ބޮންޑޭއަށް ފުލުހުން އަނިޔާކުރި ވީޑިއޯ މަޖިލީހުގެ ތަޅުމުގައި އަޅުވައިފި

ފުލުހުން މެމްބަރު އިބްރާހިމް ރަޝީދަށް އަނިޔާކުރި ވީޑިއޯގެ ސްކްރީންޝޮޓެއް. އެ ވީޑިއޯ މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި ދައްކާފައި --

ދެހާސް ބާރަ ވަނަ އަހަރުގެ ފެބުރުއަރީ އަށް ވަނަ ދުވަހު،
މިހާރުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަށް ފުލުހުން އަނިޔާކުރި ވީޑިއޯ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު އަޅުވައިފި އެވެ.

މިއަދުގެ މަޖިލިސް ޖަލްސާގެ ތެރެއިން އެ ވީޑިއޯ ތަޅުމުގައި ދައްކާފައި ވަނީ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އެދިވަޑައިިގަތުމަށެވެ.

އެ ވީޑިއޯ މަޖިލީހުގެ ތަޅުމުގައި ދެއްކުމަށް އީވާ ހުށަހެޅުއްވީ، ހެންވޭރު ހުޅަނގު ދާއިރާގެގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިިވާ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

އެދުވަހު މެމްބަރު އިބްރާހިމް ރަޝީދަށް ފުލުހުން އަނިޔާކުރި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ އެއްވެސް ހާލެއްގައި، އެމެރިކާގައި ފުލުހަކު ކަރަށް ފައިން އަރައި މަރާލި ޖޯޖް ފްލޮއިޑަށް ކުރި އަނިޔާއާ، މެމްބަރު އިބްރާހިމް ރަޝީދަށް ދިވެހި ފުލުހުން ކުރި އަނިޔާ އަޅާކިޔަނީ ނޫން ކަމަށާއި އެހެން ނަމަވެސް ނުހައްގުން ކުރާ އަނިޔާ ވާނީ ނުހައްގު އަނިޔާއަށް ކަމަށެވެ.

އެއީ ކިތަންމެ ކުޑަ އަނިޔާއެއް ވިޔަސް އަދި ބޮޑު އަނިޔާއެއް ވިޔަސް އެ ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ.

"އޭނައަށް އެދުވަހު ލިބުނު އަނިޔާ އެއްވެސް ހާލަތެއް ވެސް ޖޯޖް ފްލޮއިޑަށް ލިބުނު އަނިޔާއާ ކުޑަކޮށް ވެސް އަނިޔާއާ އަޅާކިޔަނީކީ ނޫން. އިބްރާހިމް ރަޝީދަށް ފެބުރުއަރީ އަށެއް 2012 ގައިި ކުރި އަނިޔާ އަޅުގަނޑުމެން އެންމެން ދުށިން. އަޅުގަނޑު ހިތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވެސް އެ ވީޑިއޯ އޮޮންނާނެހެން. މިއަދުވެސް އަޅުގަނޑު ބަލާލަން ބޭނުން އެ ވީޑިއޯ،" އީވާ ވިދާޅުވި އެވެ.

އީވާގެ ވާހަކައާ ގުޅިގެން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ މެމްބަރަކު އެގޮތަށް ހުށަހަޅުއްވައިފި ނަމަ، ތަޅުމުގައި ވީޑިއޯ ދެއްކުމަށް މަޖިލިސް ގަވާއިދު ތަންދޭ ކަމަށެވެ. އެހެންކަމުން އީވާ ވަނީ، ވީޑިއޯ ތަޅުމުގައި އަޅުވައިދިނުމަށް ހުށަހަޅުއްވައިފަ އެވެ.

ވީޑިއޯ ތަޅުމުގައި ދެއްކީ މަޖިލިސް 10:30 ގައި އިންޓަވަލް އަށް މެދުކަނޑާލުމަށްފަހު އަލުން ޖަލްސާ ފެށުމަށްފަހު އެވެ. ވީޑިއޯ އެޅުވުމުގެ ކުރިން ނަޝީދު ވިދާޅުވީ އެއީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.

ވީޑިއޯ އަޅުވަން ބޭނުންވާ ސަބަބެއް ކަމުގައި އީވާ ވިދާޅުވީ، އަނިޔާ ކުރި މީހުން، އަނިޔާކުރި ކަމަށް ރަސްމީ ސިފައެއްގައި އިއުތިރާފުވެ، މައާފަށް އެދިފައި ނުވުމެވެ. އަދި އެކަން ނުކުރާނަމަ، ގައުުމެއްގެ ގޮތުގައި އެންމެން ވެސް ތިބެނީ އެއީ ނުވާކަމަކަށް ހަދައިގެން ކަމަށް މެމްބަރު ވިދާޅުވި އެވެ.

"އަނިޔާތަކަށް ރަސްމީ ސިފައެއްގައި މައާފަށް ނޭދޭހާ ހިނދެއްގައި އަޅުގަނޑުމެން މި ތިބެނީ ނުވާ ކަމަކަށް ހަދައިގެން،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރާއްޖޭގެ ޖަލުތަކާއި، މަގުމަތީގައި ފުލުހުން ރައްޔިތުންނަށް އަނިޔާ ކޮށްފައިވާއިރު، ސިޔާސީ މީހެއް އެހެން މީހެއް ނުބަލާ ކަމަށެވެ. އަދި ފުލުހުން އަނިޔާ ކުރުމަކީ ރާއްޖޭގެ ސަގާފަތް ކަމަށް ވެސް މެމްބަރު ވިދާޅުވި އެވެ.

comment ކޮމެންޓް