އަނބުރާ ބޭރު ގައުމުތަކަށް ދިވެހިން ފޮނުވަން އުނދަގޫ: ފޮރިން

ލަންކާއިން ގެނައި ދިވެހީން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި -- ފޮޓޯ/ މޯލްޑިވިއަން

ބޭރު ގައުމުތަކުގައި ދިރިއުޅެމުން އަންނަ ދިވެހީންގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން، ރާއްޖެއަށް އައި ބައެއް މީހުން އަލުން އަނބުރާ ދާން ބޭނުންވާ ކަމަށާއި، އެހެން ނަމަވެސް އެކަމުގައި ބޮޑެތި ދަތިތަކެއް ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ރޭ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައިި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ފޮރިން މިނިސްޓްރީގެ މީޑިއާ ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވީ މިހާތަނަށް 14 ގައުމަކުން 2000 އާ ގާތްކުރާ އަދަދަކަށް ދިވެހިން ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

މިހާރުވެސް އެކި ގައުމުތަކުން ދިވެހިން އަންނަން ބޭނުންވެގެން އެކަމަށް އެދެމުން އަންނަކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ ގެނައި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކިޔަވާ ކުދިން ހިމެނޭއިރު، މިހާރު ބައެއް ދަރިވަަރުންގެ ޓެސްޓުތައް ފަށަން ހަމަޖެހިފައިވާތީ، އަނބުރާ ދާން އެކުދިން އެދެމުން އަންނަ ކަމަށް މިއުވާން ވިދާޅުވި އެވެ.

އެހެން ނަމަވެސް ގިނަ ގައުމުތަކުގެ ބޯޑަރުތައް އަދިވެސް ބަންދު ކަމަށާއި، އަދި ބޯޑަރު ހުޅުވާލި މަދު ގައުމުތަކުގައި ވެސް ހިފެހެއްޓުންތަކެއް ހުރިކަން މިއުވާން ފާހަގަކުރެއްވި އެވެ.

"ނޭޕާލުން ވެސް ރާއްޖެ މި އައި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން އެގްޒާމްތަކެއް ކުރިއަށް އޮތް ކަމަށް އެބޭފުޅުން މައުލޫމާތު ދެއްވާ. އެހެން ނަމަވެސް ނޭޕާލްގެ ބޯޑަރުތައް އަދިވެސް ވަނީ ބަންދުކޮށްފަ. އެހެންވީމަ އަނބުރާ ދިއުން އަދި އެހާ ފަސޭހަގޮތަކަށް ނޫން މިއޮތީ،" މިއުވާން ވިދާޅުވި އެވެ.

ނޭޕާލްގެ އިތުރުން ބަންގްލަދޭޝް އާއި މެލޭޝިޔާއިން ވެސް ގިނަ އަދަދެއްގެ ދަރިވަަރުން ވަނީ ރާއްޖެ އައިސްފަ އެވެ. އަދި އަލުން އަނބުރާ ދާން ބޭނުންވެގެން، ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ މިހާރު ސޯޝަލް މީޑިއާގައި ވެސް ވާހަކަދައްކަމުންނެވެ.

މިހާތަނަށް 2000 އެއްހާ ދިިވެހިން ރާއްޖެ ގެނެސްފައި ވާއިރު، މި މަހުގެ ތެރޭގައި ވެސް ދިވެހީން ގެންނަން އިތުރު ފްލައިޓުތަކެއް ބާއްވަން ވަނީ ނިންމައިިފަ އެވެ.

އެގޮތުން މިއަދާއި އަންނަ ބުދަ ދުވަހު މެލޭޝިއާގައި ތިބި ދިވެހީންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން ގެނައުމަށް މޯލްޑިވިއަން އިން ދެ ފްލައިޓެއް ބާއްވާނެ އެވެ.

އެ ދެ ފްލައިޓުގައި މުޅި ޖުމްލަ 400 އެއްހާ މީހުން ގެންނަން ނިންމާފައި ވާއިރު، އެ ފްލައިޓުތަކުގައި ރާއްޖެ އަންނަން 450 އެއްހާ މީހުން ނަން ނޯޓުކޮށްފައިވެ އެވެ.

މި މަހުގެ 16 ވަނަ ދުވަހު އިންޑިއާގެ ބެންގަރޫލުން އަދި 17 ވަނަ ދުވަހު ދިއްލީ އިން ދިވެހިން ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓެއް ބާއްވަން މިހާރު ވަނީ ނިންމައިިފައެވެ. މިއުވާން ވިދާޅުވީ އިންޑިއާއިން ރާއްޖެ އަންނަން މިހާރުވެސް 150 މީހުން ރަޖިސްޓްރީކޮށްފައިިވާ ކަމަށާއި، އޭގެ ތެރެއިން 30 ވަރަކަށް މީހުން ތިބީ ކެރެލާ ސްޓޭޓުގައި ކަމަށެވެ. އަދި ކެރެލާގައި ތިބި ދިވެހީން ގެންނަން މޯލްޑިވިއަންގެ ފްލައިޓެއް ބޭއްވުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން މި މަހުގެ 16 ވަނަ ދުވަހު ރާއްޖޭގައި ތިބި ނޭޕާލް ރައްޔިތުން ބަލާ އަންނަ ހިމާލިއަން އެއާގެ ފްލައިޓުގައި އަށް ދިވެހިން ގެނައުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ސައުދީ އަރަބިއްޔާ ރާއްޖެ އަންނަން 150 އަށް ވުރެ ގިނަ ދިވެހިން ރަޖިސްޓްރީކޮށްފައިވާއިިރު، ސައުދީ އެއާގެ ފްލައިޓެއް ރާއްޖެ ބާއްވަން ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް ފްލައިޓު ބާއްވާ ތާރީހު އަދި ފައިނަލެއް ނުވެ އެވެ.

މީގެކުރިން ރަޝިއާއިން ވެސް ދިވެހިން ގެނެސްފައިވީ ނަމަވެސް، އިތުރު 48 ކުއްޖަކު ރާއްޖެ އަންނަން އެދިފައިވާތީ އެކަން ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިއުވާން ވިދާޅުވިއެވެ.

މީގެ އިތުރުން ޕާކިސްތާނުގައި ތިބި ދިވެހީންނާއި ތައިލެންޑުގައި ތިބި ދިވެހީން ވެސް ރާއްޖެ އައުމަށް އަންނަނީ އެދެމުންނެވެ. މިއުވާން ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު ތައިލެންޑުން އަންނަ މޯލްޑިވިއަންގެ ކާގޯ ފްލައިޓުން، އެގައުމުގައި ތިބި ބައެއް ދިވެހީންނަށް ޖާގަ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް