ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރު ކަމަށް އަމީނާ އައްޔަނު ކުރަން ފާސްކޮށްފި

ބްރޮޑްކާސްޓިން ކޮމިޝަންގެ ހުސްވެފައިވާ މެމްބަރު ކަމަށް ވީޓީވީގެ ސީނިޔާ އެޑިޓަރު އައިމިނަތު އަމީނާ (އަނާ) އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަނާ އެ މަގާމަށް ހޮވުމަށް 63 މެންބަރުން ވޯޓު ދެއްވާފައިވާއުރު ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފަ އެއް ނުވެއެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ފާސްކޮށްފައިވާ ރިޕޯޓްގައިވާ ގޮތުގައި، ބްރޮޑްކޮމްގެ މެންބަރުކަމަށް ހޮވަން، ވޯޓް ނަގަން ތަޅުމަށް ފޮނުވާ ލިސްޓްގެ ކުރީގައި އޮތީ ވެސް އަނާ އެވެ. ދެވަނައަށް އޮތީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމެވެ.

އަނާ ހޮވުމުން ދެން ހުރި ނަންތަކަށް ވޯޓަށް އަހާފަ އެއް ނުވެ އެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް މަޖިލީހަށް ފޮނުވި ލިސްޓުގައި އެ މަގާމަށް 15 މީހެއްގެ ނަން ފޮނުވި އެވެ. އޭގެ ތެރޭގައި އެންމެ ކުރީގައި އޮތީ މަޝްހޫރު ޕްރެޒެންޓާ، ޝިފްލާ އިބްރާހިމް އާއި އަނާ އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަމިނަތު ނުޒުހާ އެވެ.

މިދިޔަ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ތުޅައިދޫ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ފަޒީން އޮތީ ރައީސް ލިސްޓުގެ ފަސް ވަނައިގަ އެވެ.

ކޮމިޓީން ފާސްކުރި ހަތް މީހުން ތަރުތީބުން:

  1. އާމިނަތު އަމީނާ (އަނާ)
  2. މުހައްމަދު ފަޒީން
  3. ޒުބައިރު އަހްމަދު މަނިކު - ގ. މަލްވިން، މާލެ
  4. އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު (ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު)
  5. އިސްމާއިލް ސާޖިދު - މއ. ވިލާރޮދި، މާލެ
  6. އަހްމަދު ހަލީލު - މއ. ހަތާ، މާލެ
  7. އަހަމްދު ފައިރޫޒް (ސަންގު ޓީވީ ޕްރެޒެންޓަރު)

މަޖިލީހުން ވޯޓަށް އަހަނީ ކޮމިޓީ ލިސްޓުން ފާސްކޮށްފައިވާ ތަރުތީބަށެވެ. ކޮމިޓީ ލިސްޓުން މިފަހަރު ކަޓުވާލި ޝިފްލާގެ ނަން މީގެ ކުރިންވެސް ރައީސް މަޖިލީހަށް ފޮނުއްވި އެވެ. އެފަހަރު ޝިފްލާގެ ނަން ތަޅުމަށް ފޮނުވި ނަމަވެސް، މަޖިލީހުން ވޯޓުދީ ފާސްކޮށްފައިވަނީ ލިސްޓުގެ ތިންވަނައިގައި އޮތް އެމްޑީޕީ އެކްޓިވިސްޓް، ގދ. އަތޮޅުގެ ކުރީގެ ކައުންސިލަރު އަހުމަދު ގައިސްގެ ނަމެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައިވަނީ ރައީސް ނަން ފޮނުވި މީހުންގެ ތެރެއިން ދެ މީހަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެއީ، ޓީވީއެމްގެ ޕްރޮޑިއުސަރު މޫސާ ރިޟްވާން، މ. ހާވިލާ އާއި އިމްރާނާ ބިންތު އަބްދުﷲ، މ. ކަރޭޖް އެވެ. އަދި ރައީސް ފޮނުއްވި، ލިސްޓުގެ ތިން ވަނައިގައި އޮތް ނުޒުހާ ވަނީ ކޮމިޓީ އިންޓަވިއުގައި އަމިއްލަ ސަބަބުތަކަށްޓަކައި މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ނުޒުހާއާ އިންޓަވިއުކޮށްފައި ނުވެ އެވެ.

comment ކޮމެންޓް