ރާއްޖެއިން މިވަގުތު އިންވެސްޓްކުރަންވީ އިޔާދަކުރަނިވި ހަކަތައަށް: ވޯލްޑް ބޭންކް

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފްލޯޓިން ސޯލާ ޕެނަލްއެއް ގިލި ލަންކަންފުށީގައި

ކޮވިޑް-19އަށް ފަހު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރަން ކަމަށް، ވޯލްޑް ބޭންކުން ނެރުނު، "ވޯލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އިން ސްޓޯމީ ސީޒް" ރިޕޯޓްގައި ބުނެފި އެވެ.

ރާއްޖޭގެ މިހާރުގެ އިގްތިސޯދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލާފައިވާ އެ ރިޕޯޓުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ބޮޑެތި ނޭދެވޭ އަސަރުތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައިފަ އެވެ.

ވޯލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވެފައި ވަނީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ވަރަށް ބާރަށް ކުރިއަރާފައިވާ ކަމަށާއި އެހެން ނަމަވެސް، ކޮވިޑް-19 ގެ ގޮންޖެހުންތަކާއިއެކު، ރާއްޖޭގެ އިގްތިސާދުގެ މިސްރާބު މުޅިން ބަދަލުވެ، ދިވެހިންނަށް ވަރަށް ބޮޑެތި އަސަރުތަކެއް ކޮށްފައިިވާ ކަމަށެވެ.

"އިއާދަކުރަނިވި ހަކަތަ އަށް ވިސްނުން ބެހެއްޓުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް. އެގޮތުން، ފުރުސަތުތައް ހުޅުވިގެން ދިއުމާއިއެކު، އިގްތިސޯދު އަވަހަށް ކޮޅަށް ޖެހި، ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބިގެންދާނެ،" ރިޑިހޯ ވިދާޅުވެފައިވެ އެވެ.

އެ ރިޕޯޓުގައި، ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމުގެ މައްޗަށް އެކުލަވާލާފައިވާ ހާއްސަ ބާބެއް ވެސް ހިމަނާފައިވެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުން ފެށިގެން، ހުރިހާ ދިވެހިންނަށް ކަރަންޓުގެ ހިދުމަތް ލިބެމުންދިޔަ ކަމުގައިވީ ނަމަވެސް، އެތެރެކުރެވޭ ޑީސަލް އާއި ކޮންމެ ރަށެއްގައި ވަކިވަކިން ގާއިމުކުރެވިފައިވާ ކަރަންޓުގެ ވިއުގަތަކުގެ ސަބަބުން ކަރަންޓު އުފެއްދުމަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށް ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ މާލިއްޔަތަށް ބުރައަކަށްވާ ގޮތަށް ސަބްސިޑީ ދެމުން ދިޔަ ނަމަވެސް، މި ސަރަހައްދުގައި ކަރަންޓުގެ އަގު އެންމެ ބޮޑު އެއް ގައުމަކީ ރާއްޖެ ކަމަށް ވާއިރު، އެއީ އާއްމުންނަށް އުފުލަންޖެހޭ އިތުރު ބުރައެއް ކަމަށް ރިޕޯޓުގައިވެ އެވެ.

މި ދަތިތައް ހައްލުކުރުމަށް ރިޕޯޓުގައި ހުށަހަޅާފައި ވަނީ، އިއާދަކުރަނިވި ހަކަތަ އަށް އަމިއްލަ ފަރާތްތަކުން އިތުރު އިންވެސްޓްމަންޓްތައް ކުރުމަށް މަގުފަހިކޮށްދިނުމެވެ.

އިއާދަކުރަނިވި ހަކަތައިގެ އިންވެސްޓްމަންޓްތަކަށް ފުރަތަމަ ކުރަންޖެހޭ ހަރަދު ބޮޑު ކަމުގައިވިޔަސް، އޭގެ ސަބަބުން ކަރަންޓުގެ އަގުހެޔޮވެ، ތެޔޮ އެތެރެ ކުރުމަށާއި ސަބްސިޑީ ދިނުމަށް ކުރެވޭ ހަރަދު ކުޑަވެ، ޖައްވަށް ދޫކުރެވޭ ވިހަ ގޭސްތައް މަދުވެ އަދި ވަޒީފާގެ އިތުރު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓު އެކުލަވާލުމުގައި އިސްކޮށް ހަރަކާތްތެރިވި ފްލޯރިއަން ބްލަމް އަދި ޕުއި ޝެން ޔޫންގް ވިދާޅުވެފައިވަނީ ދުނިޔޭގައި ހިނގާ ކަންކަމުގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތަކަށް ތައްޔާރުވެފައިވާ މިންވަރު ވީހާވެސް އަވަހަކަށް އިތުރުކުރުމުގެ މުހިންމުކަން ކޮވިޑް-19 ގެ ކާރިސާއިން އެނގިގެން ހިނގައްޖެ ކަމަށެވެ.

އިއާދަކުރަނިވި ހަކަތައިގެ މިންވަރު އިތުރުކުރުމުގެ މަސައްކަތަށް މި ކާރިސާގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް މިއީ އަދިވެސް ވަރަށް މުހިއްމު ލަނޑުދަނޑިއެއް ކަމަށް ފާހަގަކުރައްވާފައިވެ އެވެ.

"މިފަދަ އިންވެސްޓްމަންޓްތައް އިތުރުކުރުމުގައި އާންމު ފަރާތްތަކުގެ ބައިވެރިވުން މިހާރަށް ވުރެ ބޮޑަށް ބޭނުންވާނެ. އުފެއްދޭ ކަރަންޓު ގަތުމުގެ އެއްބަސްވުންތަކާއި ނެޓް މީޓަރިން އަދި ނިޒާމްތައް އެކަށައެޅުން މިހާރަށް ވުރެ ހަރުދަނާކޮށްގެން އެ ކަންކަމަށް މަގުފަހިކޮށްދެވޭނެ،" ރިޕޯޓްގެ ހާއްސަ ސެކްޝަން ލިޔުއްވި ވޯލްޑް ބޭންކްގެ ސީނިއާ އެނާޖީ ސްޕެޝަލިސްޓް ޖޫންކްޔަންގް ސީއޮންގް ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު ބިނާވެފައިވާ މައިގަނޑު ދާއިރާ ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އައިސްފައިވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދީ ދުވެލި 13 ޕަސެންޓާއި 17.5 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ދަށަށް ދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެހެން ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް މަޑުމަޑުން ހަމައަކަށް އެޅެމުންދާ ވަރަކަށް، 2021 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސޯދު 7.9 ޕަސެންޓާއި 8.5 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ކުރިއަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ކޮވިޑްގެ ސަބަބުން އިގްތިސޯދަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް، ސަރުކާރުން ވަނީ އިގްތިސޯދީ އަދި މާލީ ގޮތުން ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ރިލީފް ޕެކޭޖެއްގެ ދަށުން، ވިޔަފާރިތަކުން އަނބުރާ އަދާކުރަންޖެހޭ ލޯނުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުން ފަސްކޮށްދިނުމާއިއެކު، ހަރަދުތައް ފޫބެއްދުމަށްޓަކައި މާލީ އެހީތެރިކަން ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.

ހަމަ އެއާއިއެކު، އާންމު ފަރުދުންނަށް އިންކަމް ސަޕޯޓް އެލަވެންސް ލިބޭއިރު، ގޭގޭގެ ކަރަންޓް އަދި ފެން ބިލުން ވަނީ ޑިސްކައުންޓް ދީފަ އެވެ. ބޮޑެތި ކެޕިޓަލް އަދި ރިކަރަންޓް ހަރަދުތަކެއް ކުޑަކުރި ކަމުގައިވީ ނަމަވެސް، މި ކާރިސާގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށަށް ދިއުމާ ގުޅިގެން، ފިސްކަލް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 14.5 ޕަސެންޓަށް އަރާނެ ކަމަށް ބެލެވެ އެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް އަކީ ރާއްޖޭގެ އިގްތިސޯދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ އިތުރުން، ތަރައްގީއަށް ހުރި ގޮންޖެހުންތައް ހިމަނައިގެން ވޯލްޑް ބޭންކުން އެކުލަވާލައި އާއްމުކުރާ ރިޕޯޓެކެވެ.

comment ކޮމެންޓް