މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ ކޮނާ މެކްގްރެގާ، އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) އިން ތިންވަނަ ފަހަރަށް ރިޓަޔާކޮށް އެކަން އިއުލާން ކޮށްފި އެވެ.
އުމުރުން 31 އަހަރުގެ މެކްގްރެގާ އެމްއެމްއޭއިން ރަސްމީކޮށް ރިޓަޔާ ކުރިކަން އޭނަގެ ޓްވީޓާ މެދުވެރިކޮށް އިއްޔެ ވަނީ އިއުލާން ކޮށްފަ އެވެ. މިއީ އޭނާ އެ ކުޅިވަރުން ރިޓަޔާ ކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން ދެފަހަރުވެސް ރިޓަޔާ ކުރުމަށްފަހު މެކްގްރެގާ އެނބުރި ކުޅިވަރަށް އައި އިރު މިފަހަރު ވެސް މިއީ އަދި ނިމުމެއް ނޫންކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
"އަހަރެން ބޮކްސިންގްއިން ރިޓަޔާ ކުރަން ނިންމައިފިން. މިކަމުގައި ލިބުނު ތަޖުރިބާތަކާއި، ހިއްސާ ކުރެވުނު ހަނދާންތަކަށް ޝުކުރުވެރިވަން،" މެކްގްރެގާ މީގެ ކުރިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށްފަހު އޭނަގެ މަންމައާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރަމުން ބުނެފައިވެ އެވެ.
މެކްގްރެގާ އަކީ ޔޫއެފްސީގެ ފެދާވެއިޓް އަދި ލައިޓްވެއިޓް ކުރީގެ ޗެމްޕިއަންއެކެވެ. މިދާއިރާއަށް މެކްގްރެގާ ނިކުމެ ފުރަތަމަ މެޗުގައި ފްލޯއިޑް މޭވެދާއާ ބައްދަލުކޮށް މެކްގްރެގާވަނީ ބަލިވެފައެވެ. އޭނާ މިފަހަރު ރިޓަޔާ ކުރި އިރު މެކްގްރެގާ ވަނީ މިހާތަނަށް ތެޅި 22 މެޗަކުން މޮޅުވެފަ އެވެ. އޭނާ މުޅި ކެރިއަރުގައި ވެސް ބަލިވެފައިވަނީ ހަތަރު ތެޅުމުންނެވެ.
އެމްއެމްއޭގައި މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ތެޅުންތެރިޔާ މެކްގްރެގާ ވަނީ އޭނާ އެ ކުޅިވަރުން ރިޓަޔާ ކުރުމަށް ވިސްނަމުންދާ ކަމަށް ބާރުލިބޭ ވާހަކަތަކެއް ވެސް މީޑިއާއަށް ހިއްސާ ކޮށްފަ އެވެ. އޭނާ ބުނީ ޔޫއެފްސީގެ ތެޅުމުން އޭނާއަށް މިހާރު ހިތްހަމަ ޖެހުމެއް ނުލިބޭ ކަމަށެވެ. އަދި އެކުޅިވަރު މަތިން ފޫހިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ބޮޑު ޖޫރުމަނާއަކާ އެކު ހަމަސް ދުވަހަށް ޔޫއެފްސީއިން މެކްގްރެގާ މިދިޔަ އޮކްޓޯބަރުމަހު ސަސްޕެންޑްކޮށްފައިވަނީ ޚަބީބްއާ ބައްދަލުކޮށް ބަލިވި މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުންނެވެ. މިހާދިސާގައި ޚަބީބުވެސްވަނީ ސަސްޕެންޑްކޮށްފައެވެ. އެއަށްފަހު މިއަހަރުގެ އޭޕްރީލް މަހު އަލުން ތެޅުމުގެ ފުރުސަތު މެކްގްރެގާއަށް ލިބިފައި އޮތް ނަމަވެސް ކޮރޯނާވައިރަހުގެ ސަބަބުން އެ ދޮރުވެސް ވަނީ ބަންދުވެފަ އެވެ.