ވަގުތީގޮތުން ވިޔަސް ސްކޫލުތަކުން ކުދިންނަށް ޖާގަ ދޭނެ: މިނިސްޓަރު

ވިހިވިހީގެ ތައުލީމީ އާ އަހަރުގެ ކިޔެވުން 73،000އަށް ވުރެ ގިނަ ދަރިވަރުންނާއެކު ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގެ ހާލަތާ ގުޅިގެން މާލޭގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ހާލަތާ ގުޅިގެން ވަގުތީ ގޮތުން ރަށަށް ބަދަލުވި ނަމަވެސް، އެކުދިންގެ ރަށު ސްކޫލުތަކުން ކިޔެވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް19 އާއި ގުޅިގެން ދިމާވި ހާލަތުގައި މާލޭ ގައި ތައުލީމު ހާސިލްކުރާ ރަށްރަށުގެ ދަރިވަރުންގެ ތެރެއިން ބައެއް ކުދިން އެނބުރި ރަށަށް ގޮސްފައިވާ ކަމަށެވެ.

އަންނަ މަހުން ފެށިގެން ސްކޫލުތައް ހުޅުވާއިރު އެކުދިންގެ ކިޔެވުމުގެ ކަންތައް މެދުނުކެނޑި ކުރިއަށްދާނެ ގޮތްތައް ހަމަޖައްސަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ކިޔެވުން ފެށޭއިރު އެ ކުއްޖަކު ކިޔަވާ ގްްރޭޑަކުން އެކުއްޖަކު ހުރި ރަށެއްގެ ސްކޫލުން ޖާގަ ދޭނެ ކަމަށް މިނިސްޓަރު މިރޭ ވިދާޅުވިއެވެ.

"އެއީ ވަގުތީ ގޮތުން ނަމަވެސް އެ ކުދިންނަށް މާލޭގެ ސްކޫލުތަކުން ޖާގަ އެއް ނުގެންލޭނެ. އެ ރަށެއްގައި ހުންނަހާ ދުވަހަކު އެ ރަށެއްގެ ސްކޫލުން އެ ކުއްޖަކަށް ފުރުސަތު އޮންނާނެ،" މިނިސްޓަރު ވިދާޅުވީ މި ހާލަތުގައި އެ ސްކޫލެއްގެ ޔުނިފޯމުގެ ބަދަލުގައި އެކުއްޖަކު ކިޔަވަމުންދިޔަ ސްކޫލެއްގެ ޔުނިފޯމު ބޭނުން ކުރެވޭނެ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން ސްކޫލުތައް ބަންދު ކުރީ މާޗު މަހުއެވެ. ފުރަތަމަ ޓާމުގެ މިޑްޓާމު ބަންދަށް ސްކޫލުތައް ބަންދު ކުރިފަހުން ސްކޫލުތައް ހުޅުވައިފައެއް ނުވެއެވެ.

comment ކޮމެންޓް