ފްލެޓުތަކުގެ އަދަދު މަދުކުރީ މި ސަރުކާރުން، އޮޅުވާނުލެވޭނެ: މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ 25 ބުރީގެ ފްލެޓެއް--- ފޮޓޯ: ޗައިނާ ސަފީރު/ ޖަންގް ލީ ޖޮންގް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް އަޅަން ނިންމައިފައި ވީނަމަވެސް އެތަނުގައި ހުރީ ޖުމްލަ 6،860 ފްލެޓްކަމަށް ވިދާޅުވެ، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ދެއްކެވި ވާަހަކައަށް ކުރީގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު ރައްދު ދެއްވައިފި އެވެ.

ރޭ ޝާމިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާ މަޝްރޫއުގައި 7000 ކިޔަސް އެތަނުގައި ހުރީ 6860 ފްލެޓް ކަމަށެވެ.

ޝާމިންގެ ވާހަކައަށް ރައްދު ދެއްވައި ޑރ. މުއިއްޒު "ސަން" އަށް ވިދާޅުވީ، ކުރީ ސަރުކާރުން 7000 ފްލެޓު ކަމަށް ބުނީ އެތަނުގައި އެ ތަނުގައި އެ އަދަދަށް ފްލެޓު ހުރުމުން ކަމަށެވެ.

ކުރީ ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކުރަންފެށި ހިޔާ މަޝްރޫއުގެ ދަށުން 7،000 ހައުސިން ޔުނިޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ، ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިން ކޯޕަރޭޝަން (ސީއެސްސީއީ) އިންނެވެ. އެ މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާފައިވެ އެވެ.

ކުރީ ސަރުކާރުން 7000 ހައުސިން ޔުނިޓު އަޅަން ނިންމި ނަމަވެސް، އިމާރާތުގެ ސްޓްރަކްޗާއަށް ގެނައި ބަދަލާ އެކު މިހާރުގެ ސަރުކާރުން ވަނީ ފްލެޓްތަކުގެ އަދަދު 6،860 އަށް މަދުކޮށްފަ އެވެ. އަދި މަދު ކުރި 140 ފްލެޓްގެ ބަދަލުގައި، އެ ތަންތަން ހާއްސަ ކުރާނީ ވިޔަފާރީ ބޭނުންތަކަށް ކުއްޔަށް ދިނުމަށް ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

"ހަތް ހާސް ފްލެޓެކޭ އަޅުގަނޑުމެން ދެންނެވީ ހަމަ 7000 ފްލެޓް ހުރީމަ. އެބޭފުޅުން ވެރިކަމަށް ވަޑައިގެން އެއަށް ބަދަލެއް ގެނައުމަކީ އަޅުގަނޑުމެން ޒިންމާވާންޖެހޭ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ 7000 ހައުސިން ޔުނިޓުގެ ތެރެއިން، ގްރައުންޑް ފްލޯގައި ފިހާރަތަކެއް ހަދަން ނިންމީ މި ސަރުކާރުން ކަމަށާއި، އެކަމަކީ ރައީސް ޔާމީންގެ ސަރުކާރުން ޒިންމާވާން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

އަދި 7000 ފްލެޓަށް ލިޔުން ހަވާލުކޮށްފައި ވާނީ ވެސް 7000 މީހުންނަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެރީ ގެޒެޓްކޮށްފައި ފްލެޓް ލިބުނު މީހުންގެ ލިސްޓް. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެނގޭނެ މިކަން. މިއީ އޮޅުވާލެވޭނެ ކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

އެޗްޑީސީން ބުނެފައި ވަނީ ހައުސިން ޔުނިޓަށް އިތުރަށް 42 މިލިއަން ޑޮލަރު (647.6 މިލިއަން ރުފިޔާ) ހަރަދު ކުރަން ޖެހި، ފްލެޓެއްގެ މަހު ކުލި 11،000 ރުފިޔާއަށް އަރާނެ ކަމަށެވެ. އެއީ އެ ފްލެޓްތަކުގެ ކުލި 96.4 ޕަސެންޓްގެ ބޮޑުވުމެކެވެ.

މިކަމާ ގުޅިގެން މުއިއްޒު ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަކީ 5600 ރުފިޔާކަމަށް އެ މަޝްރޫއު އިފްތިތާހުކޮށްދެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަނޑައަޅުއްވައި ނިންމަވާފައިވެސްވާ ކަމަށެވެ.

comment ކޮމެންޓް