މާލޭގައި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަ ނުދިނީ ބަލި ފެތުރިދާނެތީ: މިނިސްޓަރު

އިސްލާމިކް މިނިސްޓަރު ޑރ. ހުމަދު ޒާހިރު -- ފޮޓޯ: އެންއީއޯސީ

ކޮވިޑް19 އާ ގުޅިގެން މިސްކިތްތައް ބަންދުކޮށްފައި އޮތުމަށްފަހު އަލުން މިސްކިތްތައް ހުޅުވާލި ނަމަވެސް، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފައިނުވަނީ ބަލި ފެތުރިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރައްކާތެރިކަމުގެ ފިިޔަވަޅުތައް އަޅައި، ޖަމާއަތް ނުހަދާގޮތަށް މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދިނީ މިމަހުގެ 14 ވަނަ ދުވަހުގެރޭގެ މަޣްރިބު ނަމާދުން ފެށިގެންނެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން އައި ފުރަބަންދާއެކު މިސްކިތްތައް ބަންދު ކުރަން ނިންމީ ވަރަށް ގިނަ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

އެގޮތުން އިލްމުވެރިންނާއި ޑޮކްޓަރުންނާ މަޝްވަރާކުރި ކަމަށާއި، މިހާރު ހާލަތަށް ބަލައި ޖަމާއަތް ނުހެދި ނަމަވެސް މިސްކިތްތައް ހުޅުވާލީވެސް އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާ އަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮމިއުނިޓީ ސްޕްރެޑެއް އޮތީމާ، ބަލިހުރީ ކާކު ގައިގައިކަން ނޭނގޭނެތީ، ނިންމީ މިހާލަތުގައި މިސްކިތްތައް ހުޅުވާފައި ބަހައްޓާފައި ވަކިވަކިން އައިސް ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އުއްމީދަކީ މާލޭގެ މިސްކިތްތަކުގައި އަވަސް މުސްތަގުބަލެއްގައި ޖަމާއަތުގައި ނަމާދުކުރަން ފެށުން ކަމަށެވެ. އަދިވެސް ބަލިފެތުރުމުގެ ބިރު އެބައޮތްކަމަށް ސިއްހީ މާހިރުން ލަފާދެއްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ ނަމާދަށް މިސްކިތަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދިވަޑައިގެންފައެވެ.

މިސްކިތަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންވީ ކަންތައްތައް:

- ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން
- މުސައްލައެއް ގެންދިއުމާއި މާސްކު އެޅުން
- މިސްކިތައް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން
- މުސައްލަ އެޅުމުގައި ގައިދުރުކަން ބެއްޓުމާއި، އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން
- ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން
- ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުން
- ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން
- މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަން ކުރުމުން ދުރުހެލިވުން
- މިސްކިތުގައިވާ ޚަތިމްތައް ބޭނުން ނުކުރުން

މާލޭގެ މިސްކިތައްތައް ޑިސްއިންފެކްޓުކޮށް، ގަވާއިދުން ސާފުކުރާކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި ވަނީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހު އެވެ. އޭރު މިސްކިތްތައް ބަންދު ނުކުރި ނަމަވެސް މާލޭގައި ކޮމިއުނިޓީ ސްޕްރެޑެއް ފެށުނު ފަހުން ވަނީ މިސްކިތްތަކުން ފެން ވެސް ކަނޑާލާއި، އާންމުންނަށް މިސްކިތަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމާ ބަންދުކޮށްފަ އެވެ.

comment ކޮމެންޓް