތިސާދު އޮތް ހާލަތަށް އަނބުރާ ދެވުނު ދުވަހަކުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރުގެ ޖެނުއަރީގައި އޮތް ހިސާބަށް ރާއްޖޭގެ އިގްތިސާދަށް ދެވޭނެ ކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މިނިވަން ވޭޖް ކަނޑައެޅުމުގައި އަޅުގަނޑަށް ފެންނަ ފެނުމުގައި މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން. ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގްތިސޯދު ވެސް އަދި އަޅުގަނޑުމެނަށް އެންމެ ޔަގީންކަމާއި އެކު ނޭންގެ ކިހިނެކުން ކަމެއް އަޅުގަނޑުމެން އިގްތިސޯދު ބަދަލުވެގެން ދާނީއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިވަގުތު ޕަބްލިކް ސެކްޓާގައި މަސައްކަތް ކުރާ 44،838 މުވައްޒަފުންގެ ތެރެއިން 22،378 މުވައްޒަފުން އަކީ އަސާސީ މުސާރައިގެ ގޮތުގައި 6،400 އަށް ވުރެން ދަށުން ލިބޭ މުވައްޒަފުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ދައުލަތުން މުސާރައާ ޕެންޝަނަށް ހިނގާނެ ހަރަދު ގާތްގަޑަކަށް 3.7 ބިލިއަން ރުފިޔާއަށް އިތުރުވެގެން ދާނެ ކަމަށް މުސާރައިގެ ބަދަލައް އަންނާނެ ތަފާތުގެ އެސްޓިމޭޓުން އަޅުގަނޑުމެނަށް ދައްކާ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމުން، މުސާރައިގެ އޮނިގަނޑަށް އަންނަ ބަދަލާ އެކު ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން މިހާރުވެސް އެ އަދަދަށް ވުރެ މަތިން މުސާރަ ލިބޭ 21،974 މީހެއްގެ މުސާރަ ބޮޑު ކުރަން ޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، އެކަމާ ގުޅިގެން އިތުރަށް 2.3 ބިލިއަން ރުފިޔާ ބޭނުން ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"6400 އަށް މިނިވަން ވޭޖް ޖެއްސީމަ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އަޅުގަނޑުމެނަށް މި ފާހަގަވަނީ 486 މުވައްޒަފުންގެ. މުޅި ސިވިލް ސާވިސްގައި 486 މީހުން ކަމަށް އަޅުގަނޑުމެނަށް އަންދާޒާ ކުރެވެނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިމަމް ވޭޖް ތަންފީޒު ކުރުމުގައި ދިވެހިންނާއި ބިދޭސީން ތަފާތު ނުކުުރުމަށް ޕޭ ކޮމިޝަނުން ލަފާދީފައިވާ ކަން ފާހަގަކޮށް މިނިސްޓަރު އަމީރު ވިދާޅުވީ، އެގޮތަށް ނިންމުމުން ރާއްޖެ އިން ބޭރުވެގެންދާ ބޭރު ފައިސާ އަނެއްކާ ވެސް އިތުރުވެގެން ދާނެ ކަމަށެވެ.

"ބިދޭސީ މުވައްޒަފުންގެ މުސާރައިގެ ބޮޑުބައެއް ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުވާތީ މިނިމަން ވޭޖް ތަންފީޒްކޮށްފި ނަމަ ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުވާނެ މިންވަރު އަހަރަކު ގާތްގަނޑަކަށް އަޅުގަނޑުމެން މި 6400 ރުފިޔާގެ މިންގަނޑުން ބަލާ ނަމަ 270.8 މިލިއަން ޔޫއެސް ޑޮލަރު އެޑިޝަނަލީ އިތުރުވާނެ ކަމަށް ސާވޭއިން ދައްކާ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް ބޭރު ފައިސާ ލިބެމުން ދިޔަ ޓޫރިޒަމް އެކީ ހުއްޓިފައި ވާތީ މިވަގުތަކީ ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތި ދުވަސްވަރެއްކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ 2022 ވަނަ އަހަރުވެސް ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑައަޅަން ބުއްދިވެރި ކަމަކަށް ނުވާނެ ކަމަށެވެ. އަދި ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ވަރަށް ވިސްނާފައި ކުރަން ޖެހޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެންވީމަ މިދަނޑިވަޅުގައި ވަރަށް ވިސްނުންތެރިކަމާއި އެކު ކުރަން ޖެހޭ ކަމެކޭ ބިދޭސީންއަށް މިނިވަން ވޭޖް ކަނޑައެޅުމަކީ. އެހެންވީމަ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ 2022 ވަނަ އަހަރު އެގޮތަށް ބޭރުގެ ފަރާތްތައް މިނިމަމް ވޭޖް ކަނޑައަޅަން އެގޮތަކަށް ތާއީދެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަކީ، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް، މިނިމަމް ވޭޖް ބޯޑު އެކުލަވާލީ މިިދިޔަ އަހަރުގެ މަސައްކަތްތެރިންގެ ދުވަހު، މެއި މަހުގެ އެއްވަނަ ދުވަހު އެވެ.

comment ކޮމެންޓް