ހައުސިން މިނިސްޓަރުކަމުން އާތިފާ ވަކިކޮށްދިނުމަށް އެދި ރައީސް ނަޝީދަށް ސިޓީއެއް ފޮނުވައިފި

ހައުސިން މިނިސްޓަރު އާތިފާ ޝަކޫރު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ހައުސިން މިނިސްޓަރުގެ މަގާމު އަަދާ ކުރުމަށް އާތިފާ ޝަކޫރު ގާބިލު ނޫން ކަމަށް ބުނެ އޭނާ މަގާމުން ވަކިކޮށްދޭން އެދި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވައިފިއެވެ.

އާތިފާ މަގާމުން ވަކިކޮށްދޭން އެދި ރައީސް ނަޝީދަށް ސިޓީ ހުށަހެޅުއްވީ، އެމަނިކުފާނު ތަމްސީލުކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ، އެމްޑީޕީގެ ރައީސްކަން ކުރައްވާ އިބްރާހިމް ރަމީޒެވެ.

އެ ސިޓީގައި ރަމީޒް ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބުގައި ރައްޔިތުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓުދިން އެންމެ ބޮޑު އެއް ސަބަބަކީ އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ވައުދު ކަމަށެވެ. ނަމަވެސް، އާތިފާ މަގާމުގައި ހުންނެވުމުން ވައުދު ފުއްދުމާ ގާތަށްވެސް މަސައްކަތް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ކަނޑައި ދޭނެ ކަމަށް ވައުދުވީކަން ފާހަގަކޮށް، އެ ވައުދުވެސް ފުއްދުމާ ގާތަކަށްވެސް މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ކުރެވިފައި ނުވާ ކަމަށް ރަމީޒް ވިދާޅުވިއެވެ. ގޯތި ދޭނެ ގޮތުގެ ޕްލޭނެއްވެސް އެކުލެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި އަޅާފައިވާ ޕްލެޓުތައްވެސް އޭގެ ހައްގުވެރިންނާ ހަވާލު ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާ ކަމަށް ރަމީޒްގެ ސިޓީގައިވެއެވެ. އަދި ބޯހިޔާވަހިކަމުގެ ހިތްހަމަޖެހުން ހޯދައިދިނުމަށް މިނިސްޓަރު ނުކުޅެދިފައިވާ ކަމަށް ސިޓީގައިވެއެވެ.

އޭގެ އިތުރުން، މާލޭގެ ރައްޔިތުން އަދި ހާއްސަކޮށް މައްޗަންގޮޅި މެދު ދާއިރާގައި ކުރީގެ ސަރުކާރުތަކުން ފްލެޓު ލިބޭނެކަމަށް ބުނެ ދޫކޮށްފައި ހުރި އެކިއެކި ލިޔުންތަކާއި މިނިސްޓްރީއަށް ބޯހިޔާވަހިކަމަށް އެދި ހުށަހަޅާފައިވާ ފޯމުތަކަށް އެކަށީގެންވާ ޖަވާބެއް ރައްޔިތުންނަށް ދިނުމަށްވެސް ހައުސިން މިނިސްޓްރީ ނުކުޅެދިފައިވާ ކަމަށް އެ ސިޓީގައިވެއެވެ.

އެ ސަބަބުތަކާ ހުރެ، އާތިފާ އަކީ ހައުސިން މިނިސްޓަރުގެ މަގާމަށް ގާބިލު ބޭފުޅެއް ނޫން ކަމަށް ބުނެ އޭނާ އެ މަގާމުން ވަކިކޮށްށްދިނުމަށް ރަމީޒް އެދިފައިވެއެވެ.

"މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުން އެދިވަޑައިގަންނަވަނީ، މިހާރު މިނިސްޓަރ އޮފް ހައުސިންނާ ހަވާލުވެ ހުންނެވި އޮނަރަބަލް އާތިފާ ޝުކޫރަކީ ރައިސުލްޖުމްހޫރިއްޔާ އެ ވުޒާރާއާ ހަވާލުކުރައްވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ގާބިލުކަން ހުރި ބޭފުޅެއް ނޫންކަން، މަތީގައި ބަޔާންކުރެވުނު ކަންކަމުގެ އަލީގައި ޔަގީންވާތީ އެކަމަނާ މަގާމުން ވަކިކޮށްދެއްވާ ގާބިލް މިނިސްޓަރަކު އެ ވުޒާރާއަށް އައްޔަންކޮށްދެއްވުން އެދި ރައިސުލްޖުމްހޫރިއްޔާ އަރިހުގައި ދަންނަވައި ދެއްވުމަށް ޕާޓީގެ ރިޔާސަތުގައި އެދުމަށެވެ،" ރަމީޒްގެ ސިޓީގައިވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމެޓީގައި އާތިފާ ވަނީ އަންނަ މަހު ހިޔާ މަޝްރޫއުގެ 7000 ފްލެޓު ހައްގުވެރިންނަށް ދޫކުރާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެހެން ބުނެވުނީ އޮޅުމަކުން ކަމަށް ހައުސިން މިނިސްޓްރީއިން ބުންޏެވެ. އަދި ފްލެޓު ދެވޭނީ ސެޕްޓޭމްބަރު ހިސާބުގައި ކަމަށް ބުނެފައިވެއެވެ. އެކަމާ ގުޅިގެންވެސް އާތިފާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

comment ކޮމެންޓް