މުއިއްޒު އަދިވެސް ވިދާޅުވަނީ 5600 ރުފިޔާ އަށް ހިޔާ ފްލެޓް ދެވޭނެ ކަމަށް

ކުރީގެ ހައުސިންގ މިނިސްޓަރު ޑރ. މުއިއްޒު: ހިޔާ ފްލެޓް 5600ރ. އަށް ދެވޭނެ ކަމަށް ވަނީ ވިދާޅުވެފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން އަޅާ 7،000 ސޯޝަލް ހައުސިން ޔުނިޓްތަކަށް ފައިދާއާ އެކު މަހަކު 5600 ރުފިޔާ ނަގައިގެން ދެކޮޅު ޖެއްސޭނެ ކަމަށް ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު އެހެން ވިދާޅުވެފައި ވަނީ، އެ ފްލެޓްތަކަކީ ދަރަނީގެ ދަންތުރައެއް ކަމަށާއި، އެމްޑީޕީގެ ސިޔާސަތުގެ ދަށުން ހަދާފައިވާ ފްލެޓުތަކުގައި ބޮޑު ދަރަންޏެއް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެތަންތަން ހަދާފައި ވަނީ އަކަ ފޫޓަކަށް 1900 ރުފިޔާގެ ރޭޓުން ކަމަށާއި، އެހެންކަމުން ކުލީގެ ގޮތުގައި 11،000 ރުފިޔާ ޖެހޭ ކަމަށެވެ.

ޑރ. މުއިއްޒު މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަކީ 5600 ރުފިޔާ ކަމަށެވެ. އަދި އެކަން ނިންމާފައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ހިޔާ ފްލެޓްތަކުގެ ކޮންސްޓްރަކްޝަން ކޮސްޓްއާއި ހުރިހާ ފިނިޝިންގް ކޮސްޓް ވެސް ހިމަނައިގެން ޖެހޭ ވަރުގެ މައްޗަށް ފައިދާ ހިމަނާފައި ވެސް މަހަކު 5600 ރުފިޔާ، 20 އަހަރަށް ބަހާލައިގެން ފްލެޓް ލިބޭ ފަރާތުން ދެއްކުމުން ދެކޮޅު ޖެހޭތީ އެގޮތަށް ރައީސް ޔާމީން ނިންމެވީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ހުރިހާ ހަރަދުތަކާ ގުޅޭ ތަފާސް ހިސާބުތައް އާންމުކުރައްވައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، އެ ފްލެޓުތަކުން މަހު ކުލީގެ ގޮތުގައި 7000 ރުފިޔާ ނެގި ނަމަވެސް، އެޗްޑީސީއަށް ފައިދާކުރާނެ ކަމަށެވެ.

ނަމަވެސް އެޗްޑީސީން ބުނެފައި ވަނީ ހައުސިން ޔުނިޓަށް އިތުރަށް 42 މިލިއަން ޑޮލަރު (647.6 މިލިއަން ރުފިޔާ) ހަރަދު ކުރަން ޖެހި، ފްލެޓެއްގެ މަހު ކުލި 11،000 ރުފިޔާއަށް އަރާނެ ކަމަށެވެ. އެއީ އެ ފްލެޓްތަކުގެ ކުލި 96.4 ޕަސެންޓްގެ ބޮޑުވުމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ސަބްސިޑީތަކެއް ދީގެން، ފްލެޓުތަކުގެ ކުލި ކުޑަކުރަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ މަސައްކަތް އަދި ވެސް އެއްކޮށް ނިންމާލެވިފައި ނުވާއިރު މިދިޔަ ސަރުކާރު ނިމުމުގެ ކުރިން ވަނީ ފްލެޓްތައް ލިބޭނެ މީހުންގެ ލިސްޓްތައް އާންމު ކޮށްފަ އެވެ. ނަމަވެސް ހައްގު ވެރިންނަށް ފްލެޓް ނުލިބި އެކަމުގައި ނާޖާއިޒް ބާރާއި ނުފޫޒް ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް މި ސަރުކާރުން ވަނީ އެ ލިސްޓް މުރާޖައާ ކުރުމަށް ހާއްސަ ކޮމެޓީއެއް އެކުލަވާލާފަ އެވެ.

comment ކޮމެންޓް