ކޮންމެ ވަގުތަކުވެސް ވޯކް ވިސާއަށް ހުށަހެޅޭނެ ގޮތަށް ހަދައިފި

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް -- ފޮޓޯ: އިމިގްރޭޝަން

މިއަދުން ފެށިގެން ހަފްތާގެ ހަތް ދުވަހުވެސް ވޯކް ވިސާއަށް އެދި ހުށަހެޅޭނެ ގޮތް ހަމަޖައްސައިފިއެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް މީގެ ކުރިން ސަރުކާރު ރަސްމީ ދުވަސްތަކުގައި ވިސާއަށް އެދި ހުށަހެޅުނު ނަމަވެސް މިއަދު ގެނައި ބަދަލާއެކު ހަފްތާގެ ކޮންމެ ދުވަހަކުވެސް، ކޮންމެ ވަގުތަކުވެސް ވިސާއަށް އެދި ހުށަހެޅޭނެ ކަމަށެވެ.

"މި ހުޅުވާލީ ހަމައެކަނި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅުމަށް. ވިސާ ޕްރޮސެސްވީމާ، ޕާސްޕޯޓުގައި ވިސާ ޖެހުން ކުރިއަށްދާނީ ސަރުކާރު ހުޅުވުމުން. މިވަގުތު ގިނަ ބަޔަކު ވިސާ އާކުރަން ޖެހިފައި ތިބުމާއެކު އެޕްލިކޭޝަނަށް ހުޅުވާލީ،" އިމިގްރޭޝަންގެ މީޑިއާ އޮފިސަރު މިފްތާހު މުހައްމަދު މިއަދު ވިދާޅުވިއެވެ.

އޭނާ ވިދާލުވީ އާންމު ހިދުމަތްތައް ދިނުމަށް އޮފީސްތައް ހުޅުވާލުމުގެ ހުއްދަ ދިނުމުން ވިސާޖެހުމަށް ޕާސްޕޯޓު ހުށަހަޅަން އެޕޮއިންޓުމންޓް ދޫކުރާނެ ކަމަށެވެ.

މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިން ރާއްޖެ އައުމަށްފަހު އެންމެ ފުރަތަމަ ދައްކަންޖެހޭ ވިސާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމުވެސް މިއަދު ވަނީ ހަމަޖައްސައިފައެވެ. މީގެ ކުރިން މި ފީ ދައްކަންޖެހެނީ މީރާއަށް ގޮސްގެންނެވެ.

މިއަދު ގެނައި ބަދަލުތަކާއެކު ވިސާއާ ގުޅޭ ހުރިހާ ހިދުމަތެއް އޮންލައިން ކުރެވިފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ކޮވިޑް19 އާއި ގުޅިގެން މާޗު 19 އިން ފެށިގެން ސަރުކާރު އޮފީސްތައް ބަންދުކޮށްފައި ވާތިއްޔާއި ލޮކްޑައުންގެ ސަބަބުން މާލޭ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާތީ، މި މުއްދަތުގެ ތެރޭގައި ޓޫރިސްޓު ވިސާ، ޑިޕެންޑެންޓު ވީސާ، ވޯކް ވިސާ އަދި އެހެނިހެން ވިސާގައި ރާއްޖޭގައި އުޅޭ ފަރާތްތަކުގެ ވިސާގެ މުއްދަތު އިތުރުކުރުމާއި ވިސާއަށް ފައިސާ ދެއްކުމުގައި ދަތިތަކެއް ހުރުމުން މާޗު 19 އިން ފެށިގެން ޖޫން މަހުގެ ނިޔަކަށް ވިސާގެ މުއްދަތު ހަމަވާ ފަރާތްތަކުން ވިސާ ފީގެ ޖޫރިމަނާގެ ފައިސާ ދައްކަން ނުޖެހޭނެކަމަށް އިމިގްރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް