ޖޯޖް ފްލޮއިޑްގެ ޖަނާޒާގެ ހުރިހާ ހަރަދަކާ ހަވާލުވުމަށް މޭވެދާ ބޭނުންވޭ

ޝްހޫރު ބޮކްސިން ތެޅުންތެރިޔާ ފްލޮއިޑް މޭވެދާ ---

އެމެރިކާގެ މިނެސޯޓާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ މިނިއާޕޮލިސް ގެ ފުލުހުން ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައިފައިވާ ޖޯޖް ފްލޮއިޑްގެ ޖަނާޒާގެ ހުރިހާ ހަރަދަކާއި ހަވާލުވާން ބޭނުންވާކަމަށް މަޝްހޫރު ބޮކްސިން ތެޅުންތެރިޔާ ފްލޮއިޑް މޭވެދާ ބުނެފި އެވެ.

ކަޅު ނަސްލުގެ މީހެއްގެ ކަމަށްވާ ޖޯޖް ފްލޮއިޑް 46، ފުލުހުން ހައްޔަރު ކުރުމުގެ ތެރޭގައި މަރުވި މައްސަލަ ހޫނުވެ، އެމެރިކާގެ ގިނަ ސްޓޭޓްތަކެއްގައި މިހާރު ދަނީ ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. އެ ހަމަނުޖެހުންތަކުގެ ތެރޭގައި އާއްމުންނާއި ފުލުހުންނާއި ދެމެދުގައި ވެސް ކުރިމަތިލުންތަކެއް ހިނގާފައިވާ އިރު ފްލޮއިޑަށް އިންސާފު ހޯދުމަށް ގޮވާލާ އަޑު ދުވަހަކަށް ވުރެން ދުވަހެއް ދަނީ އިތުރުވަމުންނެވެ.

ފްލޮއިޑްގެ މަރުގެ ތަހުގީގު ބާރު ސްޕީޑުގައި މިހާރު ކުރިއަށްދާ އިރު އޭނާ މަރުވި ގޮތް ޔަގީން ކުރުމަށް ހެދި އޮޓޮޕްސީ ރިޕޯޓް އިއްޔެ ވަނީ އާއްމުކޮށްފަ އެވެ. އެ ރިޕޯޓުގައި ވާގޮތުން ފްލޮއިޑް މަރުވީ ފުލުސް މީހާ އޭނާގެ ކަރަށް ކަކުލުން އަރައި ފިއްތައިގެން ހުރުމުން ސިކުނޑި އަށް އޮކްސިޖަން ނުލިބި، ނޭވާ ހާސްވެގެންނެވެ.

އޮޓޮޕްސީ ރިޕޯޓަށްފަހު ފްލޮއިޑްގެ ޖަނާޒާގެ ކަންކަން ފެށުމަށް އާއިލާއިން ތައްޔާރުވަމުން އަންނަ އިރު މަޝްހޫރު ބޮކްސިންގް ތަރި ފްލޮއިޑް މޭވެދާ ވަނީ ޖަނާޒާގެ ހަރަދުތަކާ ހަވާލުވާން ބޭނުންވާ ކަމަށް ބުނެ އާއިލާގެ ރުހުން ހޯދުމަށް އެދިފަ އެވެ. އަދި އާއިލާއިން ވެސް އެގޮތަށް ގަބޫލުވެފައިވާ ކަމަށް ގިނަ ރިޕޯޓްތަކަކުން ދަނީ ބުނަމުންނެވެ.

ބޮކްސިން ކެރިއަރުގައި ބަލިނުވެ 50 މެޗު ހަމަކުރި މޭވެދާގެ ޕްރޮޑަކްޝަން ކުންފުންޏަކުން ވަނީ އެކަން ޓްވިޓާގައި ވެސް އަންގާފަ އެވެ. ފޯބްސް އިން ރޭންކްކުރާ ދުނިޔޭގެ އެންމެ އާމްދަނީ ބޮޑު 100 އެތުލީޓުންގެ ލިސްޓުގެ އެއް ވަނަ އަށް 2018 ވަނަ އަހަރު އެރި މޭވެދާގެ މިލްކިއްޔާތުގައި ބިލިއަަން ޑޮލަރު ހުންނާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

ފްލޮއިޑްގެ ދިފާއުގައި މިހާރުވެސް ގިނަ ބަޔަކު ތިބި އިރު އޭނާގެ ޖަނާޒާގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ފްލޮއިޑް ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ފިހާރައެއްގެ ބޭރުންނެވެ. މެއި 25 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ޑެރެކް ޗައުވިން، 44، އެވެ.

އޭނާ ވަޒީފާ އިން ވަކިކޮށް މިހާރު ވަނީ މީހަކު މެރުމުގެ ދައުވާ އުފުލައިފަ އެވެ. އެކަމަކުގައި ބައިވެރިވި އަނެއް ތިން ފުލުހުންގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

comment ކޮމެންޓް