ރާއްޖެ ވާޗުއަލްކޮށް ދައްކާލުމުގެ ހަރަކާތް 1.2 މިލިއަނެއްހާ މީހުންނަށް ފޯރި

ސޮނޭވާ ޖާނީ ރިސޯޓް --

ރާއްޖޭގެ ޓޫރިޒަމް އަލުން ފަށާތީ ރާއްޖެ އިސްތިހާރު ކުރުމަށް ބޭއްވި "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން" ފޭސްބުކް ލައިވް ކެމްޕޭން އެކި ގޮތްގޮތުން، 1.2 މިލިއަނެއްހާ މީހުންނާ ހިސާބަށް ރީޗް ނޫނީ، ފޯރުކޮށްދެވިފައިވާ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާރްސީ)އިން ބުނެފި އެވެ.

"މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން" ގެ ނަމުގައި ރޭ ބޭއްވި ހަތަރު ގަޑިއިރުގެ ލައިވް އިވެންޓުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އިސްވެރިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ފަށައިގަތުމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އޭގެ އިތުރުން، ދިވެހި ލަވަތަކާއި ދިވެހި އުފެއްދުންތައް އުފައްދާ މީހުންގެ ވާހަކަތައްވެސް އެ އިވެންޓުގައި ދެއްކި އެވެ.

ބޭރުގެ އިންފްލުއެންސަރުންނާއި މީގެ ކުރިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިން ރާއްޖޭގެ ރީތި ކަމާއި މެހެމާންދާރީއާ ބެހޭގޮތުން ދިން ވީޑިއޯ މެސެޖުތަކެއް ދައްކާލައިފައިވެ އެވެ. ސްޕެއިންގެ ފުޓުބޯޅަ ކްލަބް ސެލްޓަވީގޯގެ ކުޅުންތެރިންނާއި، ޗައިނާގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޖިއަން ޖިއާލިއަން، އަދި ޖަރުމަނުގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ޓީމޯ ބޯލްވެސް ވަނީ އެ މީހުން ރާއްޖޭގައި ކުރި ތަޖުރިބާ ހިއްސާކޮށްފަ އެވެ.

މި އިވެންޓުގައި ޓޫރިޒަމް ދާއިރާގެ 200އަށް ވުރެ ގިނަ މީހުން ވަނީ ރާއްޖެ އަންނަން ބޭނުންވާ ޓޫރިސްޓުންނަށް އެކި މެސެޖްތައް ދީފަ އެވެ.

އެމްއެމްޕީއާރުސީއިން ބުނީ އެ ހަރަކާތް ނޫނީ ކެމްޕޭންގެ ރީޗްއަކީ 1.2 މިލިއަން ކަމަށާއި ހަރަކާތުގެ ފޭސްބުކް ލައިވް 85،000 މީހުން ބެލިކަމަށެވެ.

ހޮވާލެވޭ 30 މީހަކަށް ރާއްޖޭގައި ހިލޭ ޗުއްޓީއެއް ދޭ ގޮތަށް އެ އިވެންޓުގެ ތެރެއިން، ކުރިއަށް ގެންދިޔަ ރާއްޖެއާ ބެހޭ ކުއިޒެއްގައި 10،000 މީހުން ބައިވެރިވި ކަމަށް ވެސް އެމްއެމްޕީއާރުސީއިން ބުންޏެވެ. އެ 30 މީހުންނަށް ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ވެސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުތައް ހިމެނެ އެވެ.

އެމްއެމްޕީއާރްސީއިން ބުނި ގޮތުގައި އެ އިވެންޓުގައި ނެގި ޕޯލްއިން ދައްކަނީ ޕޯލްގައި ބައިވެރިވި މީހުންގެ 49 ޕަސެންޓު މީހުން ރާއްޖެއަށް ޒިޔާރަތް ކުރުމަށް ވިސްނަމުންދާ ކަމެވެ. އަދި ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލު ކަމަށް 95 ޕަސެންޓު މީހުން ދެކޭ ކަމެވެ.

ރޭގެ ލައިވް އިވެންޓުގައި، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖެއަކީ ހުރިހާ ގިންތިއެއްގެ ބަޔަކަށްވެސް ދުނިޔޭގައި އޮތް އެންމެ ހިތްގައިމު އެންމެ އަމާން ޖަޒީރާ މަންޒިލު ކަމަށެވެ. އަދި ފަތުރުވެރިކަން އަލުން ފަށާއިރު، ރާއްޖެ އަންނަ ފަތުރުވެރިންނަށް މަރުހަބާ ކިޔަން ތައްުޔާރަށް ތިއްބެވި ކަމަށް ވިދާޅުވި އެވެ.

އެ ހަރަކާތް ފެށުމުގެ ގޮތުން، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބު މުހައްމަދު ވިދާޅުވީ، ފަތުރުވެރިކަން ފަށައިގަތުމަށް ރާއްޖެ ކެތްމަދުވެފައިވާ ކަމަށެެވެ. އަދި އެ މަސައްކަތުގައި ފަތުރުވެރިކަމުގެ ދާއިރާއިން ދެމުންދާ އެއްބާރުލުމަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ. އަދި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ސިއްހަތާއި ސަލާމަތްތެރިކަން ކަށަވަރުކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ރާއްޖެއިން އަޅަމުންގެންދާނެކަމުގެ ޔަގީންކަވެސް އޭނާ ދެއްވި އެވެ.

--

*އެޑިޓަރުގެ ނޯޓް: މި ހަބަރު ފުރަތަަމަ ޝާއިއު ކުރި އިރު "1.2 މިލިއަން މީހުންނަށް ރާއްޖެ ވާޗުއަލްކޮށް ދައްކާލެވުނު" ކަމަށް ސުރުހީ ޖެހިފައި ވަނީ ލިޔުމުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ ރާއްޖެ ދުނިޔެއަށް ދައްކާލުމަށް ޓަކައި އެމްއެމްޕީއާރުސީއިން ކުރިއަށް ގެންދިޔަ މުޅި ކެމްޕޭންގެ ރީޗް ނޫނީ ފޯރިވަރު 1.2 މިލިއަނަށް އަރާކަމެވެ. އެއީ އެރޭ ފޭސްބުކް ލައިވް ބެލި އަދަދެއް ނޫނެވެ. އެ އިވެންޓާ ގުޅޭ ގޮތުން އެމްއެމްޕީއާރުސީއިން ނެރުނު ޕްރެސް ރިލީޒްގައިވެސް ބުނެފައިވާ ގޮތުގައި ފޭސްބުކް ލައިވް އިވެންޓް ބެލީ، 85،000 މީހުން އެވެ. ވީމާ، މި ކުށަށް މާފަށް އެދެމެވެ.

comment ކޮމެންޓް