ބާ ކައުންސިލް ރައީސްކަމަށް ސިރާޖު އިންތިޚާބުކޮށްފި

ސިރާޖު -- ފޮޓޯ: މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން

ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީން ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް މިއަދު އޮތް އިންތިޚާބުގައި އެ ކޮމިޓީގެ ރައީސްކަމަށް ހުސައިން ސިރާޖު މިއަދު އިންތިޚާބުކޮށްފިއެވެ.

އެ ކައުންސިލުން މިއަދު ކުރިއަށްގެންދިޔަ އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ބާ ކައުންސިލްގެ ރައީސް ނިޔާވުމާ ގުޅިގެން ހުސްވި މަގާމަށް ހޮވިފައިވަނީ ޙުސައިން ސިރާޖެވެ. އޭނާ ހޮވިފައިވަނީ 224 މެންބަރުންގެ ވޯޓުން މުޙައްމަދު ފައިސަލާ ވާދަކުރައްވައިގެންނެވެ. ފައިސަލްއަށް ލިބިފައިވަނީ 172 މެންބަރުންގެ ވޯޓެވެ.

ސިރާޖަކީ 2019ވަނަ އަހަރު މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަންގެ ނައިބު ޗެއާމަންކަމަށް ވެސް އައްޔަންކޮށްފައި ހުންނެވި ބޭފުޅެކެވެ.

މީގެއިތުރުން، އެގްޒެކްޓިވް ކޮމިޓީގެ މެންބަރު ކަމަށް އަޙްމަދު ޝީފާއު ހޮވިފައިވާއިރު އޭނާ ހޮވުމަށް ވޯޓު ދީފައިވަނީ 248 މެންބަރުންނެވެ. އަދި 88 މެންބަރުން އޭނާ ހޮވުމަށް ނުފެންނަ ގޮތަށް ވޯޓު ދީފައިވާކަމަށް ބާ ކައުންސިލުން ބުނެއެވެ.

ބާ ކައުންސިލުން ބުނީ އެ ކައުންސިލްގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީވީ 991 އާންމު މެންބަރުން ކަމަށެވެ.

މެންބަރުން ހޮވުމަށް އިންތިޚާބު ބާއްވާފައިވަނީ މިއަދު 13:00 އިން 15:00 އަށް މޯލްޑިވްސް ސެކިއުރިޓީޒް ޑީޕޮސިޓަރީ ކުންފުނީގެ އޮންލައިން ވެބް އެޕްލިކޭޝަން 'ފަހިވޯޓު' މެދުވެރިކޮށް ކަމަށް އެ ކައުންސިލުން ބުނެއެވެ.

comment ކޮމެންޓް