ލަންކާގެ ޕާލިމެންޓް އިންތިހާބު އޮގަސްޓު 5ގައި ބާއްވަނީ

ލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަގެ ސަރުކާރުން ވަނީ އޮގަސްޓު މަހު ޕާލިމެންޓު އިންތިހާބު ބާއްވަން ނިންމާފަ -- ފޮޓޯ: ރޮއިޓާސް

ކޮލަމްބޯ (ޖޫން 11): ސްރީލަންކާއިން ކޮރޯނާވައިރަހުގެ ސަބަބުން ފަސް ކުރި ޕާލިމެންޓު އިންތިހާބު އޮގަސްޓު ފަހެއްގައި ބާއްވާނެކަން އެގައުމުން އިއުލާންކޮށްފި އެވެ.

ލަންކާގެ އިލެކްޝަން ކޮމިޝަންގެ ޗެއާމަން މަހިންދަ ދެޝަޕްރިޔާ ވިދާޅުވި ގޮތުގައި މީގެ ކުރިން ދެ ފަހަރަކު ފަސް ކޮށްފައިވާ އެ އިންތިހާބު ބާއްވަން ތާރީހެއް ކަނޑައެޅީ ސިއްހީ އިދާރާތަކުގެ ހުއްދައާ އެކުގަ އެވެ. އަދި މި މުއްދަތުގައި އެ އިންތިހާބު ސިއްހީ ގަވާއިދުތަކާ އެއްގޮތަށް ބާއްވަން ތައްޔާރުވެވޭނެ އެވެ.

އެގޮތުން ވޯޓުލުމަށާއި ގުނަން ބޭނުން ކުރާ މަރުކަޒުތަކުގައި އަޅާނެ ފިޔަވަޅުތައް ޓެސްޓު ކުރުމަށް 'މޮކް އިންތިހާބެއް' މި ހަފްތާ ބަންދު ތެރޭ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ކުރިން މިދިޔަ ހޮނިހިރު ދުވަހު ގައްލޭ ޑިސްޓްރުކްޓުގައިވެސް އެފަދަ ޓެސްޓު އިންތިހާބެއް ވަނީ ބާއްވާފަ އެވެ.

ލަންކާގެ ޕާލިމެންޓު އިންތިހާބު ބާއްވަން ފުރަތަމަ ހަމަޖެއްސި ތާރިހަކީ އޭޕްރިލް 25 އެވެ. ދެން ޖޫން 20 އެވެ. ނަމަވެސް ދެ ފަހަރުވެސް އިންތިހާބު ބާއްވަން ރައްކާތެރި ނުވުމުން އިންތިހާބު ލަސް ކުރީ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ލަންކާގެ ވެރިކަމަށް ވަޑައިގެންނެވި ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވަނީ އެގައުމުގެ ޕާލިމެންޓު މާޗް މަހު އުވާލައްވާފަ އެވެ.

އެ ޕާލިމެންޓުގެ އަޣުލަބިއްޔަތު އޮތީ ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިސްކޮށް ހުންނަވާ ޔޫއެންޕީ އެލަޔަންސަށެވެ. އަދި ކުރީގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ސަރުކާރުގައި ވަނީ ރިޔާސީ ބާރުތައް ކުޑަކޮށް، ޕާލިމެންޓަށާއި މިނިވަން ކޮމިޝަންތަކަށް އިތުރު ބާރުތައް ދީފަ އެވެ. އެހެންކަމުން ރައީސް ގޯޓާބަޔަ ވަނީ އެ ހާލަތްތަކުގެ ސަބަބުން އޭނާއަށް މިނިވަންކަމާ އެކު މަސައްކަތް ނުކުރެވޭނެ ކަމަށާއި ވީހާވެސް އަވަހަކަށް ޕާލިމެންޓު އިންތިހާބު ބާއްވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފަ އެވެ.

ލަންކާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ޕާލިމެންޓު އުވާލެވޭނީ މެމްބަރުން ހޮވިތާ މަދުވެގެން ހަތަރު އަހަރާއި ހަ މަސްވާ ފަހުންނެވެ. އެހެންކަމުން 2015 ވަނަ އަހަރު އެގައުމުގައި އިންތިހާބު ކުރި ޕާލިމެންޓު އުވާލެވެން އޮތް އެންމެ އަވަސް ތާރީހަކީ މިދިޔަ ފެބްރުއަރީ މަހުގެ ފަހެކެވެ.

comment ކޮމެންޓް