އެއާޕޯޓްގެ މަލަމަތި ބަދަލުވަނީ، އާ ވީއައިޕީ ޓާމިނަލް ނިމެނީ

ވީއައިއޭގެ އާ ވީއައިޕީ ޓާމިނަލް -- ފޮޓޯ:އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރޭ ހިމަނައިގެން ކުރިއަށްގެންދާ އާ ވީއައިޕީ/ސީއައިޕީ ޓާމިނަލްގެ މަސައްކަތް ނިމުމަކާ ގާތްވެއްޖެއެވެ.

އެމްއޭސީއެލްއިން ވަނީ އާ ވީއައިޕީ ޓާމިނަލްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބު ދައްކައިދޭ ފޮޓޯތަކެއް ހިއްސާކޮށްފައެވެ. ޓާމިނަލްގެ އެކްސްޓީރިއާ ފިނިޝިންގެ މަސައްކަތްތައް ކުރިއަށްދާއިރު އިންޓީރިއާގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އާ ވީއައިޕީ ޓާމިނަލް އަޅަނީ މިހާރުގެ ވީއައިޕީ ޓާމިނަލްއާއި ޖެހިގެން އޮންނަ ސަރަހައްދުގައެވެ. 2،200 އަކަމީޓަރުގެ ސަރަހައްދެއްގައި ހަދާ މި ޓާމިނަލްގެ ފުރަތަމަ ފިޔަވަހީގައި ހަތަރު ބުރީގެ އިމާރާތެއް ވަނީ އަޅައިފައެވެ.

ބޮޑެތި ސެލެބްރިޓީންނާއި މުއްސަނދިންނަށް ހިދުމަތްދޭ ފެންވަރަށް ހަދާ އާ ވީއައިޕީ ޓާމިނަލުގައި ފަސިންޖަރުންނަށް ޕްރައިވަސީ ލިބޭނެ ގޮތަށް ވަނީ ފަރުމާކޮށްފައެވެ. މި ޓާމިނަލްގެ މަސައްކަތް ކުރަނީ ޗައިނާގެ ބީޔޫސީޖީއިންނެވެ. އެކުންފުންޏަކީ އެއާޕޯޓު ތަރައްގީގެ މަޝްރޫއުގައި ހިމެނޭ ގިނަ މަސައްކަތްތައް ކުރަމުންދާ ކުންފުނިވެސްމެއެވެ.

އެ ކޮމްޕްލެކްސްގައި ވީއައިޕީއާއި ސީއައިޕީ ލައުންޖްތައް ހުންނާނީ ވަކިވަކިންނެވެ. އޭގެ އިތުރުން ވަކި ކޮޓަރިއެއް ބޭނުންވާ މީހުންނަށް އެކަންވެސް ހަމަޖެހޭނެކަމަށް އެމްއޭސީއެލް ވަނީ މީގެ ކުރިން ބުނެފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރީގެ ސަރުކާރުން ފަށާފައިވާ އެއް ބިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ކޯޑު އެފް ރަންވޭ އެއް ވަނީ ތަރައްގީ ކޮށްފަ އެވެ. ނަަމަވެސް އެތަނުގެ ބޭނުން އަދި ކުރަން ފަށާފައި ނުވަނީ ސީޕްލޭން ޓާމިނަލް ރިލޮކޭޓު ނުކުރެވެނީސް ކްލިޔަރިން ސްޕޭސް ނުލިބޭނެތީ ކަމަށް އެމްއޭސީއެލް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.

މި ޕްރޮޖެކްޓުގެ ދަށުން ޒަމާނީ ފިއުލްފާމަކާއި ކާގޯ ޓާމިނަލެއްގެ އިތުރުން ސީޕްލޭން ޓާމިނަލްއެއް ގާއިމް ކުރާއިރު އާ ޕެސެންޖާ ޓާމިނަލް އެއްވެސް ހަދާނެއެވެ.

comment ކޮމެންޓް