ފަތުރުވެރިކަން އަލުން ފެށުމަށް އދ އިން ގޮވާލައިފި

ރާއްޖެއަށް އައި ޓޫރިސްޓަކަށް މަރުހަބާ ކިޔަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އދ. (ޖޫން 11): ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން ލިބޭ ގެއްލުމުން އަރައިގަތުމަށް ފަތުރުވެރިކަން އަލުން ފެށުން މުހިއްމު ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވެއްޖެ އެވެ.

ގުޓެރޭސް ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަން ހިމެނެ އެވެ. އަދި މިހާރު "ދަތުރު ކުރުން މަދުވެ، ބިރުވެރިކަން ވަނީ އިތުރުވެފަ" އެވެ.

ގުޓެރޭސް ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުން މީހުން އެއްތަންކޮށް، އެއްބައިވަންތަކަމާއި އިތުބާރު ގާއިމު ކުރެވެ އެވެ. އަދި އެއީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރު ކުރަން މުހިއްމު ފިޔަވަޅެކެވެ.

"ފަތުރުވެރިކަމަކީ ބަލިމަޑިކަމުން އަރައިގަތުމަށް ބޭނުން ކުރެވިދާނެ ދާއިރާއެއް. ފަތުރުވެރިކަމުން ގިނަ އަދަދެއްގެ މީހުން އެއްތަން ކުރުމުން، އެމީހުންގެ މެދުގައި އެއްބައިވަންތަކަމާއި އިތުބާރު އާލާ ވާނެ،" ގުޓެރޭސް ވިދާޅުވި އެވެ.

އދ.ގެ ވޯލްޑް ޓްރެވެލް އޯގަނައިޒޭޝަން (ޔޫއެންޑަބްލިޔުޓީއޯ) ނެރުނު ރިޕޯޓެއްގައިވާ ގޮތުން ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ވެސް މިހާރު ދަތުރުފަތުރަށް އޮތީ އެކި ކަހަލަ ހުރަސްތައް އަޅާފަ އެވެ. އަދި ބައެއް ސަރަހައްދުތަކުން އެ ފިޔަވަޅުތައް ލުއި ކުރަމުން ދިޔަ ނަމަވެސް 75 ޕަސެންޓު ސަރަހައްދުގައި ބައިނަލްއަގުވާމީ ފަތުރުވެރިކަން ވަނީ އެއްކޮށް ހުއްޓުވާފަ އެވެ.

މިދިޔަ މަހު އެޖަމްއިއްޔާއިން ވަނީ ކޮރޯނާވައިރަސް ބަލިމަޑުކަމަށް ފަހު ގައުމުތައް ފަތުރުވެރިކަމަށް ހުޅުވާލާއިރު އަމަލު ކުރާނެ ގޮތްތަކުގެ ގައިޑްލައިނެއް ނެރެފަ އެވެ. އެ ގައިޑްލައިންގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އެއާޕޯޓުން މީހުންގެ ހުން ހުރިތޯ ބެލުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަން ސެނިޓައިޒް ކުރާ މިންވަރު އިތުރު ކުރުން ހިމެނެ އެވެ.

comment ކޮމެންޓް