އެމެރިކާގެ މުޒާހަރާތަކުގައި ހަމަނުޖެހުންތައް މަދުވެ، ކާފިއުތައް އުވާލަން ފަށައިފި

ފްލޯއިޑްގެ މަރަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ އެމެރިކާގެ އެކި ސަރަހައްދުތަކުގައި ދަނީ މުޒާހަރާ ކުރަމުން -- ފޮޓޯ: ވޮޝިންޓަން ޕޯސްޓް

މިނިއާޕޮލިސް (ޖޫން 8): އެމެރިކާގައި ފުލުހުންގެ އަނިޔާވެރިކަމާއި ނަސްލީ އިމްތިޔާޒުތަކާ ދެކޮޅަށް ކުރިއަށްގެންދާ މުޒާހަރާތަކާ ގުޅިގެން މިދިޔަ ހަފްތާ ތެރޭ ބައެއް ސިޓީތަކުގައި އިއުލާން ކުރި ކާފިއު އުވާލަން ފަށައިފި އެވެ.

އެމެރިކާގައި އެ މުޒާހަރާތައް ފެށީ މިދިޔަ މަހުގެ 25ގައި ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޑެރެކް ޝޮވިން، ކަޅު ނަސްލުގެ ޖޯޖް ފްލޯއިޑް ހައްޔަރު ކުރި އިރު އޭނާގެ ކަރަށް ފައިން އެރުމުން އޭނާ މަރުވުމާ ގުޅިގެންނެވެ. އެ މުޒާހަރާތަކުގައި ބައެއް މީހުން ވަނީ ވިޔަފާރިތައް ލޫޓުވާ، އިމާރާތްތަކާއި އުޅަނދުތަކުގައި ރޯކޮށް، ފުލުހުންނާ ދިމާލަށް އެއްޗެހި އުކާފަ އެވެ.

އޭގެ ސަބަބުން 40 އަށް ވުރެ ގިނަ ސިޓީގައި ރޭގަނޑު ކާފިއު ހިންގި އެވެ. ނަމަވެސް އެ ކާފިއުއާ ހިލާފުވެ، އެތައް ހާސް މީހުން ފްލޯއިޑްގެ މަރަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މުޒާހަރާ ކުރި އެވެ.

އޭގެ ތެރެއިން ގިނަ މުޒާހަރާތައް މިހާރު ސުލްހަވެރިވެފައި ވުމުން ބައެއް ސިޓީތަކުން ވަނީ ކާފިއު އުވާލާނެ ކަމަށާއި އެއްވުންތައް ކޮންޓްރޯލް ކުރުމަށް ނެޝަނަލް ގާޑްގެ ސިފައިން ނެރުން ހުއްޓާލާނެ ކަމަށް ބުނެފަ އެވެ. އަދި ކާފިއު އުވާލާނެ ކަން އިއުލާން ކުރި ސިޓީތަކުގެ ތެރޭގައި ބޮޑެތި މުޒާހަރާތައް ބާއްވާ ނިއު ޔޯކާއި ޝިކާގޯ ހިމެނެ އެވެ.

އެ މުޒާހަރާތަކާ ގުޅިގެން މިހާތަނަށް 4،400 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފްލޯއިޑް ހައްޔަރު ކުރުމުގައި ބައިވެރިވި ހަތަރު ފުލުހުން ވަނީ މަގާމުން ދުރުކޮށްފަ އެވެ. އަދި ޝޮވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާކޮށްފައިވާ އިރު ދެން ތިބި ތިން ފުލުހުންގެ މައްޗަށް ވަނީ މީހަކު މެރުމުގައި އެހީވުމުގެ ދައުވާކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް