މުވައްޒަފުންނަށް ހާއްސަ ގޮތް ހަދައި، ރައްޔިތުންގެ ހައްގު ގުރުބާން ނުކުރެވޭނެ: އީސަ

މެއި 30، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާ -- ފޮޓޯ/ މަޖިލިސް

ސިވިލް ސާވިސް މުވައްޒަފުންނަށް ވަކި ހާއްސަ ގޮތްތަކެއް ހަމަޖައްސަން، ސިވިލް ސާވިސްގެ ހިދުމަތް ހޯދާ އެތައް ހާސް ރައްޔިތުންގެ ހައްގުތައް ގުރުބާން ނުކުރެވޭނެ ކަމަށް، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ވިދާޅުވެއްޖެ އެވެ.

މެމްބަރު އީސަ މިހެން ވިދާޅުވެފައި ވަނީ، ސިވިލް ސާވިސް މުވައްޒަފުން ވަޒީފާއަށް ސަލާމް ބުނާ ކޮންމެ ދުވަހަކު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން ޖެހޭ ގޮތަށް ވަޒީފާގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާމެދު ގިނަ ބަޔަކު ނުރުހުން ފާޅުކުރަމުން އަންނާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރައްވަމުން މެމްބަރު އީސަ ވިދާޅުވީ ވަޒީފާ އަދާކުރާ މީހުންނާއި ވަޒީފާ ދޭ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގާނޫނީ ގޮތުން ކުރެވޭ ކޮންމެ މަސައްކަތަކީ ވެސް، އޭނާގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ހުންނަ މަސައްކަތެއް ކަމަށެވެ.

އަދި ގާނޫނީ ނިޒާމަށް ގެންނަ ކޮންމެ ބަދަލެއް ވާންޖެހޭނީ ވަރަށް އިންސާފުވެެރި ބަދަލަކަށް ކަމަށާއި، ހަމައެކަނި އެއް ފަރާތަށް ބުރަވެގެން ކުރެވޭ ކަމަކަށް އެކަން ވެގެން ނުވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް އީސަ ވިދާޅުވިއެވެ.

"އަޅުގަނޑު އުންމީދުކުރަން އަޅުގަނޑު މިދައްކާ ވާހަކައިގެ ނުބައި މާނައެއް، މީޑިއާއިން އަދި މި ވާހަކަ އަޑުއައްސަވާ ބޭފުޅުން ނުނަންގަވާނެ ކަމަށް. ވަރަށް އިހުލާސްތެރި މަގުސަދެއްގައި އަޅުގަނޑު މި ވާހަކަ މި ދައްކަނީ،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އެންމެ ފުރަތަމަ ވަޒީފާއާ ބެހޭ ގާނޫނެއް ލިޔެވިގެން އައިިއިރު، އޭގައި އޮތީ ބަލިވެގެން ދޭ ސަލާމުގެ ޗުއްޓީ، 30 ދުވަސް އަހަރަކު ލިބެންޖެހޭނެ ކަމަށާއި އަދި އެ 30 ދުވަހަށް ވެސް ޑޮކްޓަރެއްގެ ލިޔުން ހުށަހަޅަން ޖެހޭ ގޮތަށް ކަމަށެވެ.

އެހެން ނަމަވެސް ރަށުން ބޭރުގައާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ޑޮކްޓަރަށް ދެއްކުމުގައި ދަތިތަކެއް ހުރުމުން، 30 ދުވަހަށް ވެސް ޑޮކްޓަރުގެ ސެޓްފިކެޓަކާ ނުލާ ސަލާމް ނެގޭގޮތަށް، އަދި ޖެހިޖެހިގެން ދެ ދުވަހަށް ވުރެ ގިނަ ނުވާގޮތަށް ސަލާމް ނެގޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ގާނޫނުގައި އޮތް "ލޫޕް ހޯލެއް"ގެ ނާޖާއިޒް ފައިދާ ސިވިލް ސާވިސްގެ ގިނަ މުވައްޒަފުންތަކެއް ނަގާކަމުގެ ޝަކުވާ އާންމު ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މިހާރު އެއް ދުވަހަށް ސަލާމް ބުނުމުން އެމްސީ ހުށަހަޅަން ނުޖެހޭ ގޮތަށް އޮންނާތީ ގިނަ މުވައްޒަފުންތަކެއް ހަފްތާ ބަންދާ ދިމާކޮށް، ބުރާސްފަތި އަދި އާދީއްތަ ދުވަހު ސަލާމް ބުނާ ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި އެގޮތަށް އަމަލުކުރުމުގެ ސަބަބުން އޮފީސްތަކާ އިދާރާތަކުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތަށް ބުރޫއަރާ، ރައްޔިތުންްގެ ހައްގުތަކަށް އަސަރުކުރާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"އަޅުގަނޑު، އަޅުގަނޑުގެ ދާއިރާގެ 5000 ރައްޔިތުން ތަމްސީލު ކުރަން ހުންނަ މީހާއަށް، ހަމައެކަނި 200 ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ގޮތެއް ހަދައިދޭން މިކުރާ މަސައްކަތުގައި އަޅުގަނޑު ދާއިރާގައި ބާކީ ތިބި 3000 ރައްޔިތުންގެ އަސާސީ ހައްގު ކޮމްޕްރޮމައިޒް ކުރާކަށެއް ދޫކޮށްލައިގެން އެވާހަކަ ނުދައްކާއެއް އަޅުގަނޑަށް މިގޮނޑީގައި އިނދެގެން ނުހުރެވޭނެ. އަޅުގަނޑު ބުއްދި ގަބޫލުކުރާ ހަމައެއް ނޫން އެއީ،" އީސަ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ވާހަކަދައްކަވަމުން އީސަ ވަނީ، ސިވިލް ސާވިސް ވަޒީފާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، އަމިއްލަ ތަންތަނާއި ސަރުކާރު ކުންފުނިތަކުގަައި މަސައްކަތް ކުރާ މީހުން މަސައްކަތުގައި ހޭދަކުރާ ވަގުތުތައް ވެސް އަޅާކިޔައި، ސިވިލް ސާވަންޓުންނާ އެހެން މުވައްޒަފުންނާ ހުރި ފަރަގުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.

އެގޮތުން ހަފްތާ ބަންދުތަކާއި، އަހަރީ ޗުއްޓީއާއި، މެޑިކަލް ލީވް، އާއިލީ ޒިންމާގެ އިތުރުން ގާނޫނުގައި ހުރި ބަންދު ދުވަސްތައް ކެނޑުމުން، ސިވިލް ސާވިސް މުވައްޒަފަކު އަހަރަކު މަސައްކަތް ކުރަނީ 168 ދުވަހު ކަމަށާއި ބާކީ އޮންނަ 197 ދުވަހަކީ "މަސައްކަތް ނުކޮށް ޗުއްޓީގައި ހުންނަން ލިބޭ ދުވަސްތައް" ކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި ދުވާލަކު ހަތް ގަޑިއިރު މަސައްކަތް ކުރާ ސިވިލް ސާވިސް މުވައްޒަފުން އަހަރެއްގެ މައްޗަށް ރައްޔިތުންނަށް ހިދުމަތް ދެނީ 1086 ގަޑިއިރު ކަމަށް ވެސް އީސަ ވިދާޅުވިއެވެ.

ސިވިލް ސާވިސް މުވައްޒަފުންނާ ހިލާފަށް، އަމިއްލަ މުވައްޒަފުން އަހަރަކު 229 ދުވަހު މަސައްކަތް ކުރާ ކަމަށާއި، އަދި އަހަރަކު 2392 ގަޑިއިރު ހިދުމަތް ކުރުމުގައި ހޭދަކުރާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

"އާންމު ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފަކު 1306 ގަޑިއިރު، ސިވިލް ސާވިސް މުވައްޒަފަކަށް ވުރެ އިތުރަށް އަހަރަކު. މީގަ ވެސް ވަރަށް ބޮޑެތި ބޭއިންސާފުތަކެއް އެބަހުރި. މިވެސް ވަރަށް ބޮޑަށް ވިސްނާލަން ޖެހޭ ކަމެއް،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ސަރުކާރު އޮފީސްތަކުގެ ތެރެއިން، ހަތް ކައުންޓަރު އިނިއްޔާ ތިން ކައުންޓަރުގައި ނޫނިއްޔާ ދުވަހަކު ވެސް މުވައްޒަފުން ހިދުމަތް ދޭން ތިއްބާ ނުފެންނަ އޮފީސްތައް އެބަހުރި ކަމަށެވެ.

އާންމުންނަށް ބޮޑެތި ހިދުމަތްދޭ ސަރުކާރުގެ އޮފީސްތަކުގައި ހިދުމަތް ދޭން ހުންނަ ކައުންޓަރުތައް ހުންނަ ގޮތް ކަމަށް ބުނެ މެމްބަރު މިސާލު ޖެއްސެވީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ކައުންޓަރުތަކަށެވެ.

މެމްބަރު ވިދާޅުވީ އައިޑީ ކާޑު ހައްދަން، ސިވިލް ސާވިސް މުވައްޒަފުން ވެސް، އަމިއްލަ މުވައްޒަފުން ވެސް އަދި އާންމު ރައްޔިތުން ވެސް ގޮސް، މުޅި ދުވަސް އެތަނުގައި ހޭދަކުރަން ޖެހުމަކީ ކަން ހިނގަން ވާނެ ގޮތް ނޫން ކަމަށެވެ.

ރާއްޖޭގެ އާބާދީގައި ސިވިލް ސާވިސް މުވައްޒަފުންގެ އަދަދަކީ 30،000 ކަމަށާއި ދައުލަތުން މުސާރަ ދޭ 42،000 މުވައްޒަފުން ތިބިއިރު، ދައުލަތުގެ ހިދުމަތް ލިބިގަންނަ އެބަތިބި ތިން ލައްކަ ފަންސާސް ހާހެއްހާ ރައްޔިތުން ތިބިކަން މެމްބަރު ފާހަގަކުރެއްވިއެވެ.

މެމްބަރު ވިދާޅުވީ އެ ހުރިހާ މުވައްޒަފުންގެ މުސާރައާއި ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ދެނީ އެ ރައްޔިތުންގެ ޓެކްސް ފައިސާއިން ކަމަށް ވާއިރު، ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެން މިތަނުގައި ކަމެއް ކުރާ އިރު، އިންސާފުވެރިކަމާ އެކު މި ހުރިހާ ފަރާތްތަކަށް އިންސާފު ހޯދައިދޭން އެބަޖެހޭ. އަދި އަމުދުން ރައްޔިތުންގެ މަންދޫބުންގެ ޒިންމާއަކީ ގައުމުގެ ގިނަ ރައްޔިތުންނަށް އޭގެ ލާބައާ މަންފާ ލިބޭގޮތަށް ގާނޫނީ ނިޒާމު ބައްޓަން ކުރުން،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ގާނޫނެއްގެ ސަބަބުން ތަކުލީފުތަކެއް ލިބޭ ބަޔަކު ވެސް ތިބުން އެކަށީގެންވާ ކަމަށާއި، އެހެން ނަމަވެސް ބަލަން ޖެހޭނީ އެ ގާނޫނުގެ ސަބަބުން ފައިދާ ވަނީ ގިނަ މީހުންނަށްތޯ ނުވަތަ މަދު މީހުންނަށް ކަމަށެވެ. އަދި ޑިމޮކްރަސީގެ އުސޫލަކީ ވެސް ގިނަ ރައްޔިތުންނަށް އޭގެ ލާބަޔާ މަންފާ ލިބޭގޮތަށް ގައުމާއި ގައުމުގެ ގާނޫނީ ނިޒާމު ބައްޓަން ކުރުން ކަމަށް އީސަ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ތެރެއިން މިކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރަމުންދާ ހުރިހާ ރައްޔިތުންގެ ހިޔާލަށް އަޅުގަނޑު އިހްތިރާމް ކުރަން. އަޅުގަނޑުގެ އެއްވެސް ކަހަލަ ޒާތީ މަސްލަހަތެއް ހިމާޔަތް ކުރުމެއް، ވަކި ބަޔަކަށް މަންފާއެއް ހޯދައިދިނުމެއް ނޫން އަޅުގަނޑުމެންގެ މަގުސަދަކީ. އަދި މި ސަރުކާރުގެ މަގްސަދަކީ ވެސް،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ރައްޔިތުންްގެ މަޖިލީހަށް މީގެކުރިން ހުށަހެޅި އެއްވެސް ގާނޫނެއް، އެ ހުށަހެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މި ގާނޫނު ވެސް މިހާރު އޮތް ގޮތަށް ފާސް ނުކުރާނެ ކަމަށާއި، މަޝްވަރާއާ އެކު ގިނަ ރައްޔިތުން ބޭނުންވާ ގޮތަށް، ކޮމިޓީ މަރުހަލާގައި ގާނޫނަށް އިސްލާހު ގެންނާނެ ކަމުގެ ޔަގީންކަން މެމްބަރު ދެއްވިއެވެ.

"ރައްޔިތުންގެ މަންދޫބުން މީ. ރައްޔިތުންްގެ އިހުސާސްތަކާ އެއްގޮތަށް ގާނޫނުތައް މި މަޖިލީހުން ބަދަލުކުރާނެ. ބައްޓަންކުރާނެ. އެކަމާ އަޅުގަނޑުމެންނާ ދެމެދު ޝައްކު ނުއުފެއްދުމަށް ވަރަށް ބޮޑަށް އެދެން،" މެމްބަރު ވިދާޅުވިއެވެ.

ކޮންމެ ސަލާމަަކަށް މުވައްޒަފު އެމްސީ ހުށަހަޅަން ޖެހޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް، ކޮމެޓީ މަރުހަލާގައި ބަދަލު ގެނެސް، އެމްސީއާ ނުލައި އަހަރަކު 15 ދުވަހު ސަލާމް ބުނެވޭ ގޮތަށް ބަދަލު ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.

މެމްބަރު ވިދާޅުވީ ގާނޫނު ފާސްކުރާނީ، ރައްޔިތުންނާ، މުވައްޒަފުންނާ އަދި ވަޒީފާ ދޭ ފަރާތުގެ ހައްގުތަކަށް ވެސް ރިއާޔަތްކުރުމަށް ފަހުގައިކަމަށެވެ.

comment ކޮމެންޓް