ރޭޕް ކޭސް: ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް ސީޕީ އެދިއްޖެ

އޭޕްރީލް 15، 2020: ފުލުހުންނާއި ސިފައިން ގުޅިގެން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ ބުދަ ދުވަހު މާލޭ ގެސްޓަހައުސް އެއްގެ ތެރޭގައި 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމުގެ އަމުރަކަށް، ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު، ޕްރޮސެކިއުޓާ ޖެރެނަލްގެ އޮފީހުގައި އެދިވަޑައިގެންފިއެވެ.

މިއީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، މިފަދަ އަމުރަކަށް ކޮމިޝަނަރު އޮފް ޕޮލިސް، ޕީޖީ އޮފީހުގައި އެދުނު ފުރަތަމަ ފަހަރެވެ. ސީޕީ ހަމީދު މިފަދަ އަމުރަށް އެދިވަޑައިގެންފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ އެ ގާނޫނުގެ ދަށުން ކުށުގެ ތުހުމަތުކުރެވޭ މީހަކާމެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް، ފުލުހުންނަށް ފެނިއްޖެހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ތަހްގީގުގެ މަރުހަލާއާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރެއް ހޯދުމަށް، ޕްރޮސެކިއުޓާ ޖެނެރަލް ކޯޓަށް ހުށަހަޅައިދިނުން އެދި، ކޮމިޝަނަރ އޮފް ޕޮލިސްއަށް، ޕްރޮސިކިއުޓާ ޖެނެރަލްގެ ގާތުގައި އެދެވިދާނެ ކަމަށެވެ.

އަދި އެފަދަ އެދުމެއް ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށް ފޮނުވާ ލިޔުމަކުން، ޕްރޮސެކިއުޓާ ޖެނެރަލްއަށް ހުށަހަޅައިފި ހިނދެއްގައި، ޕްރޮސެކިއުޓަ ޖެނެރަލް ބަލަންޖެހޭ މިންގަނޑުތަކުން ބެލުމަށްފަހު، ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި، އެފަދަ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅަންވާނެ ކަމަށެވެ.

ފުލުހުން ބުނީ، 11 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ ވަނީ 38 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ހާއްސަ އިސްކަމެއް ދީގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެ މައްސަލައާ ގުޅިގެން ކަމާ ގުޅޭ އިދާރާތައް އެކުގައި އެކަމުގެ ޝިކާރައަކަށްވި ކުއްޖާއަށް އެހީތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާލޭ ސިޓީ ލޮކްޑައުން ކޮށްފައި ވަނިކޮށް، އަދި ފުލުހުންގެ ހާއްސަ ހުއްދައެއް ނަގައިގެން ނޫނީ ބޭރަށް ނުކުތުންް މަނާކޮށްފައި ވަނިކޮށް، ކުޑަ ކުއްޖަކު ގެސްޓަހައުސް އަކަށް ގެންދިޔަ ގޮތެއް ސާފެއް ނުވެއެވެ.

ގެސްޓްހައުސްއެއްގައި ކުޑަ ކުއްޖަކު ރޭޕްކޮށްފައި ވާއިރު، މިދިޔަ މަހުގެ ފަހުކޮޅު، އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ މާލެ ގެނެސް ރޭޕްކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފައެވެ.

comment ކޮމެންޓް