އިންޓަ މިލާނާ އެއްވަރުކޮށް ނަޕޯލީ ފައިނަލަށް

އިޓާލިއަން ލީގު ކަޕުގެ ސެމީގައި އިންޓަމިލާން ކޮޅަށް މާޓެންސް ޖެހި ގޯލަށްފަހު އޭނާ އުފާފާޅު ކުރަނީ: އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރު ވެގެން

އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ ލެގްގައި ރޭ އިންޓަ މިލާނާ އެއްވަރުކޮށް އެގްރިގޭޓް މޮޅަކާ އެކު ނަޕޯލީއިން މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދައިފި އެވެ.

ނަޕޯލީގެ ސްޓޭޑިއޯ ސެން ޕައޮލޯ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ނަޕޯލީ ފައިނަލުން ޖާގައެއް ހޯދީ 2-1 ގެ އެގްރިގޭޓަކާ އެކު އެވެ. އެ ޓީމުން ވަނީ މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި 0-1 ގެ ނަތީޖާއަކުން ކުރި ހޯދައިފަ އެވެ.

ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ނަޕޯލީއިން ފައިނަލަށް ދަތުރު ކުރި އިރު އެ ޓީމާ ދެކޮޅަށް އެ މެޗުގައި ނުކުންނާނީ ވޭތުވެ ދިޔަ ތިން އަހަރުވެސް އިޓާލިއަން ކަޕުގެ ފައިނަލުގައި ކުޅުނު ޔުވެންޓަސް އެވެ. ޔުވެންޓަސް ފައިނަލަށް ދަތުރު ކުރީ ހުކުރު ދުވަހުގެ ރޭ އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުކޮށް އަވޭ ގޯލުގެ ތަފާތަކުންނެވެ.

ތިން މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު އިޓަލީގެ ފުޓުބޯޅަ ފެށި އިރު ނަޕޯލީއާއި އިންޓައިން ރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ވާދަވެރި ހަމަހަމަ ކުޅުމެކެވެ. ސަޕޯޓަރުން ނުވައްދާ ކުޅުނު އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ އިންޓައިންނެވެ.

ދާދި ފަހުން ޓޮޓެންހަމުން އެ ޓީމަށް ބަދަލުވި ކްރިސްޓިއަން އެރިކްސަން އިންޓައަށް އެ ގޯލު ޖަހައިދިނީ މެޗުގެ ދެވަނަ މިނަޓުގައެވެ. އެ ގޯލާއެކު އިންޓައިން މޮޅެއްގެ އުންމީދުގައި ހުއްޓާ ނަޕޯލީއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޑްރައިސް މާޓެންސްގެ ގޯލަކުންނެވެ.

މި ގޯލާއެކު މާޓެންސްއަށް ވަނީ ނަޕޯލީގެ ކުލަބު ރެކޯޑެއް މުގުރާލެވިފަ އެވެ. އެގޮތުން ރޭގެ ގޯލާ އެކު މާޓެންސް ވަނީ މީގެ ކުރިން ކުލަބުގެ އެންމެ ގިނަ ގޯލު ޖަހާފައިވާ މަރެކް ހެމްސިކްގެ 121 ގޯލު ފަހަނަ އަޅާ ގޮސްފަ އެވެ. މާޓެންސް ނަޕޯލީއަށް މިހާތަނަށް 122 ގޯލު ޖަހައިދީފައިވާ އިރު އޭނާއަކީ މިހާރު އެކުލަބުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ ބުނީ މެޗުން ލިބުނު ކާމިޔާބީއަކީ ބޮޑު އުފަލެއް ކަމަށާއި، މިކާމިޔާބީ ހަދިޔާ ކުރާނީ މި މަހުގެ ކުރީކޮޅު މަރުވި އޭނާގެ އަންހެން ކޮށްކޮއަށް ކަމަށެވެ.

"އަހަރެން މި ކާމިޔާބީ ހަދިޔާ ކުރަން ބޭނުން ވަނީ އަހަރެންގެ ކޮއްކޮއަށާއި އާއިލާގެ މެމްބަރުންނަށް. ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ އާދަޔާ ޙިލާފު ހިތްވަރެއް. ފަހަތުން އަރައި ގޯލެއް ޖެހުމަކީ މިކަހަލަ މެޗެއްގައި އުނދަގޫ ކަމެއް. ކުޅުންތެރިން އެ ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން." ގަޓޫސޯ ބުންޏެވެ.

ނަޕޯލީއާއި ޔުވެންޓަސް ބައްދަލުކުރާ ފައިނަލް މެޗު އިޓަލީގެ ރޯމްގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.

comment ކޮމެންޓް