ބާ ކައުންސިލުން މަސައްކަތް ކުރަނީ އާ ބަޔަކަށް ގާނޫނީ ދާއިރާއިން ފުރުސަތު ނުދޭން: ޔައުގޫބް

މެއި 30، 2020: 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 1 ވަނަ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ބާ ކައުންސިލްގެ މެމްބަރުން މަސައްކަތް ކުރައްވަނީ ގާނޫނީ ދާއިރާ އަށް އާ ވަކީލުންތަކެއް ނުކުމެދާނެތީ އެކަމަށް ހުރަސް އަޅަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ތުހުމަތު ކުރައްވައިފި އެވެ.

ވަކީލުންނަށް ލައިސަންސް ދިނުމުގެ ކުރިން ހަދަން ލާޒިމްކުރާ ތަމްރީނާއި އިމްތިހާނުގެ ޝަރުތަށް އަމަލުކުރުން ލަސްކުރުމަށް ގާނޫނީ ފަންނުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ޔައުގޫބު މިއަދު ފާހަގަކުރެއްވީ ބާކައުންސިލްގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވި ބޭފުޅުން އެ ކައުންސިލަށް އިންތިހާބުވެވަޑައިގަންނަވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އިންތިހާބުވެވަޑައިގަތުމުން އެ ބޭފުޅުންގެ ހަބަރެއް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ، ބާ ކައުންސިލުން ބޭނުން ވަނީ ގާނޫނީ ދާއިރާގެ ތެރައަށް އަލަށް ކިޔަވައިގެން ވަންނަން ބޭނުންވާ ކުދިންނަށް ފުރުސަތު ނުދީ އެ ދާއިރާ ވަކި ބައެއްގެ ކޮންޓްރޯލުގެ ދަށުގައި ބޭއްވުމަށް ކަމަށެވެ.

"އަޅުގަނޑަށް މީގެން މި އެނގެނީ އޭރު އެ ބޭފުޅުން އެވަރަށް މަސައްކަތް ކުރެއްވީ މިދާއިރާ، މި ޕްރޮފެޝަން، ވަކި ބައެއްގެ އަތުގައި ވަކި ގޮތަަކަށް ކޮންޓްރޯލްކޮށްފައި ބޭއްވުމަށްކަން. އަދި މިދާއިރާ އަށް އަލަށް ކިޔަވައިގެން ނުކުންނަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުމަކީ އެ ބޭފުޅުން އެހާ ގަޔާވާ ކަމެއް ނޫންކަން ޔަގީންވެ ސާބިތުވެގެން މިދަނީ." ޔައުގޫބް ވިދާޅުވި އެވެ.

ގާނޫނީ ފަންނުގެ ގާނޫނު ބުނާ ގޮތަސް ބާ އިމްތިހާނު ބާއްވައި، ވަކީލުކަމުގެ ލައިސެންސް ދޫކުރުން ފަދަ ކަންކަން ކުރިއަށް ނުގެންގޮސް ލަސް ކުރަނީ ވެސް އެހެންވެ ކަމަށް ޔައުގޫބު ތުހުމަތުކުރެއްވި އެވެ.

"އެ ބޭފުޅުންގެ އެ މާކެޓް، އެ ޑޮމިނޭޝަން އެހެން ބަޔަކަށް ބެހިގެން ނޫނީ އެހެން ބަޔަކު އައިސްފައި ކޮންޓްރޯލްކޮށްފާނެ ކަމުގެ ބިރަށްޓަކައި މިކަން ނުކުރާ މަންޒަރު އަޅުގަނޑަށް ފެންނަނީ،" ޔައުގޫބް ވިދާޅުވި އެވެ.

މި ނޫން އެހެން ދާއިރާތަކުގައި ވެސް އާންމު ވިޔަފާރިތަކުގައި ވެސް ބައެއް މީހުން ކޮންޓްރޯލު ހޯދަން މަސައްކަތް ކުރަނީ އެ ގޮތަށް މުޅި ދާއިރާ ކޮންޓްރޯލު ކުރަން މަސައްކަތް ކުރާ ކަމަަށް ޔައުގޫބު ވިދާޅުވި އެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރެވޭ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި، ބާ އިމްތިހާނު ފުރިހަމަކުރުމަށް އަމަލުކުރުން ފަސްކުރަން، ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު، މުހައްމަދު ނާޒިމެވެ. ނާޒިމް އިސްލާހު ހުށަހެޅުއްވީ ގާނޫނީ ހިދުމަތްދޭ ތަނެއްގައި އެއްއަހަރު ދުުވަހުގެ ތަމްރީން ފުރިހަމަކުރުމާއި ބާ އިމްތިހާނު ފުރިހަމަކުރުން، މި ދެޝަރުތައް އަމަލުކުރުން އެކެއް ޖެނުއަރީ 2021 ހަމަޔަށް ފަސްކުރުމަށެވެ.

މި އިސްލާހު ހުށަހެޅުއްވީ ކޮވިޑް19 ބައްޔާ ގުޅިގެން ގާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް ދަތިވެ، ހުއްދަ ނުލިބުމުގެ ސަބަބުން އާމްދަނީ ހޯދުމަށް ގޮންޖެހުން ކުރިމަތިވެފައިވާ މީހުންނަށް އެކަމުގެ ހައްލު ހޯދައިދިނުމަށް ކަމަށް ނާޒިމް މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް